15 ނޮވެމްބަރ 2016 - 06:24

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފަރްހާން އަޚްތަރު އާއި ޝްރައްދާ ކަޕޫރުގެ "ރޮކް އޮން 2" އަށް ބޮކްސް އޮފީހުގައި ވަރަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިވެއްޖެ އެވެ. ޝުޖާތު ސައުދާގަރް ޑައިރެކްޓްކޮފައިވާ މި ފިލްމަށް މިހާ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ފިލްމު ރިލީޒްކުރަން ދެ ތިން ދުވަހަށް ވެފައި ވަނިކޮށް އިންޑިޔާގައި 500 ރުޕީސް އާއި 1000 ރުޕީސްގެ ނޫޓު ބޭނުންކުރުން ކުއްލިގޮތަކަށް މަނާކުރުމުން ކަމަށް ވެއެވެ.
މިކަމުގެ އަސަރު މި ފިލްމަށް ކުރާނެ ކަން ކުރިން ވެސް އެނގެ އެވެ. ނަމަވެސް ޑައިރެކްޓަރު ރިތޭޝް ސިދްވާނީ ބުނެފައިވަނީ އެ ދުވަހު ފިލްމު ރިލީޒްނުކޮށްފި ނަމަ ޕައިރަސީގެ ޝިކާރައަކަށް ފިލްމު ވެގެން ދާނެތީ ފިލްމު ރިލީޒްކުރަން މަޖްބޫރުވީ ކަމަށެވެ.
"މީހުންތައް ދުވާލު ހަތަރުދަމު ތިބެނީ ބޭންކްތަކާއި އޭޓީއެމްތައް ދޮށުގައި ކިއު ޖެހިގެން. ފައިސާކޮޅު ބަދަލު ކުރެވުނަސް 2000 ރުޕީސް މާރު ނުކުރެވިގެން ވެސް މީހުން ވަރަށް ހާލުގައި އެބަ އުޅޭ. އެހެންވީމާ ފިލްމު ބަލާ މީހުންގެ ހާލަތު މިގޮތަށް ހުއްޓާ ފިލްމު ބަލަން ދާނެކަމަކަށް ގަބޫލެއް ނުކުރަން،" ޕްރޮޑިއުސަރު ބުނެފައިވެ އެވެ.
ފިލްމު ރިލީޒްކުރުމުގެ ކުރިން ވެސް "ރޮކް އޮން" އަށް ލިބުނު ވަރުގެ ކާމިޔާބެއް އޭގެ ސީކުއަލް ނުލިބޭނެ ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ. ސަބަބަކީ މިއުޒިކަށް ބިނާ ކޮށް އުފައްދާފައިވާ ފިލްމެއްގެ މިއުޒިކް ހިޓްވާ ގޮތް ނުވުމުންނެވެ. ނަމަވެސް ފިލްމުގައި ބޮޑެތި ތަރިންތަކެއް އުޅޭތީ ކޮންމެވެސް ވަރެއް ވާނެކަމަށް ބެލެވުނެވެ.
ފުރަތަމަ ދުވަހު "ރޮކް އޮން 2"އަށް ލިބުނީ އެންމެ ދެ ކްރޯޑު (20 މިލިއަން ރުޕީސް) އެވެ. ދެ ވަނަ ދުވަހު 2.5 ކްރޯޑު (25 މިލިއަން ރުޕީސް) އެވެ.
ފަންސާސް ކްރޯޑު (500 މިލިއަން ރުޕީސް) އަށް ވުރެ ބޮޑު ބަޖެޓަކުން އުފައްދާފައިވާ މި ފިލްމަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށް މިހާރު ވަނީ ޔަގީންވެފަ އެވެ.
ކުރިއަށް އޮތް ހަފުތާގައި ރިލީޒްކުރަން އޮތް "ތުމް ބިން 2" އަށާއި ނޮވެމްބަރު 23 ގައި ރިލީޒްކުރާ ޝާހްރުކް ޚާނާއި އާލިއާ ބަޓްގެ "ޑިއާ ޒިންދަގީ" އަށް ވެސް ފައިސާއަށް ޖެހިފައިވާ މައްސަލަތަކުގެ ނުރަނގަޅު އަސަރުތައް ކުރާނެކަމަށް ފިލްމީ ވިޔަފާރީގެ ތަޖުރިބާކާރުން ވަނީ ލަފާ ކޮށްފަ އެވެ.