28 މާޗް 2021 - 17:29

ޕޯޓު ސަރަހައްދުގައި ހިނގި އެކްސިޑެންޓުތަކުގައި ޒިންމާއެއް ނެތް ކަމަށް ބުނެ އެކަމުން ބަރީއަވާން ބޭނުން ނުވާ ކަމަށް އެ އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އެކްސިޑެންޓު ފަދަ ހާދިސާއެއް ހިނގުމުގައި ވަރަށް ގިނަ ސަބަބުތަކެއް އެކުލެވޭ ކަމަށެވެ. އެހެންކަމުން އެ ކަންކަން ބަލައި އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެމްޕީއެލް އިން މިހާރުވެސް އަންނަނީ ޕޯޓު ސަރަހައްދުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން، މިހާތަނަށް 30 އަށްވުރެ ގިނަ އެސްއޯޕީއަށް އެމްޕީއެލުން އަމަލު ކުރަމުން އަންނައިރު އެކްސިޑެންޓުތަކާ ގުޅިގެން އާ ގަވާއިދުތަކެއް ހަދައި އަމަލު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެކްސިޑެންޓެއް ހިނގީމަ އެކަން ދިމާވާންޖެހޭ ސަބަބު ހޯދަން އެބަޖެހޭ. އެކްސިޑެންޓުވި މީހާއަކީ ތަޖުރިބާ ހުރި ތަމްރީން ލިބިފައި ހުރި މީހެއްތޯ އާއި އެ ވަގުތު އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާފައިވޭތޯ އާއި އެތާނގައި އެކަށީގެންވާވަރަށް އިރުޝާދު ދޭން ސުޕަވައިޒަރުން ތިބިތޯ އާއި އެ މަސައްކަތަކަށް ބޭނުންވާ ހުރިހާ އާލާތްތައް ހުރިތޯ. މި ހުރިހާ ކަމެއް ނުވަތަ ގިނަ ކަންކަން ފެއިލް ވެގެން އެކްސިޑެންޓެއް މި ދިމާވަނީ،" ޝާހިދު ވިދާޅުވި އެވެ.
އެމްޕީއެލްގެ ޕޯޓު ސަރަހައްދުގައި މިއަހަރު ތެރޭގައި ހިނގި ދެ އެކްސިޑެންޓެއްގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. މި އެކްސިޑެންޓުތަކުގައި އެމްޕީއެލްގެ އިހުމާލު ބޮޑު ކަމަށް ބުނެ އެތައް ބަޔަކު ވަނީ އެމްޕީއެލް އަށް ފާޑު ކިޔައިފަ އެވެ. މި ދެ އެކްސިޑެންޓުގައި ވެސް މަރުވެފައި ވަނީ އެ ސަރަހައްދުގައި މަސައްކަތް ކުރާ ދެ މަޖޫރީންނެވެ.
މި އެކްސިޑެންޓުތައް ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނެރުނު ރިޕޯޓުގައި ވަނީ އެމްޕީއެލްގައި އެސްއޯޕީތައް ހުރި ނަމަވެސް އެއަށް އަމަލު ނުކުރާކަން ފާހަގަކޮށްފަ އެވެ. ނަމަވެސް ޝާހިދު ވަނީ އެ އެސްއޯޕީތަކަށް އެމްޕީއެލުން އަމަލު ކުރާ ކަމަށާއި އެއީ ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ކުންފުނިން ކުރި ތަހުގީގުތަކަށް ފަހު އިތުރު ފިޔަވަޅުތައް އަޅަން އެސެސްމަންޓް ޝީޓެއް ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އިންވެސްޓިގޭޝަންގެ ތެރެއިން އަޅުގަނޑުމެން ބަލަނީ އޭގައި އެމްޕީއެލްގެ ސައިޑުން ލޫޕްހޯލެއް އުޅޭ ކަމަށް ވަންޏާ އެކަން ރަނގަޅު ކުރުމަށް އިތުރު މެޝާތަކެއް އެޅުން. މީގެ އިތުރުން އިންޑިޕެންޑެންޓު އެސެސްމަންޓުތަކެއް ވެސް އެބަ ހައްދަން. އެ އެސެސްމަންޓުން ކަމެއް ފާހަގަ ކުރެވޭނަމަ އެކަމެއް އަޅުގަނޑުމެން ހައްލު ކުރާނަން،" ޝާހިދު ވިދާޅުވި އެވެ.
އެމްޕީއެލް އިން ވަނީ މަޖޫރީންގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ތަމްރީން ޕްރޮގްރާމެއް ވެސް ފަށައިފަ އެވެ. ހުރިހާ މަޖޫރީން މި ޕްރޮގްރާމް ފުރިހަމަ ކުރުމަށް އެ ކުންފުނިން ވަނީ މަޖުބޫރު ކޮށްފަ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި މި ޕްރޮގްރާމް ނުނިންމާ މީހުންނަށް ޕޯޓު ތެރެއަށް ވަނުމުގެ ހުއްދަ ނުލިބޭނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އަލަށް މަޖޫރީއެއްގެ ގޮތުގައި ރަޖިސްޓްރީވާ މީހުން ވެސް މި ޕްރޮގްރާމް ނިންމަން ޖެހޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ. މިހާތަނަށް މަޖޫރީ ގްރޫޕްތަކުގެ 100 އެއްހާ މީހުން ވަނީ މި ޕްރޮގްރާމް ފުރިހަމަ ކޮށްފަ އެވެ.