ކޮމިޝަނަރުގެ އިލްތިމާސަކީ "ކިލަނބުކަން" ފިލުވާލުން
ކޮމިޝަނަރުގެ އިލްތިމާސަކީ "ކިލަނބުކަން" ފިލުވާލުން

އާ ގާނޫނުއަސާސީއާ އެކު ރާއްޖޭގެ ސިޔާސީ އަދި ދައުލަތުގެ ހިންގުމުގެ ނިޒާމަށް އައި ބޮޑެތި ބަދަލުތަކުގައި އެކި ސަރުކާރުތަކުން ދިވެހި ފުލުހުންނާއި ސިފައިން ބޭނުންކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކާއި ދެ ބާރުގެ އެތެރޭގައި އޮތް ސިޔާސީ އެކި ފިކުރުތަކަށް ލެނބުމުގެ މައްސަލައާ ހެދި މިއަދު ފުލުހުންނާއި ސިފައިންގެ އިތުބާރު ހަގީގަތުގައި އޮތީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ.

ކޮމިޝަނަރުގެ އިލްތިމާސަކީ "ކިލަނބުކަން" ފިލުވާލުން
ކޮމިޝަނަރުގެ އިލްތިމާސަކީ "ކިލަނބުކަން" ފިލުވާލުން

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގަ އާއި ޕީޕީއެމްގެ ސަރުކާރުގައި ފުލުހުން ލައްވާ ވަރަށް ބޮޑެތި ގޯސްތައް ހަދާފައިވެ އެވެ. ފެބްރުއަރީ 7 އާއި 8ގެ ހިތި ހަނދާންތަކާއި އަނިޔާ އެމްޑީޕީގެ ސަޕޯޓަރުންގެ ހިތުން ފިލައިގެން އަދި ނުދެ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް، ތަކުރާރުކޮށް ފުލުހަށް ހާޒިރުކުރުވިކުރުމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުޅުއްވި ގެކޮޅަށް ގަދަކަމުން ފުލުހުން ވަދެގަނެ، ހިންގުވި ހަމަނުޖެހުންތައް ވެސް އެތައް ބައެއްގެ ހަނދާނުގައި އެބަ ހުއްޓެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފުލުހުންނާއި ސިފައިން ބޭނުންކުރި ގޮތްތައް މާޒީއާ އެކުވިތާ މާ ގިނަ ދުވަހެއް ނުވެ ދެން ފެނުނީ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެން، އެއަށް ވުރެ އަނިޔާވެރިކޮށް ސަލާމަތީ ދެ ބާރުގެ ބޭނުންކުރެއްވި ތަނެވެ. ސިޔާސީ ހުރިހާ ލީޑަރުންހެން ހައްޔަރުކޮށް، ރައްޔިތުންގެ މަޖިލިސް ބަންދުކޮށް، ސުޕްރީމް ކޯޓުގެ ފުރާޅު ހަލާކުކޮށްލައި ފަނޑިޔާރުންތައް "ދަމާކޫއްތާފައިނެރުމެ"ވެ. އަދި ރައީސްގެ ރަސްމީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ކުރީގެ ރައީސް ޔާމީންގެ ދެކަނބަލުން އިންނަވަނިކޮށް އެއްޗެއް ގޮއްވާލުމުގައި ދިވެހި ސިފައިންގެ ތެރެއިން ބަޔަކު ބައިވެރިވުމަކީ، ރާއްޖޭގެ ތާރީހުގައި ވެސް ދިވެހި އަސްކަރިއްޔާގެ ތެރެއިން ފެނުނު ވަރަށް ބޮޑު ނުބައެކެވެ.

މާޒީގެ ތަޖުރިބާއިން ކުރިމަގު ރަނގަޅުކުރުމުގެ ފިޔަވަޅުތައް އަބަދުވެސް މުހިންމެވެ. މާޒީގެ ހަނދާންތަކުން ކުރިމަގަށް ހުރަސް އެޅުނަދީގެން ނުވާނެ އެވެ. އެހެންކަމުން މިއަދު ފުލުހުންގެ 17 ވަނަ އަހަރީ ދުވަސް ފާހަގަކުރާ އިރު ލިބުނު އާ ގާނޫނަކީ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ނަޒަރުގައި، "އާ ޗެޕްޓަރެކެ"ވެ. ކުރީގެ ގޯސްތައް ރަނގަޅުކުރުމުގެ ވަސީލަތެކެވެ. ފުލުހުންނާ މެދު އޮތް "ކިލަނބުކަން" ފިލުވާލަން ލިބުނު ފުރުސަތެކެވެ.

މާޗު 29، 2004 ގައި ފުލުހުންނަކީ މުޅިން ވަކި މުއައްސަސާއަކަށް ވެ، މަދަނީ ބަޔަކަށް ހެދިޔަސް، ސިފައިންގެ ތެރޭގައި ފުލުހުންގެ ބައެއް އޮވެ، އެ ހިދުމަތް ލިބެމުން އަންނަތާ 88 އަހަރު ވެއްޖެ އެވެ. އެކަމަކު ހަމީދު ގަބޫލުކުރައްވާ ގޮތުގައި "ފުލުހުންގެ ހިދުމަތުގެ ގާނޫނަކީ" އެ ދިގު މުއްދަތުގައި ވެސް ލިބުނު އެންމެ ރަނގަޅު "ޓޫލެ"ވެ.

"މުޅިން އާ ޗެޕްޓަރަކަށް މި ވަދެވުނީ. މި ޗެޕްޓަރަކީ ފުލުހުންގެ މުއައްސަސާ ތަހުޒީބުކޮށް، ތަރައްގީ ގެނުވާނެ ޗެޕްޓަރެއް،" އަހަރީ ދުވަހާއި އާ ގާނޫނާ ގުޅުވައިިގެން "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ހަމީދު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ގާނޫނާ މެދު ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް މިއީ "އަޅުގަނޑުމެންގެ މުއައްސަސާއާ ދޭތެރޭގައި ކުރިން އޮތް ހިތްނުތަނަވަސްކަމާއި ނުރަނގަޅުކަން ރަނގަޅުކުރަން ބޭނުންކުރަން ޖެހޭ ޓޫލެކެ"ވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ވެސް "ހިނގާފައި ހުރި ގޯސްތަކާއި ހިންގާފައި ހުރި ގޯސްތަކާއި، ކޮށްފައި ހުރި ގޯސް ކަންތައްތައް" އެބަ ހުރި ކަމަށެވެ. ހަމައެއާ އެކު "ވަރަށް ގިނަ ރަނގަޅު ކަންތައް ވެސް" ދިވެހި ފުލުހުންގެ އެބަ ހުރިކަން ފާހަގަކުރެއްވި އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނު އޭގެ ނިސްބަތުން ވެސް ބޮޑެވެ. އެ ގާނޫނުގައި 22 ޗެޕްޓަރު ހިމެނެ އެވެ. ފުލުހުންގެ އިސް ބޭފުޅުންގެ ނަޒަރުގައި ގާނޫނަށް ކިޔާފައި އޮތް ނަމުން ވެސް ފުލުހުންގެ މަސައްކަތް ތަފާތުވާން ޖެހޭކަން އެނގެ އެވެ. ކުރީގައި އޮތީ "ފުލުހުންގެ ގާނޫނެ"ވެ. މިހާރު ލިބިފައި ވަނީ "ފުލުހުންގެ ޚިދުމަތުގެ ގާނޫނެ"ވެ. އެހެންކަމުން ފުލުހުންނަކީ އާންމުންނަށް "ބިރަކަށް" ވުރެ، އާންމުންނަށް "ޚިދުމަތްކުރަން ތިބޭ ބައެއްކަން" ގާނޫނުގެ ނަމުން ވެސް ދޭހަވާ ކަމަށް، ފުލުހުން ގަބޫލުކުރެ އެވެ.

އެކަމަކު މަދަނީ ބަޔަކަށް ފުލުހުން ހެދީ ސިފައިންގެ ތެރެއިން ބަޔަކު ވަކިކޮށް، ފުލުސް ޔުނީފޯމް ލައްވައިފަ އެވެ. އޭގެ ސަބަބުން ފުލުހުންގެ ކިބާގައި އަސްލު ހުންނަން ޖެހޭ "މަދަނީ ހިދުމަތުގެ ސިފަތައް" ފެނުނީ، ބައެއް ފަހަރަށް، ތަންކޮޅެއް ދަށްކޮށެވެ. އެކަމަކު ދުވަސް ވާ ވަރަކަށް ފުލުހުންގެ ހިދުމަތް ތަފާތުވެ، ދުނިޔޭގެ ތަހުޒީބީ ގިނަ ގައުމުތަކުގައި ވެސް ފުލުހުން އަދާކުރާ ޒިންމާ ދިވެހި ފުލުހުން ވެސް އައީ ދަސްކުރަމުންނެވެ.

"މި ކަހަލަ ބޮޑެތި އޮގަނައިޒޭޝަންތަކުގައި ކަލްޗާއަކީ ވަރަށް މުހިންމު އެއްޗެއް،" މިލިޓަރީގެ ތަރުބިއްޔަތާއި ސަގާފަތުގެ ތެރެއިން ފުލުހުންނާ ގުޅިފައި ތިބި މީހުން ވެސް ފުލުހުންގެ އަސްލު ޒިންމާތަކަށް އަހުލުވެރިވުން މުހިންމުކަން ގަބޫލުކުރައްވަމުން ކޮމިޝަނަރު ވިދާޅުވި އެވެ.

ފުލުހުންގެ ފަރާތުން ފެންނަ މައްސަލަތައް އެތެރޭގައި ތަހުގީގުކުރުމުގެ އިތުރުން ބައެއް ހާލަތްތަކުގައި އާންމުން ވެސް ހިމެނޭ ގޮތަށް އެކުލަވާލާފައި އޮންނަ ނިޒާމެއްގެ ތެރެއިން ބެލޭނެ ފުރުސަތު، އާ ގާނޫނުން ލިބިދެ އެވެ. އެހެންކަމުން މިހާރު މި އޮތީ ފުލުހުންގެ ފަރާތުން ބޮޑު ކަމެއް ފެންނަ ދަނޑިވަޅުތަކުގައި އެތެރެއިން ސިއްރުކުރެވޭނެ ގޮތަކަށް ނޫން ކަމަށް، ހަމީދު ވެސް ގަބޫލުކުރައްވަ އެވެ.

އޭނާގެ އުއްމީދު ބޮޑެވެ. ގޮންޖެހުންތަކެއް ހުއްޓަސް އާ ގާނޫނުން ފުލުހުންނަށް ހުޅުވޭނީ އާ ފުރުސަތުތަކެއް ކަމަށް ވިދާޅުވި އެވެ.

"މި ގާނޫނުގެ ފޮނި މީރުކަން އަޅުގަނޑުމެންނަށް ނުފެނިދާނެ ދެ އަހަރު ތެރޭގައި ވެސް،" ހަމީދު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ހުރިހާ ފުލުހުން ވެސް ރަނގަޅު "މައިންޑްސެޓެއް"ގައި ކުރިމަތިލައިފި ނަމަ އާ ގާނޫނު ވާނީ ދިވެހި ފުލުހުންގެ އިތުބާރު ބޮޑުވާނެ އެއްޗަކަށް ކަމަށެވެ.

"މި މުއައްސަސާގެ މަސްލަހަތުގައި، މި މުއައްސަސާއަށް ގާނޫނުން މަތިކޮށްފައި ހުރި ޒިންމާތައް ޒިންމާދާރުކަމާ އެކު އަދާކުރަން [ހުރިހާ ފުލުހުން ވެސް] މަސައްކަތްކުރުން އިލްތިމާސަކީ،" ކޮމިޝަނަރު ވިދާޅުވި އެވެ.

ދެން އޭނާ ވިދާޅުވީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އުސޫލުތަކާއި އޯޑަރުތަކުން އެއްވެސް ފުލުހަކަށް އިހާނެތިކަމެއް ނާންނާނެ ކަމަށެވެ.

"މި ޓޫލް ރަނގަޅަށް ބޭނުންކޮށްގެން އަޅުގަނޑުމެން ހިނގާށޭ ދިވެހި ފުލުހުންގެ ހިދުމަތް ކޮންމެވެސް ވަރަކަށް ކިލަނބުވެފައި މި އޮތް އޮތުން ސާފުކޮށްލަން،" ހަމީދު ވިދާޅުވި އެވެ.

"ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް ވެސް ސާފުކަމާ އެކުގައި، އަދި އިތުރަށް ހަރުދަނާކަމާ އެކު އަޅަން ހިނގާށޭ."