29 މާޗް 2021 - 12:44

ނޭޕީޓޯ (މާޗް 29) - މިއަންމާ އަށް ފެބްރުއަރީ މަހު 1 ވަނަ ދުވަހު ބަޣާވާތް ގެނައި ފަހުން ހިންގި އެންމެ ލޭއޮހޮރުވުން ބޮޑު ދުވަހަށް ފަހު ބަޣާވާތުގައި އިސްކޮށް އުޅުނު އަސްކަރީ ލީޑަރުން އެރޭ ޕާޓީކޮށްފި އެވެ.
ބަޣާވާތާ ދެކޮޅަށް މުޒާހަރާ އަށް ނުކުތް މީހުން ގަޔަށް ބަޑިޖަހައި ހޮނިހިރު ދުވަހު ވަނީ 100 އަށް ވުރެ ގިނަ މީހުން މަރާލައިފަ އެވެ. މިއަންމާގެ އަސްކަރިއްޔާގެ އަނިޔާވެރިކަން ދުނިޔޭގެ އެކި ގައުމުތަކުން ކުށްވެރި ކުރަމުން ދަނިކޮށް ސިފައިން ވަނީ ހޮނިހިރު ދުވަހުގެ ރޭ "ސިފައިންގެ ދުވަހުގެ" މުނާސަބަތުގައި ޕާޓީއެއް ބާއްވައި މަޖާކޮށްފަ އެވެ. މިއަންމާގައި ސިފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ޖަޕާން ސިފައިންނާ ދެކޮޅަށް 1945 ވަނަ އަހަރު މިއަންމާ ސިފައިން ނުކުތް ދުވަހެވެ.
ލޭއޮހޮރުވުމުގައި މަރުވި މީހުންގެ ޖަނާޒާ އާދިއްތަ ދުވަހު ބާއްވަނިކޮށް ވެސް ސިފައިން ހުރަސް އެޅިކަމުގެ ރިޕޯޓްތަކެއް ވަނީ އާއްމުވެފަ އެވެ. ބަޣާވާތަށް ފަހު މިއަންމާ އިން މިހާތަނަށް ވަނީ 400 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
މިއަންމާގެ ރަސްމީ ޓީވީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި ހުދު ޔުނިފޯމުގައި ބޯ ޓައި އަޅުއްވައިގެން ހުންނެވި ސިފައިންގެ ލީޑަރު މިން އައުން ހަލައިން ވަނީ ހޮނިހިރު ދުވަހުގެ ރޭ ރަތް ދޫލައިގައި ހިންގަވާފައި ވަޑައިގެން ބޮޑު ޕާޓީއަކާ އެކު ބޭއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ ފޮޓޯތައް އާއްމުވުމާ އެކު އެތައް ބައެއްގެ ނުރުހުން ވަނީ މިއަންމާގެ އަސްކަރީ ވެރިންނަށް އަމާޒުވެފަ އެވެ.
މިއަންމާ ސިފައިން ހޮނިހިރު ދުވަހު ވަނީ އަސްކަރީ ޕެރޭޑެއް ވެސް ބާއްވައިފަ އެވެ. އެ ޕެރޭޑް ހިނގަމުން ދިޔަ ވަގުތު ސިފައިންގެ ވެރިޔާ ވަނީ "ޑިމޮކްރެސީ ހިމާޔަތްކޮށްދޭނެ ކަމަށް" ވިދާޅުވެފަ އެވެ.