30 މާޗް 2021 - 08:42

މެންޗެސްޓާ (މާޗް 30) - ފާއިތުވި އަހަރުތަކުގައި މެންޗެސްޓާ ސިޓީ އަށް މޮޅު ކުޅުމެއް ދެއްކި އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ 10 އަހަރަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
އެތުލެޓިކޯ މެޑްރިޑް ދޫކޮށް 2011 ވަނަ އަހަރު ސިޓީ އަށް ބަދަލުވި އަގުއޭރޯ ފަހަކަށް އައިސް ގިނަ މެޗުތަކުގައި ކުޅެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ސިޓީއާ އެކު ހަތަރު ފަހު ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާ އަގުއޭރޯ އަކީ އެ ކްލަބްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ ޓީމަށް 384 މެޗުން 257 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
އުމުރުން 32 އަހަރުގެ އަގުއޭރޯ ސިޓީއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އަދި އާ ކޮންޓްރެކްޓެއް އަގުއޭރޯ އަށް ނުދޭން ސިޓީން ނިންމާފައިވަނީ އޭނާ ވެސް އެ ގޮތަށް ބޭނުންވާތީ އެވެ.
"ކްލަބްގެ ވެރިންނާއި މި ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންގެ މަސައްކަތާ އެކު މި ކްލަބް މިހާރު ވަނީ ދުނިޔޭގެ އެންމެ މޮޅު ޓީމުތަކުގެ ތެރެއަށް ވަދެފައި،" އަގުއޭރޯ ބުންޏެވެ.
ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ވިދާޅުވީ އަގުއޭރޯ އެ ކްލަބަށް ކޮށްދިން ހިދުމަތް މީހުން ދެކޭނީ 10 އަހަރުގެ ގޮތުގައި ނޫން ކަމަށާއި އެ ކްލަބްގެ ތާރީހުގައި އަބަދުވެސް އަގުއޭރޯގެ ނަން ދެމި އޮންނާނެ ކަމަށެވެ. އަދި ސިޓީން 44 އަހަރަށް ފަހު އިނގިރޭސި ޗެމްޕިއަންކަން ހޯދި ގޯލު 2011 ވަަނަ އަހަރު ޖެހީ އަގުއޭރޯ ކަމަށާއި އެ ހިސާބުން ފެށިގެން އޭނާ އަކީ ސިޓީ ލެޖެންޑެއް ކަމަށް މުބާރަކް ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާގޮތުން ހިލޭ ޓްރާންސްފާއެއްގައި އަގުއޭރޯގެ ސޮއި ހޯދުމުގެ ފުރުސަތު ބޮޑީ ބާސެލޯނާ އެވެ. އެކަމަކު ޕީއެސްޖީ އާއި އިޓަލީގެ އިންޓަ މިލާން އަދި ޔުވެންޓަސް އިން ވެސް އަގުއޭރޯ ގެންދަން ޝައުގުވެރިވެ އެވެ. އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ވެސް އަގުއޭރޯ އަށް އެއް އަހަރުގެ ކޮންޓްރެކްޓެއް ދޭން ޝައުގުވެރިވެ އެވެ.