28 މާޗް 2021 - 17:23

ވަގު ސަރުކާރަކާ އެކު އެމްޑީޕީ އޮންނަން ބޭނުންނުވާ ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިދިކޮޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލާގައި ޖިނާއީ ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވުމުން ނަޝީދު އިއްޔެ ވަނީ ވައްކަން ކުރާ ސަރުކާރަކާ އެކު އެމްޑީޕީ އޮންނަން ބޭނުންނުވާ ކަމަށް ވިދާޅުވެފަ އެވެ. ނަޝީދު އެގޮތަށް ވިދާޅުވެފައި ވަނިކޮށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ އެކަމަށް ރައްދު ދީފަ އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ ރައީސަކު ވެރިކަމުގައި ހުންނަވަނިކޮށް ނަޝީދު އެގޮތަށް ވިދާޅުވުމުން ސަރުކާރެއް ދެމި އެބައޮތް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެއީ ސަރުކާރުން ވައްކަން ކުރި ކަމަށް އެއްބަސްވުން ކަމަށާއި އެހެންވެ، އެމްޑީޕީ އާއި ސަރުކާރަކީ ވަކި ދެ އެއްޗެއްގެ ގޮތުގައި ހަދައިގެން އެމްޑީޕީއަށް އެކަމުން ސަލާމަތް ނުވެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވުމުން އެމްޑީޕީގެ އިހްލާސްތެރިކަމެއް އޮތް ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގޮވާލައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާ ގިނަ ވަގުތުތަކެއް ނަގަންޖެހޭ ކަމެއް ނޫން. އިޖްރައާތުތައް ފުރިހަމަ ކޮށްލާފައި 65 މެމްބަރުން ވޯޓު ދިނީމަ ސަރުކާރު ބަދަލުވީ. ވައްކަން ކުރާ ސަރުކާރު އެ ދިޔައީ. އެހެންވީމަ ހެޔޮ އެދިގެން މަސައްކަތްކުރާ ކަމަށް ވަންޏާ އެމްޑީޕީގެ ރައީސް އިސްވެ ހުންނަވައިގެން ރައްޔިތުންގެ މަޖިލީހަށް ވައްދަންވީ އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތްކަމުގެ މައްސަލަ." އަބްދުއްރަހީމް ވިދާޅުވި އެވެ.
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ވަގަށް ނަގަން އެމްޑީޕީން ރާވަމުންދާ ކަމަށާއި އެކަމަށް ރައްޔިތުން ފާރަވެރިވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންސާފުވެރި އިންތިޚާބެއް ބާއްވައިފި ނަމަ، މާލޭގެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އިދިކޮޅު ކޯލިޝަނުން ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ދަނީ އިންތިޚާބު ނިމުމުން ހިޔާ މަޝްރޫއުގެ ފްލެޓްތައް ދޭނެ ކަމަށް ބުނެ ކެމްޕެއިންގައި ވަކިވަކި މީހުންނަށް ގުޅައި، ވައުދުވަމުންދާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އިންސާފުވެެރި އިންތިޚާބެއް ބާއްވައިފިއްޔާ މާލޭގެ މޭޔަރު ކަމާ އެމްޑީޕީއަށް ވައި ވެސް ނޭޅެވޭނެ. ބޮޑު ތަނުން އިރާދަކުރެއްވިއްޔާ ޕީޕީއެމް ކެންޑިޑޭޓް ޑރ. މުއިއްޒު މާލޭގެ މޭޔަރު ކަން ނަންގަވާނެ. ހަމައެހެންމެ ބޮޑު ތަނުން އިރާދަކުރެއްވިއްޔާ މާލޭގެ އަޣުލަބިއްޔަތުން ޕީޕީއެމުން ނަގާނެ އިންސާފުވެރި އިންތިޚާބެއް ބާއްވައިފިއްޔާ." އަބްދުއްރަހީމް ވިދާޅުވި އެވެ.
މީގެ އިތުރުން ދާދިފަހުން އާންމުކުރި ދިވެހި ރައްޔިތުކަން ދޫކޮށްލުމާ ބެހޭ ގަވާއިދާ މެދު ކަންބޮޑުވާ ކަމަށާއި އޭގެ ސަބަބުން އެހެން ދީންތައް ރާއްޖެއަށް ގެންނަން ފުރުސަތު ލިބިގެން ހިނގައިދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.