ކޮރޯނާވައިރަސް އުފެދިގެން އައީ ވާލުގެ ފަރާތުން، ލެބަކުން ބޭރުވި އެއްޗެއް ނޫން: ރިޕޯޓް
ކޮރޯނާވައިރަސް އުފެދިގެން އައީ ވާލުގެ ފަރާތުން، ލެބަކުން ބޭރުވި އެއްޗެއް ނޫން: ރިޕޯޓް

ވޫހާން (މާޗް 29) - ކޮވިޑް-19 ޖައްސާ ސާސް-ކޯވް-2 ވައިރަސް އެންމެ ފުރަތަމަ އުފެދިގެން އައީ ވާލުގެ ޒަރީއާއިން ކަމަށާއި އެއީ ލެބޯޓްރީއަކުން ބޭރުވި އެއްޗަކަށްވުމުގެ ފުރުސަތު ކުޑަ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ތަޖްރިބާކާރުންގެ ރިޕޯޓުގައި ބުނެފި އެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، އެ ވައިރަހުގެ ހަގީގަތް ހޯދުމަށް ޗައިނާގެ ވޫހާން ސިޓީ އަށް ޖެނުއަރީ މަހު ދިޔަ ޓީމުގެ ރިޕޯޓުގައި ބުނެފައި ވަނީ ވައިރަސް އުފެދުނު ގޮތުގެ އެއް ތިއަރީއަކީ ވާލުގެ ޒަރީއާ އިން އިންސާނުން ސީދާ އެ ވައިރަސް ވާސިލްވުން ކަމަށެވެ. އަނެއް ތިއަރީއަކީ ވާލުގެ ޒަރީއާ އިން އެ ވައިރަސް އެހެން ޖަނަވާރަކަށް ވާސިލްވެ އެ ޖަނަވާރުގެ ފަރާތުން އިންސާނުންނާ ހަމައަށް ފޯރުން ކަމަށެވެ.

ވޫހާންގެ ލެބަކުން ވައިރަސް ބޭރުވި ކަމަށް ބުނާ ތިއަރީ ރިޕޯޓުގައި ވަނީ ނާދިރުކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. ކޮރޯނާވައިރަހަކީ ވޫހާން އިންސްޓްޓިއުޓް އޮފް ވައިރޮލޮޖީން ބޭރުވި އެއްޗެއް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފަ އެވެ. ރިޕޯޓުގައި ބުނެފައި ވަނީ ޑިސެމްބަރު 2019 ގެ ކުރިން ސާސް-ކޯވް-2 ވައިރަހުގެ އެއްވެސް ވައްތަރެއް އެއްވެސް ލެބެއްގައި ހުރިކަން ރެކޯޑްތަކުން ނުދައްކާ ކަމަށެވެ. ވޫހާން ލެބުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

ކޮރޯނާވައިރަސް ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ވޫހާން ސިޓީންނެވެ. އެ ވައިރަސް ފެނުނުކަން ޑަބްލިއުއެޗްއޯ އަށް އަންގާފައި ވަނީ ޑިސެމްބަރު 31، 2020 ގަ އެވެ. އޭގެ ފަހުން މިހާތަނަށް ވަނީ އެ ވައިރަހަށް 127.8 މިލިއަން މީހުން ޕޮޒިޓިވްވެ 2.7 މިލިއަން މީހުން މަރުވެފަ އެވެ.