15 ނޮވެމްބަރ 2016 - 06:30

މާގަދަޔަށް އަދި އަބަދުހެން ބަނޑުހިކުމުގެ މައްސަލަތައް ދިމާވުމާއި ކިޑްނީގެ ބަލިތަކާ ގުޅުމެއް ވާކަމަށް އެމެރިކާގެ ސައިންސްވެރިން ހޯދި ހޯދުމަކުން ހާމަވެއްޖެ އެވެ.
ބަނޑުހަރުވުމަކީ ވަރަށް އާއްމުކޮށް ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. އަދި މިކަމުގެ ސަބަބުން ތަފާތު އަސަރުތައް އިންސާނުންގެ ސިއްހަތަށް ކުރެ އެވެ. އޭގެ ތެރޭގައި ހިތާއި ސިކުނޑިއާ ގުޅިފައިވާ ނާރުތަކަށް ޖެހޭ ބަލިތައް ވެސް ހިމެނެ އެވެ.
ގޮހޮރުގެ މައްސަލަތަކާއި ކިޑްނީއާ ގުޅުންތަކެއް ވާކަން އަހަރެމެންގެ ހޯދުންތަކުން ދައްކާ،" މިކަމާ ގުޅޭ ގޮތުން މިފަހަރު ކުރި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި އެމެރިކާގެ ސައިންސްވެރިޔާ ވިދާޅުވެފައިވެ އެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި ބަނޑުހަރުވާ މައްސަލަ ހުންނަ މީހަކަށް، އެ މައްސަލަ ނުހުންނަ މީހަކަށް ވުރެ ކިޑްނީގެ ބައްޔެއް ޖެހުމުގެ ފުރުސަތު 13 ޕަސެންޓް އިތުރެވެ. އަދި ކިޑްނީ ފެއިލްވުމުގެ މައްސަލަ ދިމާވުމުގެ ފުރުސަތު ނުވަ ޕަސެންޓް އިތުރުވެ އެވެ.
ބަނޑުހަރުވުމުގެ މައްސަލަ އިތުރުވާ ވަރަކުން ކިޑްނީގެ ބަލިތަކާއި ކިޑްނީ ފޭލްވުމުގެ މައްސަލަތައް ގޯސްވާ ކަމަށް ދިރާސާކުރި ސައިންސްވެރިން ބުނެފައިވެ އެވެ.
މި ދިރާސާ ހެދި ސައިންސްވެރިންގެ ޓީމުން މިފަހަރު ޗެކްކުރީ އެމެރިކާގެ މީހުންގެ ތެރެއިން އުމުރުން ދުވަސްފައިވާ 3.5 މިލިއަން މީހުންނެވެ. މި މީހުން 2004 ވަނަ އަހަރު އާއި 2006 ވަނަ އަހަރު ޗެކް ކުރިއިރު އެއްވެސް މީހެއްގެ ކިޑްނީ މައްސަލައެއް ނެތެވެ. އޭގެ ފަހުން 2013 ވަނަ އަހަރުވެސް މި މީހުން އަނެއްކާ ޗެކް ކުރި އެވެ.
މިފަހަރުގެ ނަތީޖާ ދެއްކީ ކިޑްނީގެ ސިއްހަތަށް ފަރުވާތެރި ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް އެދެވޭ ހެޔޮ ބަދަލުތަކެއް ގެނެސްގެން ނުވަތަ ޕްރޮބައޮޓިކްސް ފަދަ އެއްޗެތި ބޭނުންކުރުމަކީ ކިޑްނީގެ ބަލިތަކުން ދިފާއުވެވޭ ކަމެއް ކަމަށެވެ. އަދި މާ ގަދަޔަށް އަބަދު ބަނޑު ހިކޭތީ އުޅޭ މީހުން ކިޑްނީ ފަންކްޝަން ރަނގަޅުތޯ ގަވާއިދުން ޗެކް ކުރަމުން ގެންދިއުމުގެ މުހިއްމުކަން މި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.