29 މާޗް 2021 - 15:26

މާލެ ސަރަހައްދަށް މިއަދު ވަރަށް ބޮޑަށް މޫސުން ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން އެމްޓީސީސީގެ ފެރީ ޚިދުމަތަށް ބުރޫ އަރައިފި އެވެ.
އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ ކަނޑުގަދަވުމުގެ ސަބަބުން ފެރީ ޚިދުމަތް ތާވަލާ އެއްގޮތަށް ނުގެންދެވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ޚިދުމަތް ހޯދާ މީހުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފަ އެވެ.
އެމްޓީސީސީން އަންނަނީ މާލެ-ވިލިމާލެ، މާލެ-ހުޅުލެ އަދި މާލެ-ހުޅުމާލެއާ ދެމެދު ފެރީ ދަތުރުތައް ކުރަމުންނެވެ.
މިއަދު މޫސުން ގޯސްވުމުގެ ސަބަބުން އެ ދަތުރުތައް ވަނީ ލަސްވެފަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކަނޑުގަދަވުމުގެ ސަބަބުން ހުޅުލެ އާއި މާލެއާ ދެމެދުގެ ދަތުރުތައް ވަކި ވަގުތަކަށް މެދުކަނޑައިލަން ވެސް އެމްޓީސީސީން ނިންމި އެވެ.
ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގަދަ ވަޔާ އެކު މާލޭގެ އިތުރުން ރާއްޖޭގެ ބައެއް ރަށްތަކަށް ވަނީ އެކިވަރުގެ ގެއްލުން ވެފަ އެވެ. އެގޮތުން، މާލޭގެ ގަސްތަކެއް ވެއްޓިފައިވާއިރު ދެކުނުގެ ބައެއް ރަށްރަށުގައި ވަނީ ފެން ބޮޑުވެފަ އެވެ. ބައެއް ގޭގެ އަށް ފެން ވަދެ، ފުރާޅު މައްޗަށް ރުއްގަސް ވެއްޓި، ހިފައި ގެންގުޅޭ ތަކެއްޗަށް ވެސް ގެއްލުން ލިބެމުންދާ ކަމުގެ ރިޕޯޓުތައް ލިބެ އެވެ.
ވައިގަދަވުމުގެ ސަބަބުން ކަނޑުގަދަވެ އުޅަނދުފަހަރުތައް ބަންޑުން ޖަހާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ. އެހެންވެ، މޫސުމަށް ސަމާލުކަން ދިނުމަށް ސިފައިން ވަނީ އެދިފަ އެވެ.