29 މާޗް 2021 - 15:49

ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަކީ ވެރިކަމުގެ ނިޒާމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިތުގެ އަޑިން ގަބޫލުފުޅު ކުރައްވާ ކަމަށާއި އެ މަނިކުފާނަކީ ބަރުލަމާނީ ތަޖުރިބާ އެންމެ ބޮޑަށް ލިބިވަޑައިގެންފައިވާ އެއް ބޭފުޅާ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، މަޖިލީހުން ކުރާ "ފުން މަސައްކަތަކަށް" ސަރުކާރުން ޖާގަ އާއި އެއްބާރުލުން ދީ އަދި މައުލޫމާތު ފޯރުކޮށްދޭތީ ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
މަޖިލީހުން އެދޭ މައުލޫމާތެއް ފޯރުކޮށްދިނުމަކީ ގާނޫނީ ގޮތުން ވެސް ސަރުކާރަށް ލާޒިމުވާ ކަމެއް ކަމަށާއި ނަމަވެސް ސަރުކާރުން އެއްބާރުލުން ދޭން ނޭދޭ ނަމަ ވަރަށް ގިނަ ކަންކަން އެކި ގޮތްގޮތައް ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް ފެންނަނީ ސަރުކާރުން މަޖިލީހަށް ޖަވާބު ދާރީވުމަށް އެދޭ ތަން ކަމަށާއި އެއީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަމަށް ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިތުގެ އަޑިން ގަބޫލުފުޅު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމު ނުވަތަ ޕާލިމެންޓަރީ ސިސްޓަމެއްގައި ދައުލަތް ހިންގާނީ މަޖިލީހުންނެވެ. ސަރުކާރުގެ ވެރިއަކަށް ހުންނަވާނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ.
ނަޝީދަކީ ރާއްޖޭގައި 2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމާ މެދު އާންމު ވޯޓެއް ނެގިއިރު ވެސް ބަރުލަމާނީ ނިޒާމު ރާއްޖެ ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މިހާރު ވެސް ރާއްޖޭގައި އޮންނަން ޖެހޭނީ ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު ވިދާޅުވެ އެވެ.
ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވައި ނަޝީދު ވާހަކަފުޅު ދައްކަވަމުން ގެންދެވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވުރެ ބޮޑަށް އިސްކަން ދެއްވަން ޖެހިވަޑައިގެންފައި ރައްޔިތުންނަށް ވި ވައުދު ފުއްދުމަށް ކަމަށެވެ.
އޮގަސްޓް 18، 2007 ގައި ބޭއްވި އިންތިހާބުގައި ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސެންޓް ރައްޔިތުން ތާއީދުކޮށްފައި ވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބާއްވާށެވެ.