"ރެހެނާ ހޭ ތެރޭ ދިލް މޭ" އަށް ވިކީ އާއި ކްރިތީ؟
"ރެހެނާ ހޭ ތެރޭ ދިލް މޭ" އަށް ވިކީ އާއި ކްރިތީ؟

ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލުވި ފިލްމު "ރެހެނާ ހޭ ތެރޭ ދިލް މޭ" ގެ އާ ފިލްމެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމުގެ ތަރިންނަށް ވިކީ ކޯޝަލް އާއި ކްރިތީ ސެނަން ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި އެކަމާ ބެހޭ ގޮތުން ޕްރޮޑިއުސަރު ޖެކީ ބަގްނާނީ މިހާރު ދެ ތަރިންނާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. "ރެހެނާ ހޭ ތެރޭ ދިލް މޭ" ގެ އާ ފިލްމަށް ވިކީ އާއި ކްރިތީ ގެނެވިއްޖެ ނަމަ އެކަން ވާނީ ދެ ތަރިން އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރަށެވެ.

ކްރިތީ މި ވަގުތު އަންނަނީ ވަރުން ދަވަނާ އެކު "ބޭޅިޔާ" އާއި ޕްރަބާސްއާ އެކު "އާދިޕުރުޝް" ގެ މަސައްކަތްކުރަމުންނެވެ. އަދި ވަރަށް އަވަހަށް އޭނާ ޓައިގާ ޝްރޮފާ އެކު ކުޅޭ "ގަންޕަތު" ގެ މަސައްކަތް ވެސް ފަށާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ވަރުންގެ ބޭބެ ރޯހިތު ދަވަން، ކާތިކް އާރިޔަނާ އެކު ހަދަން ނިންމާފައިވާ ތެލެގޫ ފިލްމު "އަލާ ވައިކުންތަޕުއްރަމުލޫ" ގެ ހިންދީ ރިމެމަކީ ވެސް ކްރިތީ ފެންނާނެ ފިލްމެކެވެ.

ވިކީ މި ވަގުތު އޭނާގެ އަލަތު ސުޕަހީރޯ ފިލްމު "ދި އިމޯޓަލް އަޝްވަތައްމާ" އަށް ތައްޔާރީތައް ވަމުން އަންނަ އިރު ވަރަށް އަވަހަށް ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ޝިޝާންކް ކައިތާން ޑައިރެކްޓްކުރާ "މިސްޓަ ލޭލޭ" ގެ ޝޫޓިން ފަށާ އެނެވެ.

"ރެހެނާ ހޭ ތެރޭ ދިލް މޭ" ގެ އާ ފިލްމުގެ ކާސްޓުންގެ ވާހަކަ މީޑިއާތަކަށް ތިލަވެފައި މި ވަނީ އެ ފިލްމަށް ޑައިރެކްޓަރަކު ވެސް ހަމަޖެހިފައި ވަނިކޮށެވެ. އެއީ 2017 ގެ "މޮމް" ގެނެސްދިން ރަވީ އުދޭވަރެވެ. އޭނާ މިހާރު އަންނަނީ ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތްކުރަމުންނެވެ.

ދެހާސް އެކެއްގައި ގޯތަމް މެނަން ގެނެސްދިން "ރެހެނާ ހޭ ތޭރޭ ދިލް މޭ" ލީޑް ރޯލު ކުޅުނީ އާރް މާދަވްނާއި ދިއާ މިރުޒާ އާއި ސައިފް އަލީ ޚާނެވެ. އެ ފިލްމަކީ ދިއާގެ އަލަތު ފިލްމެވެ. ރިޕޯޓްތައް ބުނާގޮތުން އެ ތިން އާ ފިލްމުގެ ހާއްސަ ފެނިލުންތަކުން ވެސް ގެނެސްދޭނެ އެވެ.