ކޮވިޑް-19: ރަށްރަށުން 69، މާލެ އިން 65 މީހަކު ކޮވިޑަށް ޕޮޒިޓިވް
ކޮވިޑް-19: ރަށްރަށުން 69، މާލެ އިން 65 މީހަކު ކޮވިޑަށް ޕޮޒިޓިވް

މިދިޔަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ފެތުރެމުންދާ ކޮވިޑް-19 މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޖެހުނު މީހުންގެ އަދަދު، ފުރަތަމަ ފަހަރަށް މާލެ އަށް ވުރެ ރަށްރަށުގައި ގިނަ ވެއްޖެ އެވެ.

ކޮވިޑްގެ ކޭސްތައް ރަށްރަށުގައި ގިނަވަމުން ދާއިރު، އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އަށް ވެސް 69 މީހަކު އެ ބައްޔަށް ޕޮޒިޓިވްވި އެވެ. މި ފަހުން އާއްމުކޮށް މާލެ ސަރަހައްދުން ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު 100 އާ ގާތްކުރި ނަމަވެސް، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އަލަށް ކޮވިޑް ޖެހުނީ 65 މީހަކަށެވެ. މުޅި ރާއްޖޭން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 147ގަ އެވެ.

އިއްޔެ ވެސް ރަށްރަށުން ބަލި ޖެހުނު މީހުންގެ އަދަދު ހުރީ ގާތްގަނޑަކަށް މާލެ ސަރަހައްދާ އެއްވަރެއްގަ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނިގޮތުގައި މިއަދު 3،472 ސާމްޕަލް ޓެސްޓު ކުރިއިރު، އޭގެ ތެރެއިން ރިސޯޓުތަކުން ޕޮޒިޓިވްވީ 10 މީހެކެވެ. އަދި ހަދަމުން އަންނަ ރިސޯޓުތަކާއި އިންޑަސްޓްރިއަލް ރަށްރަށުން ތިން މީހަކަށް ބަލި ޖެހުނެވެ.

ހޮސްޕިޓަލްތަކުގައި ފަރުވާ ދޭ މީހުންގެ އަދަދު މިހާރު ވަނީ 93 އަށް މަދުވެފަ އެވެ. މިއީ ވޭތުވެ ދިޔަ ދުވަސްތަކާ އަޅާބަލާއިރު މަދު އަދަދެކެވެ. އެކަމަކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2،759އަށް އަރައިފަ އެވެ.

ކޮވިޑްގައި މިހާތަނަށް ރާއްޖޭން 66 މީހަކު ވަނީ މަރުވެފަ އެވެ. ޅ. ހިންނަވަރުން އިއްޔެ މަރުވި މީހަކު ކޮވިޑަށް ޓެސްޓު ކުރި ޕޮޒިޓިވްވި ނަމަވެސް، ކޮވިޑް މަރެއްގެ ގޮތުގައި އެޔެއް ނުބަލަ އެވެ.