29 މާޗް 2021 - 12:58

ރިޔާޒް (މާޗް 29) - މޫސުމަށް ބަދަލު އައުން ހުއްޓުވުމުގެ ގޮތުން ސައުދީ އަރަބިއާ އިން ތިމާވެށީގެ ބޮޑު ކެމްޕޭނެއް ފަށައި ކުރިއަށް އޮތް އެތައް އަހަރެއްގެ ތެރޭގައި 10 ބިލިއަން ގަސް އިންދުމަށް ނިންމައިފި އެވެ.
ދުނިޔޭގައި ސާފު ނުކުރާ ތެޔޮ އެންމެ ގިނައިން އެކްސްޕޯޓް ކުރާ ގައުމަކީ ސާފު ހަކަތައިގެ ޗެމްޕިއަނެއް ނޫން ނަމަވެސް "ސައުދީ ގްރީން އިނިޝިއެޓިވް" އަމާޒުކޮށްފައި ވަނީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް 2030 ވަނަ އަހަރުން ފެށިގެން ސައުދީގައި އުފައްދާ ހަކަތައިގެ ދެބައިކުޅަ އެއްބައި އިޔާދަކުރަނިވި ހަކަތަ އަށް ބަދަލު ކުރުމަށެވެ.
ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ތިމަވެށި ހިމާޔަތް ކުރުމުގެ ޕްރޮގްރާމުގެ ދަށުން ސައުދީގައި 10 ބިލިއަން ގަސް ކުރިމަގުގައި އިންދަވާނެ ކަމަށެވެ. ސައުދީން ވަނީ އަރަބި ގައުމުތަކާ ގުޅިގެން "މިޑްލް އީސްޓް ގްރީން އިނިޝިއޭޓިވް" ގެ ދަށުން 40 ބިލިއަން ގަސް އިންދުމަށް ވެސް ޕްލޭންކޮށްފަ އެވެ. އެއީ މުޅި ދުނިޔޭގައި ވެސް ހިންގޭ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމަށް ވާނެ އެވެ.
"މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އަވަހަށް، މިއަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން ޖެހޭ،" ޕްރިންސް މުހައްމަދު ވިދާޅުވި އެވެ.
ސައުދީގައި ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާނެ ގޮތެއް ވަލީ އަހުދު ވިދާޅެއް ނުވެ އެވެ. އަދި ސައުދީ އާއި މެދުއިރުމައްޗަށް ތިމާވެށީގެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށާއި އެއީ އިގްތިސާދަށް ވެސް ބިރެއް ކަމަށް ވިދާޅުވި އެވެ.
މެދުއިރުމައްޗަށް ކުރިމަތިވާ ވެލީގެ ތޫފާންތަކާ ގުޅިގެން ކޮންމެ އަހަރަކު ވެސް 13 ބިލިއަން ޑޮލަރުގެ ގެއްލުން ލިބެ އެވެ.