29 މާޗް 2021 - 12:27

ރަށްރަށުގައި ކޮވިޑް ފެތުރޭ ވަރު، މީގެ ކުރިން ދުވަހަކު މައްޗަށް ނުދާވަރަށް މިހާރު މަތިވެއްޖެ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ކުރިން ރަށްރަށުން ކޮވިޑް ޖެހޭ މީހުންގެ އަދަދު އުޅެނީ 100 ގަ އެވެ. އެކަމަކު އެ އަދަދު 269 އަށް މިހާރު މަތިވެފައިވާއިރު، މިއީ ރަށްރަށުގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު އެންމެ ގިނަވި ފަހަރެވެ.
މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން، މާލެ ފިޔަވައި ރަށްރަށުގައި، ބަލި ޖެހުނު މީހުންގެ އަދަދު ފުރަތަމަ ފަހަރަށް ގިނަވީ އިއްޔެ އެވެ. އިއްޔެގެ ތަފާސްހިސާބުތަކަށް ބަލާއިރު މާލެ ސަރަހައްދުން 49 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއިރު، ރަށްރަށުގައި އެ އަދަދު އުޅެނީ 58ގަ އެވެ. އެއީ މީހުން ދިރިއުޅޭ ރަށްރަށުން 46 މީހަކާއި ރިސޯޓުތަކުން 12 މީހެކެވެ.
މިދިޔަ ހަފުތާގެ ނިޔަލަށް، ކޮވިޑް ފެތުރުމުގެ ބިރު އޮތީ، މާލެ ފިޔަވައި ފަސް ރަށެއްގަ އެވެ. އެކަމަކު، ކޮވިޑް ފެތުރުމުގެ ބިރު އޮތުމުން މިހާރު 13 ރަށަކަށް ވަނީ އަރައިފޭބުން މަނާކޮށްފަ އެވެ. މިއީ ވެސް ރެކޯޑް އަދަދެކެވެ.
- ދ. ކުޑަހުވަދޫ، ދ. މީދޫ
- ރ. އުނގޫފާރު، ރ. މަޑުއްވަރީ، ރ. އަލިފުށި، ރ. ހުޅުދުއްފާރު
- ޅ. ހިންނަވަރު، ޅ. ނައިފަރު، ޅ. އޮޅުވެލިފުށި، ޅ. ފެލިވަރު
- ކ. ހުރާ، ކ. ދިއްފުށި
- ގދ. ތިނަދޫ
އަރައިފޭބުން މަނާކޮށްފައިވާ މި ރަށްތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހިފައި ވަނީ ފެލިވަރުންނެވެ. މަސް ބަންދުކުރާ ކާރުޚާނާ ހިންގާ އެ ރަށުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 75 އަށް އަރައިފަ އެވެ. ކ. ހުރާއިން ބަލި ޖެހުނު މީހުންގެ އަދަދު، އިއްޔެގެ ނިޔަލަށް 52 އަށް އަރާފައިވާއިރު، ދިއްފުށީގެ 31 މީހަކަށް ވަނީ ބަލިޖެހިފަ އެވެ. ހިންނަވަރުގައި އިއްޔެ މަރުވި މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނިގޮތުގައި ރަށްރަށުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވަނީ، ކަރަންޓީނުގެ އުސޫލުތަކާ ހިލާފުވާތީ އެވެ.
އަރައިފޭބުން މަނާކޮށްފައިވާ ގިނަ ރަށްތަކަށް ބަލާއިރު ވެސް، ކަރަންޓީނުގެ އުސޫލާ ހިލާފުވެގެން ބަލި ފެތުރުނު ރަށްތައް ހިމެނެ އެވެ. އޭގެ އިތުރުން ހާއްސަ ހުއްދައިގެ ދަށުން މާލޭން ރަށްރަށަށް ދާ މީހުންގެ ފަރާތުން ވެސް ބަލި ޖެހިފައި ވެ އެވެ.