28 މާޗް 2021 - 15:47

ކެންސަރަށް ފަރުވާ ހޯދުމަށް ފަހު ރާއްޖެ އައި ތަނުން ބޭހާއި ލިއުންތަކުގެ އިތުރުން ފައިސާ ވެސް ބެހެއްޓި ދަބަސް ގެއްލިގެން އެ ހޯދައިދޭން ދިވެހި އަންހެނަކު އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގައި ލޭގެ ކެންސަރަކަށް ކީމޯ ތެރަޕީ ހޯދަމުން އައި ފާތިމަތު އަލްމާ އަލީލް އެނބުރި ރާއްޖެ އައީ މިދިޔަ ބުދަ ދުވަހެވެ. އެކަމަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ސަރަހައްދުން ކާރަކަށް އެރީ ހަނދާން ނެތިގެން އޭނާގެ ދަބަސް ބަހައްޓައިފަ އެވެ.
މިދިޔަ ހުކުރު ދުވަހު އަލްމާ ކުރި ޓްވީޓެއްގައި ބުނީ ރިޕްކާލް އެ ދަބަސް ހޯދައިދިން މީހަކަށް 5،000ރ ދޭނެ ކަމަށެވެ.
"މި ދަބަސް ވަރަށް މުހިއްމު. ސިއްހީ ލިޔެކިޔުންތަކާއި އިތުރު މުހިއްމު ތަކެތި މި ދަބަހުގައި ވޭ. އަހަންނަށް އެހީވެދީ،" އާންމުންގެ ކިބައިން އަލްމާ އެދުނެވެ.
އެ ދަބަސް ފެނިއްޖެ ނަމަ ގުޅަން ދިން ނަންބަރަކީ 9998667 އެވެ.
"މިހާރު"އާ ވާހަކަ ދައްކަމުން އަލްމާ ބުނީ ދަބަސް ގެއްލުނީ އެ ދުވަހު ވެހުނު ބޯ ވާރޭގައި ގެއަށް ދާން އުޅުމުގެ ތެރޭގައި ކަމަށެވެ.
"ވަރަށް ބައިވަރު އެއްޗެހި ހިފައިގެން އަނބުރާ އައީ. އޭގެ އަނެއް ދުވަހު އެނގުނީ އެ ގެއްލުނު ކަން ވެސް. ހީކުރީ ކޮންމެވެސް ތާކު އެ ދަަބަސް އޮންނާނެ ކަމަށް،" ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ އަލްމާ ބުންޏެވެ.
ލިޔެކިިޔުންތަކާއި ފައިސާގެ އިތުރުން، އޭނާ ބުނީ، އައިފޯން 8 އާއި އެއާޕޮޑްސް ޕްރޯ ފަދަ ސާމާނު ވެސް ދަބަސް ތެރޭގައި ހުންނާނެ ކަމަށެވެ. ކީމޯގެ ފަރުވާގެ ސަބަބުން ކެންސަރުން ރަނގަޅުވި ކަން ކަށަވަރުކުރަން، އަންނަ މޭ މަހު އިންޑިއާއަށް އެނބުރި ދާން ވެސް ޖެހެ އެވެ. އެކަމަށް ބޭނުންވާ ފައިސާ ވެސް އެ ދަބަހުގައި ހުންނާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެއީ ކިހާ އަދަދެއްކަން ހާމަނުކުރިޔަސް އޭނާ ބުނީ ދަބަހުގައި ހުރި އެހެން އެއްޗެހި ނުލިބުނަސް "އެ ފައިސާ ބޭނުންވާ" ކަމަށެވެ.
އަލްމާ ބުނި ގޮތުގައި އޭނާ ރާއްޖެ އައީ ކީމޯގެ 12 ރައުންޑް ފުރިހަމަކޮށްފަ އެވެ. މޭ މަހު އިންޑިއާއަށް ގޮސް އިތުރުފަރުވާ ބޭނުން ވެއްޖެ ހާލަތުގައި ވެސް އޭނާ ރައްކާކުރި ފައިސާ ހުންނާނީ އެ ދަބަހުގައި ކަމަށް ބުންޏެވެ.
"ސްކޭނެއް ހަދަން އަލުން ޖެހޭ. އޭރުން އެނގޭނީ ރަނގަޅުވި ކަން، ނޫނީ ރޭޑިއޭޝަން ފަރުވާ ހޯދަން ޖެހޭނެ ކަން،" އަލްމާ ބުންޏެވެ.