14 ނޮވެމްބަރ 2016 - 14:37

ވޮޝިންޓަން (ނޮވެމްބަރު 14) - އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ހިލަރީ ކްލިންޓަން ޖަލަށްލާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް ޓްރަމްޕް މިހާރު ވިދާޅުވާ ވާހަކަ ތަފާތުވެއްޖެ އެވެ.
ސީބީއެސް ނިއުސްގެ "60 މިނިޓްސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެކަމާ ފަހުން ވިސްނާނީ ކަމަށެވެ.
"އަޅުގަނޑަށް ބޮޑަށް ހީވަނީ ދެން ސަމާލުކަން ދޭން ޖެހޭނީ ވަޒީފާތައް އުފެއްދުމާއި ރައްޔިތުންނަށް ސިއްހީ ރަނގަޅު ނިޒާމެއް ގާއިމްކޮށް ދިނުމާއި އިމިގްރޭޝަން ފަދަ މައްސަލަތަކަށްހެން. އިމިގްރޭޝަނާ ބެހޭ ރަނގަޅު ބިލެއް އެބަ ޖެހޭ ހުށަހަޅަން،" ވެރިކަމަށް ހޮވިވަޑައިގެންނެވި ފަހުން ދެއްވި ފުރަތަމަ ޓީވީ އިންޓަވިއުގައި ޓްރަމްޕް ވިދާޅުވި އެވެ. "ހިލަރީ ވަނީ ގޯސް ބައެއް ކަންތައް ކުރައްވާފައި. އެކަމަކު އެ މީހުންނަށް ދެން އިތުރަށް ދެރަ ގޮތެއް ހަދާކަށް ބޭނުމެއް ނުވޭ. އެ މީހުންނަކީ ވެސް ރަނގަޅު ބައެއް."
ޓްރަމްޕް ވިދާޅުވީ "60 މިނިޓްސް" ގެ ދެން އޮންނަ ޕްރޮގްރާމެއްގައި އެ ސުވާލުގެ ވަރަށް ތަފްސީލް ޖަވާބެއް ދެއްވާނެ ކަމަށެވެ.
ހިލަރީއާ އެކު އޮކްޓޯބަރު މަހު ބޭއްވި ރިޔާސީ ބަހުސްގެ ތެރޭގައި ޓްރަމްޕް ވަނީ ވެރިކަމަށް ހޮވިވަޑައިގެންފި ނަމަ ހިލަރީގެ މައްސަލަ ބަލަން ޚާއްސަ ޕްރޮސެކިއުޓަރަކު އައްޔަން ކުރުމަށް އޭނާގެ އެޓާނީ ޖެނެރަލް އަށް އަންގަވާނެ ކަމަށެވެ. އަދި ހިލަރީ ޖަލަށްލައްވާނެ ކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ.