30 މާޗް 2021 - 08:46

ރާއްޖެއަށް ސިޔާސީ އިސްލާހުތައް ގެނައުމުގެ ބުރަ މަސައްކަތުގެ އެއް ބައިވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) އުފައްދަވާ އެއް ސުވާލަކީ މި އެވެ؛ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދޭނަމޭ މަޖިލީހުގެ ރައީސަށް ވައުދުވެވަޑައިގެންނެވޭނީ ކިހިނެއް ހެއްޔެވެ؟

"އެއީ މަޖިލިސްގެ ރައީސްގެ ޒިންމާއެއް ވެސް ނޫން އަދި އެ މަގާމުގެ ވާޖިބެއް ވެސް ނޫން،" މިހާރު އޮތް ގާނޫނުއަސާސީ އެކުލަވާލިއިރު ޑްރާފްޓިން ކޮމިޓީގެ މުގައްރިރު ވިދާޅުވި އެވެ.

"މަޖިލީހުގެ ގަވައިދުގައި ވެސް ވަރަށް ސާފުކޮށް ފެންނަން ހުންނާނެ މަޖިލީހުގެ ރައީސްގެ ދައުރަކީ ކޮބައިކަން. އެކަމަކު އެއާ ހިލާފަށް އަޅުގަނޑަށް ކޮންމެ މަންޒަރެއް ވެސް މި ފެންނަނީ."
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންތައްތައް ކުރައްވާ ގޮތުން، އިބްރާ ވިދާޅުވި ގޮތުގައި، މުޅި ނިޒާމު އޮޅުލާވައިފި އެވެ. އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި، ބާރުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮތް އިރު، ރައްޔިތުންގެ މަޖިލީހުގެ ދައުރު ވެސް އެއީ އޮޅުމެއް ނެތް ގޮތަށް ފެންނާށެވެ. އެކަމަކު އޭނާ ސިފަކުރައްވަނީ، ނަޝީދު ތަންފީޒީ އިދާރާގެ ބާރުގެ ތެރެއަށް ވަދެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ހަމަ އަޖައިބުވޭ މަޖިލީހުގެ ރައީސް އިރުއިރުކޮޅާ އެބަ ވިދާޅުވޭ ސަރުކާރުން މިވެނި ކަމެއް ކުރާނެއޭ. މިއީ މަޖިލީހުގެ ރައީސާ ބެހޭ ކަމެއް ނޫނެއް ނޫންތޯ. އެ ވާހަކަ ދައްކަވާނީ ރައީސް. ދައުލަތް ހިންގުމުގެ ސިޔާސަތު ކަނޑައަޅާނީ ރައީސޭ މިއީ ގާނޫނުއަސާސީގައި ސާފުކޮށް އޮތް ވާހަކައެއް،" އެމްޑީޕީ އުފައްދަން އެންމެ ފުރަތަމަ ސޮއިކުރެއްވި، އަދި އެ ޕާޓީގެ ފުރަތަމަ ރައީސް އިބްރާ ވިދާޅުވި އެވެ.
އެކަމަކު ސަރުކާރުން ގޯސް ކަމެއް ކުރާ ނަމަ، މަޖިލީހުގެ ތެރެއިން އެކަން ބެލުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި އެކަމަށް ވެސް އުސޫލުތަކެއް މަޖިލީހުގައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ގޯހެއް ހަދާ ނަމަ ރަނގަޅު، އެކަމެއް ބަލަންވާނެ. އެކަމަކު އެކަން ކުރާނީ މަޖިލީހުގެ ރައީސް ނުކުމެ މިވެނި ވަޒީރަކު ވައްކަން ކޮށްފިއޭ ކިޔާ ހަޅޭއްލަވައިގެނެއް ނޫން. އެކަން ކުރަން އޮންނާނެ މަޖިލީހުގެ ކޮމެޓީތަކެއް. މައްސަލަ ހުށަހަޅަން ޖެހޭ ތަނަށް މައްސަލަ ހުށަހަޅައިގެން އެކަން ބެލޭނެ ގޮތް [މަޖިލީހުގެ] ގަވައިދުތަކުގައި އެބަ އޮތް،" ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރުކަން ވެސް ކުރެއްވި އިބްރާ ވިދާޅުވި އެވެ.
"މަޖިލީހަށް އޮންނަ ބާރެއް ނޫން ބުލީކޮށް ބިރު ދައްކައި އެކަހަލަ ކަންކަން ކުރުމަކީ. މަޖިލީހާއި ކޯޓުތަކުގެ މަސްއޫލިއްޔަތަކީ ކޮބައިކަން ގާނޫނުއަސާސީގައި އޮންނާނެ. މަޖިލީހުގައި މި އޮންނަނީ މައިގަނޑު ދެ ކަމެއް. އެއް ކަމަކީ ގާނޫނުތައް ހެދުން. ނުވަތަ އިސްލާހުތައް ގެނައުން. ވެރިކަން ހިންގާ ފަރާތަށް މިއޮންނާނީ ސިޔާސަތުތައް ތަންފީޒުކުރުން،" އޭނާ ވިދާޅުވި އެވެ.
އިބްރާގެ ނަޒަަރުގައި ނަޝީދުގެ މަސައްކަތްޕުޅު މިހާރު ހުންނަ ގޮތުން މުޅި ނިޒާމު ގަޑުބަޑުކޮށްލައި، "މިކަމަކާ ހެދި މުޅި ގައުމުގެ ހިމޭންކަން ނަގާލައިފި" އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރަށް ތިން އަހަރު، އަދި އެމްޑީޕީގެ ބޮޑު މެޖޯރިޓީއަކާ އެކު އިންތިހާބުކުރި މަޖިލީހަށް ދެ އަހަރު ވީ އިރު ފެންނަމުން ދަނީ ނުވެގެން އުޅޭ މަންޒަރެވެ.
"ކެމްޕޭންގައި ރައީސް ދެއްކެވި ވާހަކައަކީ އަދުލުއިންސާފު ގާއިމްކޮށްދެއްވާނެ ވާހަކަ. އެހެން ކަމަކަށް ނޫނޭ ރައްޔިތުން ވޯޓު ދިނީ. ގައުމުގައި އިންސާފު ނެތީމަ އެއަށް ވޯޓު ދިނީ. އޭރު ބުނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެންނޭ އެކަން ވާނީ،" އިބްރާ ވިދާޅުވި އެވެ.
"ރައްޔިތުން މެޖޯރިޓީއެއް ނޫންް އެކަނި އެމްޑީޕީ އަށް ދިނީ. ގާނޫނުއަސާސީ ބަދަލުކުރެވޭ ވަރަށް މެޖޯރިޓީ ދީފި. މަޖިލީހަށް ދެ އަހަރު ވީ. ސަރުކާރަށް ތިން އަހަރު ވީ. ހަރާމުން ހަރާމުން ވީ ކަމެއް ނެތް."
އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ނަޝީދު މަޖިލީހުގެ ގަވައިދުތަކާ ހިލާފަށް ވެސް، އަދި މެންޑޭޓުން ވެސް ބޭރުން އަންނަނީ ކަންތައްތައް ކުރައްވަމުން ކަމަށެވެ. އޭނާ ފާހަގަކުރެއްވި އެއް ކަމަކީ، ޖަލްސާތަކުގެ ބަހުސްގައި ނަޝީދު ބައިވެރިވެވަޑައިގެންނެވުމެވެ.
"ދުނިޔޭގެ ކޮން ގައުމެއްތޯ އޮތީ ޕާލަމެންޓްގެ ސްޕީކަރު ބަހުސް ތެރޭގައި ބައިވެރިވާ ޕާލަމެންޓެއް. އެކަމަކު 19 ވަނަ މަޖިލީހުން އަޅުގަނޑަށް މި ފެންނަނީ އެ މަންޒަރު. މަޖިލީހުގެ ރައީސަކީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެއް ނޫން. އެކަމަކު ބަހުސްގައި ކޮންމެ މެމްބަރަކު ވާހަކަ ދެއްްކީމަ ދެން މި އަންނަނީ މަޖިލީހުގެ ރައީސް ވާހަކަ ދައްކާ ވަގުތު. ދޮޅު ގަޑިއިރުގެ ބަހުސެއް ވިއްޔާ ބައި ގަޑިއިރު އެއީ މަޖިލީހުގެ ރައީސްގެ ވަގުތަށް ވެފައި މިއޮތީ،" އިބްރާ ވިދާޅުވި އެވެ.
"މުޅި މަޖިލިސް ހަރާބު ކޮށްފިއޭ މިހާރު."
މަޖިލީހުގެ ރައީސް ބަހުސްގައި ބައިވެރިވެވަޑައިގަތުމުގެ މައްސަލަ މީގެ ކުރިން އިދިކޮޅުން ވެސް ކުރިމަތިކުރި އެވެ. އިބްރާ ވިދާޅުވި ގޮތުގައި އެގޮތަށް ބަހުސްގައި ބައިވެރިވެވަޑައިގަތުމުން ދިމާވާނެ މައްސަލަތަކެއް އެބަ ހުއްޓެވެ.
"މަޖިލީހުގެ ރައީސަކީ މަޖިސް ހިންގާ މީހާ. އޭނާ އެއްވެސް ކޮޅަކަށް ޖެހިގެނެއް ނުވާނެ. އެކަމަކު މިހާރު ކޮންމެ މެމްބަރަކު ވާހަކަ ދައްކާ ނިމުނީމަ މަޖިލީހުގެ ރައީސް އެއަށް ކިހިނެއްތޯ ޖަވާބު ދެއްވާނީ ވަކި ކޮޅަކަށް ނުޖެހި،" އިބްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސުޕަ މެޖޯރިޓީ ނަގައިގެން އެމްޑީޕީން އެ ހަދަނީ ވަރަށް ބޮޑެތި ގޯސްތަކެއް ކަމަށެވެ.
"ވެރިކަން ހަވާލުކުރީމަ ވެސް ވީ އެވަރު،" ރައީސް ނަޝީދުގެ ރައީސް ކަމަށް އިޝާރާތް ކުރައްވައި އިބްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީ ފާސްކުރި ފަހުން 15 އަހަރު ވީ އިރު، އެ ގާނޫނުއަސާސީގެ ދަށުން ހަދަން ޖެހޭ 70 އަށް ވުރެ ގިނަ ގާނޫނުގެ ތެރެއިން ދެބައިކުޅަ އެއްބައި ގާނޫނު އަދިވެސް ހުރީ ނުހެދި ކަމަށެވެ. އޭގެ ތެރެއިން އެއް ގާނޫނުގެ ގޮތުގައި އިބްރާ ފާހަގަކުރެއްވީ މަދަނީ އަދުލުގެ ނިޒާމުގެ ގާނޫނެވެ.
"އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ ސުޕްރީމް ކޯޓަށް މިހާރު އައިސްފައި އޮތް ބަދަލު. އެކަމަކު ދެން ހުރި ކޯޓުތަކާއި ފަނޑިޔާރުން ކިހިނެއްތޯ. އެ ބޭފުޅުން ކިހިނެއްތޯ މަސައްކަތްކުރާނީ؟ ކޮބައިތޯ މަދަނީ އަދުލުގެ ގާނޫނު،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ސުޕަ މެޖޯރިޓީއާ އެކު އެމްޑީޕީ އަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިފައިވާ އިރު ކުރަން އުޅެފި ނަމަ އެކަން ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ދެން އޭނާ ވިދާޅުވީ "ނޭންގެންޏާ ކުރާނީ ކީއް؟" މިހެންނެވެ.
"ކަންތައްތައް ކުރަން އުޅެންޏާ ވާނެ. އަޅުގަނޑުމެން މަޖިލީހުގައި ތިބިއިރު އެމްޑީޕީ ނުވަތަ އިސްލާހީ ފިކުރުގެ ތިބީ އެންމެ އަށެއްކަ މެމްބަރުން. އަޅުގަނޑުމެން ނުކުމެ ތިބީ މެޖޯރިޓީ ނެތި. އެކަމަކު ވެސް އެ މަޖިލީހުން ވެސް އަޅުގަނޑުމެން ބޭނުންވި ކަންކަން ހޯދީމޭ. ފާސްކުރީމޭ. އެކަން ކުރީ އިދިކޮޅު މީހުންގެ ކަރުގައި ހިފައިގެން އައުގުރާނަ ގޮވައިގެނެއް ނޫން. ހެޔޮ ވާހަކަ ދައްކައިގެން ވިސްނުންތެރިކަމާ އެކު. ފެކްޓާ އެކު މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކައިގެން ވިސްނައިދީގެން،" އިބްރާ ވިދާޅުވި އެވެ.
ގާނޫނުއަސާސީ އަށް އެމްޑީޕީން ގެންނަން ބޭނުންވި ބަދަލުތަކުގެ 98 ޕަސެންޓް ބަދަލު ގެނައިކަން ވެސް އިބްރާ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ ހާއްސަ މަޖިލީހުގައި އިސްލާހީ ފިކުރުގެ އެންމެ 27 މެމްބަރުންް ތިބެ، އަދި ސަރުކާރު ކޮޅުގައި 90 މެމްބަރުން ތިއްބާ ބަދަލުތައް ގެނައީ ވިސްނުން އިސްކޮށްގެން ކަމަށެވެ.
"އެކަމަކު މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން އެ ތިބީ. މަޖިލީހުގެ ރައީސަކީ އެމްޑީޕީ. އެކަމަކު ވެސް ކީއްތޯ މި ކުރަނީ؟" އިބްރާ ވިދާޅުވި އެވެ.
ރައީސް ނަޝީދަށް މިހާ ފާޅުކަން ބޮޑުކޮށޤ އިބްރާ ފާޑު ވިދާޅުވި މިއީ ފުރަތަމަ ފަހަރެވެ. މި ހަމަލާތައް ނަޝީދަށް އިބްރާ ދެއްވި އިރު އިބްރާގެ ކޮއްކޮ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ނަޝީދުއާ ދެމެދު ވަނީ ވަރަށް ބޮޑަށް ގުޅުން ގޯސްވެފަ އެވެ. އަދި ފައްޔާޒުގެ ބޮލުގައި ނަޝީދު ވަނީ ކޮރަޕްޝަންގެ ތުހުމަތު ވެސް އަޅުވައިފަ އެވެ. އެކަމަކު އިބްރާ ވިދާޅުވީ އެއް އިރެއްގައި ވެސް އޭނާ އަކީ ސިޔާސީ ގޮތުން އާއިލާގެ ދިފާއުގައި ނުކުންނަވާ ބޭފުޅެއް ނޫން ކަމަށެވެ.
"އާއިލީ ކަންކަން އޮންނާނީ ގޭގެ ބަދިގޭގެ ކާ މޭޒުމަތީގައި. އަޅުގަނޑުގެ ކޮއްކޮއެއް ފައްޔާޒަކީ. އަޅުގަނޑުމެން ދެ މީހުން ވަރަށް ލޯބި ވެސް ވާނެ. އެކަމަކު އަޅުގަނޑުގެ ޓްވީޓްތައް ބައްލަވާ ފައްޔާޒުގެ މިނިސްޓްރީގެ ކަންކަމަށް އަޅުގަނޑު ކިޔާފައި ހުރި ފާޑު. އެހެންވެ މިއީ ޒާތީ ކަމެއް ނޫން ފަހަރެއްގައި ވެސް. އަޅުގަނޑަކީ އިސްލާހަށް މަސައްކަތް ކުރި މީހެއް. އިސްލާހު ގެންނަން ބޭނުންވި މީހެއް،" އިބްރާ ވިދާޅުވި އެވެ.
އެކަމަކު އެ އިސްލާހީ ދަތުރުގެ ތެރެއިން އުފަންވި އެމްޑީޕީ، މިއަދު ފުޅާވެ ބާރުތައް ލިބި، ހަދާނެ ނުހަދާނެ ގޮތެއް ނޭނގި، ގޯސް ހަދާތަން ފެނުމަކީ، އިބްރާ ވިދާޅުވި ގޮތުގައި، ދެކެވަޑައިގަންނަވަން ފަސޭހަ މަންޒަރެއް ނޫނެވެ.
"މަޖިލީހުގެ ރައީސްގެ ބަހުން ނަމަ އަބަދު ޗާޓުން ބޭރުވެގެން މި ހުންނަން ޖެހެނީ. އެމްޑީޕީގެ ޗެއާޕާސަން ކަމުން، އެ ޕާޓީގެ ރައީސްކަމުން ގައުމުގެ ރައީސްކަމުން މަޖިލީހުގެ ރައީސްކަމުގައި ވެސް ހަމަ އެހެން،" އިބްރާ ވިދާޅުވި އެވެ.