15 ނޮވެމްބަރ 2016 - 06:26

އެކްޓަރު ސިދާރްތު މަލްހޯތުރާ ގަބޫލުކުރާ ގޮތުގައި އާ ވައްތަރު ވައްތަރުގެ ފިލްމުތަކުގައި މަސައްކަތްކޮށްގެން ފެއިލް ވުމަކީ އަބަދު އެއް ކަހަލަ ފިލްމުތަކެއް ކުޅުމަށްވުރެ މާ ރަނގަޅު ކަމެކެވެ. އަދި އޭނާގެ އެންމެ ފަހުގެ ފިލްމު "ބާރް ބާރް ދޭކޯ" ގެ ނާކާމިޔާބީ އަށް ފަހު ބިރު ކެނޑިފައިވާ ކަމަށާއި ކޮންމެ ކަހަލަ ފިލްމެއް ވެސް ކުޅެލުމުގެ ހިތްވަރު ލިބިއްޖެކަމަށް ވެސް ސިދާރްތު ބުނެފައިވެ އެވެ.
"އަހަރެން މިހާރު ފެއިލް ވެދާނެތީ ބިރެއް ނުގަނޭ. އެ ބިރު "ބާރް ބަރް ދޭކޯ" ގެ ނާކާމިޔާބުން ފިލައި ހިނގައްޖެ. މިހާރު ފިލްމީ ވިޔަފާރި އަހަންނަށް މާ ރަނގަޅަށް ދަސްވެއްޖެ،" ސިދާރްތު ބުނެފައިވެ އެވެ.
ނިއުޒިލެންޑްގެ ޓޫރިޒަމްގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރާ ސިދާރްތު ބުނީ މިހާރު ފިލްމެއް ފްލޮޕްވެދާނެތީ ބިރުން އުޅެން ނުޖެހޭ ކަމަށެވެ. އޭނާ ބުނީ ފިލްމު އިންޑަސްޓްރީގައި ކަންތައްތައް ވަމުންދާ ގޮތް މިހާރު ވަނީ ރަނގަޅަށް ދަސްވެފައި ކަމަށެވެ.
ކަރަން ޖޯހަރްގެ "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން 2012 ގައި ފިލްމީ ދުނިޔެއަށް ނުކުތް ސިދާރްތު ވަނީ އޭގެ ފަހުން ކުޅުނު "އޭކް ވިލަން" އާއި "ބްރަދާޒް" ފަދަ ފިލްމުތަކުގައި އޭނާގެ ކުޅަދާނަކަން ދައްކާލާފަ އެވެ.
ސިދާރްތު މިހާރު ކުޅެމުންދަނީ ޖެކްލީން ފެނާންޑިސްއާ އެކު ކުޅެމުންދާ އަދި ނަމެއް ހަމަނުޖެހޭ އެކްޝަން ފިލްމެކެވެ. އޭނާ ބުނި ގޮތުގައި އެމީހުން ވަނީ މަޔާމީ އާއި ތައިލެންޑް އަދި ގޯއާ ގައި އެ ފިލްމު ޝޫޓްކޮށްފަ އެވެ.
މި ފިލްމަށްފަހު ދެން ސިދާރްތު ކުޅުމަށް ހަމަޖެހިފައިވަނީ "އިއްތިފާގު" އެވެ. މިއީ މުސްކުޅި ހިންދީ ފިލްމެއް މިޒަމާނުގެ ގޮތަށް ބަދަލުކޮށްލައިގެން އުފައްދާ ސިއްރު މަރެއްގެ ވާހަކަ އެވެ.