25 ނޮވެމްބަރ 2016 - 06:24

މިއީ އެތައް އަހަރެއް ކުރީގެ ވާހަކަ އެވެ. އެހެން ނަމަވެސް، އަދިވެސް ބާ ވުމެއް ނެތް، ތާޒާ ވާހަކަ އެކެވެ. މިއީ، ބޮލީވުޑްގެ އެންމެ އަސަރުގަދަ ލޯބީގެ ވާހަކަ އެވެ. ހަމަ ޔަގީނުން ވެސް، މިއީ، ލޯބީގެ މިސާލެއް ނަގާ ނަމަ މުޅި އިންޑިއާގައި ވެސް ނަމޫނާ އަކަށް ދެކެމުން އަންނަ ލޯބީގެ ޖޯޑެވެ. މިއީ، ހުއްޓުމެއް ނެތް ވާހަކައެކެވެ. ފެށުމާއި ނިމުން ވެސް އެހާމެ އަސަރުގަދަ އެވެ. މިއީ 1950 އާއި 1960 ގެ އަހަރުތަކުގައި ހިންދީ ފިލްމު އިންޑަސްޓްރީގައި އެންމެ ގަދަޔަށް ފިޔަޖެހި ރާޖް ކަޕޫރާއި ނަރުގިސްގެ ލޯބީގެ ވާހަކަ އެވެ.

އެއީ 1946 ވަނަ އަހަރެވެ. އޭރު ރާޖް ކަޕޫރު ދިޔައީ އޭނާ ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "އާގް"ގެ ޝޫޓިންގަށް ސްޓޫޑިއޯއެއް ހޯދަމުންނެވެ. އަދި މި މަސައްކަތް ކުރުމުގެ ތެރޭގައި ނަރްގިސް މަންމަ ޖަދަންބާއީ މުމްބައިގެ ވަރަށް މަޝްހޫރު ސްޓޫޑިއޯއެއްގައި "ރޯމިއޯ އެންޑް ޖޫލިއަޓް"ގެ މަސައްކަތް ކުރަމުންދާކަން އޭނާ އަށް އެނގުނެވެ. ޖަދަންބާއީ ހޯދުމަށް އޭނާގެ ގެއަށް ރާޖް ކަޕޫރު ދިޔަ އެވެ. އެކަމަކު އެ ގެއަށް ވަންތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެންދާނެ ކަމަކަށް ރާޖް ކަޕޫރު އޭރު ހިޔެއް ނުކުރެ އެވެ.

އެ ދުވަހު ޖަދަންބާއީ ގެއަކު ނެތެވެ. ގޭގެ ދޮރުހުޅުވީ އޭނާގެ ދަރިފުޅު ނަރްގިސް އެވެ. ނަރްގިސް އާ ފުރަތަމަ ބައްދަލުވި ފަހަރު ވެސް ރާޖް ކަޕޫރުގެ ހިތް ނަރްގިސް އަށް ހަދިޔާކުރެވުނު ކަމަށް ބުނެވެ އެވެ. އޭނަގެ ހިތުގައި ނަރްގިސް އަށް ދެވުނު މަގާމު ބޮޑުކަމުން 1946 ގެ މި ހާދިސާ އޭގެ 27 އަހަރު ފަހުން "ބޮބީ"އިން ބެލުންތެރިންނާ ހަމައަށް ގެނެސްދިނެވެ. އެއީ ރާޖް ކަޕޫރުގެ ދަރިފުޅު ރިޝީ ކަޕޫރާއި ޑިމްޕަލް ކަޕާޑިއާ ފިލްމީ ދާއިރާ އަށް ނުކުތް ފިލްމެވެ. މި ފިލްމުގައި ޑިމްޕަލްް އާއި ރިޝީގެ ފުރަތަމަ ފެނިލުން ހިމެނިގެން ދިޔައީ، ރާޖް ކަޕޫރާއި ނަރްގިސްގެ ފުރަތަމަ ދިމާވި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެވެ.

މި ހާދިސާ އަށް އިޝާރާތް ކޮށް، ނަރްގިސްގެ ހަޔާތުގެ ވާހަކަ "ދަ ލައިފް އެންޑް ޓައިމްސް އޮފް ނަރްގިސް"ގައިވާ ގޮތުން ނަރްގިސް އޭނާގެ އެކުވެރިއެއް ގާތުގައި "ނޫލޮލެއްގެ ވެރި ފަލަ 'ޕިންކީ'އެއް ގެއަށް އައި" ކަމަށް ބުނި ކަމަށް ލިޔެފައި ވެއެވެ.
އެ ދުވަހު ގޭގައި ނަރްގިސް އެކަނި ހުރިކަން އެނގުމުން ރާޖް ކަޕޫރު ބިރުން އަވަހަށް އެނބުރި ދިޔައީ އެވެ. ދިޔަ ގޮތަށް އޭނާ ދިޔައީ "އާގް"ގެ ސްކްރިޕްޓް ލިޔުނު މީހާގެ ކައިރިއަށެވެ. އަދި އޭރު އެ ފިލްމުގެ ސްކްރިޕްޓަށް ކޮންމެ ގޮތަކުން ވިޔަސް ނަރްގިސް އަށް ޚާއްސަ ރޯލެއް އިތުރު ކުރުމަށް ބުންޏެވެ.
ނަރްގިސް ލައްވާ ރާޖްކަޕޫރު "އާގް" ކުޅުވި އެވެ. ފިލްމު ކާމިޔާބު ނުވިޔަސް ފިލްމު އިންޑަސްޓްރީ އަށް މުޅިން އާ ޖޯޑެއް ލިބުނެވެ.
މި ފިލްމުގެ ޝޫޓިންގެ މުއްދަތުގައި ރާޖް އާއި ނަރްގިސްގެ ގުޅުން އިންތިހާ އަށް ބަދަހި ވި އެވެ. އަދި ނަރްގިސް ވެސް ރާޖް ދެކެ ލޯބިވާން ފެށި އެވެ.
ހުސްހަށިބައިކޮށް ހުރި ނަރްގިސް އާ ބައްދަލުވި އިރު ވެސް ރާޖް ކަޕޫރަކީ ކައިވެނިކޮށްގެން ދެ ދަރިން ވެސް ލިބިފައިވާ މީހެކެވެ. ނަމަވެސް ނަރްގިސް އާއި އޭނާގެ ލޯބީގެ މާތައް ފޮޅެން ފެށީ ވަކި ހައްދެއް ނެތި އެވެ. ނަރްގިސް އާއި ރާޖްގެ ގުޅުން ފިލްމީ ފަރުދާއިން ބޭރުން އަމިއްލަ ދިރިއުޅުމުގެ ވެސް ހިއްސާއަކަށް ވި އެވެ. މި ޚަބަރުތައް އިވުމާ އެކު ރާޖް ކަޕޫރާއި ނަރްގިސްގެ އާއިލާ އުތުރި އަރައިގަތެވެ. އެ ދެ މީހުންގެ ބައްދަލުވުންތައް ހުއްޓުވޭތޯ ދެ އާއިލާއިން ގަދައަޅައި މަސައްކަތްކުރަން ފެށި އެވެ. ނަމަވެސް ދެ މީހުން އެކުގައި ދެން ކުޅުނު "ބަރުސާތު" އާއެކު ދެ މީހުން ވެސް އިތުރު ހަރުފަތްތަކެއް ގިރާކުރަމުން ދިޔަ އެވެ. ލޯބި ދިޔައީ ވަރުގަދަ ވަމުންނެވެ.
ރާޖް ކަޕޫރާ އެކު ނޫނީ ދެން ދިރިނޫޅެވޭނެ ކަމަށް އެ ދުވަސްވަރު ނަރްގިސް ނިންމި އެވެ. އެގޮތުން "ބަރުސާތު" ކުޅެމުން ދަނިކޮށް ފައިސާގެ ދަތިކަން ކުރިމަތިވުމުން ނަރްގިސް އޭނާގެ އަތުގައި އޮތް ރަނުގެ އުޅާތަކެއް ވިއްކާލާފައި ލިބުނު ފައިސާ ވެސް ރާޖް ކަޕޫރަށް ދިނެވެ.
އަދި އެހެން މީހުންގެ ފިލްމުތަކުގައި މަސައްކަތްކޮށްގެން ލިބުނުހާ ލާރި ރާޖް ކަޕޫރުގެ އާރް.ކޭ ސްޓޫޑިއޯގެ ތިޖޫރި އަށް އަޅަމުން ދިޔަ އެވެ. އާރްކޭ ބެނާ އަކީ ހަގީގަތުގައި ވެސް ނަރްގިސް އާއި ރާޖް ކަޕޫރުގެ އެއްޗެކެވެ. އެ ސްޓޫޑިއޯގެ ލޯގޯގައި ވެސް ތިބެނީ އެ ދެ ތަރިން ކުޅެފައިވާ ލަވައެއްގެ މަންޒަރެއް ތަމްސީލުކުރާ ދެ ބުދެވެ.
"ބަރުސާތު"ގެ ޝޫޓިން ކުރިއަށް ދަނިކޮށް ނަރްގިސްގެ މަންމަ ޖަދަންބާއީ ކުއްލިއަކަށް މަރުވި އެވެ. މަންމަ މަރުވުމުން މުޅިން އެކަނިވެރިވެ އޭނާގެ ދެން ހުރިހާ ވެސް މީހަކީ ރާޖް ކަޕޫރު ކަމުގައި ނަރްގިސް ގަބޫލުކުރި އެވެ. އަދި ގިނަ ވަގުތު ރާޖް ކަޕޫރާއެކު ހޭދަކުރަން ފެށި އެވެ.
"ބަރުސާތު" ރިލީޒްވެ އިންތިހާ އަށް ކާމިޔާބު ފިލްމަކަށް ވިއެވެ.
ރާޖް ކަޕޫރާއި ނަރްގިސްގެ ލޯބީގެ ކުޅިގަނޑު އޭނާގެ އަންހެނުން ކްރިޝްނާ އަށް ވެސް ވަރަށް ރަނގަޅަށް އޮތީ އެނގިފަ އެވެ. އެހެންކަމުން ރާޖް ކަޕޫރުގެ ގޭގައި ފުދޭ ވަރެއްގެ ގަދަ ހަނގުރާމައެއް ހިނގަމުން ދިޔަ އެވެ.
ކޮންމެ ގޮތެއް ވިޔަސް އޭނާގެ އަންހެނުން ދުވަހަކުވެސް ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން އޭރު ވެސް ރާޖް ކަޕޫރު އޭނާގެ އާއިލާ އަށް އޮތީ ދީފަ އެވެ. ނަމަވެސް މަދޫ ޖެއިން ލިޔެފައިވާ ރާޖް ކަޕޫރު އާއިލާގެ ބައޮގްރަފީ "ދަ ކަޕޫރުސް" ގައިވާ ގޮތުން ކްރިޝްނާ އޮންނަނީ ގޭގައި އެކަނިމާއެކަންޏެވެ. ރާޖް ކަޕޫރު އެއްގޮތަކަށް ވެސް އޭނާގެ ކައިރިއަކަށް ނުދެ އެވެ.
ނަރްގިސް އަށް ލިބޭ ހުރިހާ ފައިސާ އާރް.ކޭ ސްޓޫޑިއޯ އަށް ހުސްކުރަމުން ދިޔަ އެވެ. އެ ދުވަސްވަރު އޭނާގެ އެކައުންޓްތައް ބަލަހައްޓަމުން ދިޔައީ ދޮށީ ބޭބެ އަޚްތަރު ހުސެއިން އެވެ. އަދި އަޚްތަރުގެ މުޅި އާއިލާގެ ބަލަހައްޓަމުން ދިޔައީ ނަރްގިސްގެ އާމްދަނީންނެވެ. ނަމަވެސް ފަހުން ނަރްގިސް އަށް ލިބެމުން ދިޔަ ގިނަ ފައިސާ އާރް.ކޭ ސްޓޫޑިއޯ އަށް ޚަރަދުކުރަން ފެށުމުން އޭނާގެ ގޭގައި މައްސަލަތައް ޖެހެން ފެށި އެވެ. އަދި ނަރްގިސް ކުޅޭ ފިލްމުތަކުގައި ވެސް ބަތަލުގެ ބައި ރާޖް ކަޕޫރަށް ދިނުމަށް އޭނާ ޕްރޮޑިއުސަރުންނަށް ޝަރުތު ކުރިމަތިކުރަން ފެށި އެވެ.
ނަރްގިސްގެ ބޭބެ އަޚްތަރު އެ ދުވަސްވަރު ނަރްގިސް އަށް ވަރަށް ވިސްނައިދޭން މަސައްކަތްކުރި އެވެ. ރާޖް ކަޕޫރު ހަނދާން ނައްތާލާފައި، ކުޅޭ ފިލްމުތަކަށް ސަމާލުކަން ދިނުމަށާއި ރާޖް ކަޕޫރާއެކު އެއްވެސް ކުރިމަގެއް ނެތްކަން ނަރްގިސް އަށް ވިސްނައިދޭން މަސައްކަތް ކުރި އެވެ. އަދި ކައިވެންޏެއް ކޮށްގެން ދިރިއުޅުމެއް ފަށަން ވެސް އޭނާ ވަރަށް ނަސޭހަތްތެރިވި އެވެ.
ނަމަވެސް ނަރްގިސް އޭނާގެ ބޭބެގެ ބަހެއް ނޭހި އެވެ. އެކަމާ ނަރްގިސްގެ ބޭބެ އާ ދެމެދު ވަރަށް ޒުވާބު ވެސް ހިނގި އެވެ. އަދި ރާޖް ކަޕޫރާ ކައިވެނި ކުރުމަށް އެ މީހުން އެހާ ދެކޮޅު ހަދަނީ ކީއްވެތޯ ނަރްގިސް އޭނާގެ ބޭބެ އާ ސުވާލު ކުރި އެވެ. އޭނާގެ ދިރިއުޅުމުގައި އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލަން އެ މީހުން ކިބައިން ނަރްގިސް އެދުނެވެ.
ދެބެންގެ ޒުވާބު މާ ގަދަވުމުން ނަރްގިސް އެހެން ގެއެއް ހޯދައިގެން އެ ގެއަށް ބަދަލުވި އެވެ. އަދި އޭނާގެ އެއްވެސް ކަމެއްގައި ބޭބެ ބައިވެރި ނުކުރަން ނިންމި އެވެ.
ނަރްގިސް އާ ވަކިވުމަށް ރާޖް ކަޕޫރުގެ ބައްޕަ ޕްރިތުވީ ރާޖް ކަޕޫރު ވެސް ރާޖް ކަޕޫރަށް ވަރަށް ވިސްނައިދިނެވެ. ނަމަވެސް އޭނާ ވެސް ބައްޕަގެ ބަހެއް ނޭހި އެވެ. ރާޖް ކަޕޫރު އޭނާގެ ބައްޕަ ކައިރީގައި ބުނީ އެ ދެ މީހުން އެކަކު އަނެކަކު ދެކެ އިންތިހާ އަށް ލޯބިވާ ކަމަށާއި ކައިވެނިކުރަން ބޭނުންވާ ކަމަށެވެ.
އޭގެ ފަހުން ރިލީޒްވި ރާޖް ކަޕޫރާއި ނަރްގިސްގެ "އާވާރާ" އަށް ބޮޑު ކާމިޔާބެއް ލިބުނެވެ. މި ފިލްމަކީ ރާޖް ކަޕޫރުގެ މަޝްހޫރުކަން މުޅި ދުނިޔެ އަށް ފެތުރިގެން ދިޔަ ފިލްމެކެވެ. "އާވާރާ"ގެ ފަހުން 1953 ގައި ނަރްގިސް އާއި ރާޖްކަޕޫރު "އާހް" ކިޔާ ފިލްމެއް ވެސް އެކުގައި ކުޅުނެވެ. އެއަށްފަހު ރާޖް ކަޕޫރުގެ އާރް.ކޭ ފިލްމްސް އިން އުފައްދާ ފިލްމުތައް ނޫނީ ނުކުޅެން ރާޖް ކަޕޫރު ނަރްގިސްގެ ކިބައިން އެދުނެވެ. ނަރްގިސް އެގޮތް ގަބޫލު ކުރި އެވެ.
މިކަމާ ރުޅި އައީ ހަމައެކަނި ނަރްގިސްގެ ބޭބެ އެކަންޏެއް ނޫނެވެ. ފިލްމު އިންޑަސްޓްރީގެ މީހުން ވެސް އެކަމާ ވަރަށް ރުޅި އަ އެވެ. ނަމަވެސް ނަރްގިސް އޭރު ހުރީ ރާޖް ކަޕޫރުގެ ލޯބީގައި ދީވާނާ ވެފައި ކަމުން އެހެން އެކަކު ދައްކާ ވާހަކައެއް ވެސް އޭނާ ގަބޫލެއް ނުކުރި އެވެ.
ނަމަވެސް ނަރްގިސްގެ މި ނިންމުމަކީ އޭނާގެ ކެރިއަރަށް ލިބުނު ވަރަށް ބޮޑު ހީނަރު ކަމަކަށް ވިއެވެ. އޭގެ ދުވަސްކޮޅެއް ކުރިން ފިލްމު އިންޑަސްޓްރީގައި ނަރްގިސް އަކީ އެންމެ ގަދަޔަށް ފިޔަޖެހި ތަރި ނަމަވެސް ނަރްގިސްގެ މި ނިންމުމުގެ ސަބަބުން އޭނާގެ މަގްބޫލުކަން ގެއްލެން ފެށި އެވެ. އޭގެ ފަހުން ނަރްގިސްގެ އަތުގައި އޮތީ ހަމައެކަނި "ޝްރީ 420" އެކަންޏެވެ. އެ ފިލްމު ވެސް ރިލީޒްކުރެވޭނެ ދުވަހެއް ވެސް އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. އެ ދުވަސްވަރު ނަރްގިސް އަށް ޖެހުނީ އާރް.ކޭ ސްޓޫޑިއޯގައި ފިލްމު ފެށޭނެ ދުވަހެއްގެ އިންތިޒާރުގައި އަތް އުރާލައިގެން އިންނާށެވެ.
ފަހުން ވާން ފެށި ގޮތަކީ ރާޖް ކަޕޫރުގެ ފިލްމުތަކުގައި ނަރްގިސް ބައިވެރި ކުރިޔަސް އޭނާއަކަށް މާ މުހިއްމު ރޯލެއް ނެތުމެވެ. ހަމައެކަނި ލަވަކިއުމާއި ނެށުމާ ނޫން ކަމެއް އޭނާއަކަށް އެއްވެސް ފިލްމަކުން ނުލިބެ އެވެ.
އެ ދުވަސްވަރު ފިލްމެއް ކުޅެން ރާޖް ކަޕޫރާއި ނަރްގިސް ރަޝިޔާ އަށް ދިޔަ އެވެ. އެ އެމީހުންނާ އެކު އެ ދަތުރުގައި ބައިވެރިވި އެކްޓަރު ދޭވް އާނަންދް ބުނެފައިވާ ގޮތުގައި އެ ދެ މީހުން އެ ފަހަރު ރަޝިޔާގައި ތިބީ އެއް ކޮޓަރިއެއްގަ އެވެ. އަދި ރާޖް ކަޕޫރު އަބަދު ރާ ބޮއިގެން މަސްތުވެފައި އޮންނަ ކަމަށާއި އޮންނަތަނުން ނަގަން ޖެހެނީ ވެސް ދަމާފައި ކަމަށް ދޭވް އާނަންދު ބުނެފައި ވެއެވެ. އެ ހާލުގައި ވެސް ރާޖް ކަޕޫރުގެ ހުރިހާ ކަމެއް ކޮށްދެނީ ނަރްގިސް އެވެ.
ރަޝިޔާގެ ދަތުރުގައި ނަރްގިސް އަށް ވަރަށް މުހިއްމު ކަމެއް ފާހަގަ ކުރެވުނެވެ. އެ ގައުމުގެ މީހުންނަށް ރާޖް ކަޕޫރު ވަރެއް ނެތިގެން އުޅޭއިރު އެއްވެސް މީހަކަށް ނަރްގިސް އަކީ ކާކު ކަމެއް ނޭނގެ އެވެ. އެ މީހުން އޭނާއަކަށް އެއްވެސް ސަމާލުކަމެއް ނުދެ އެވެ. އެތަނުގައި އުޅުނު ގިނަ މީހުންނަށް އޭރު ހީވެފައި އޮތީ ނަރްގިސް އަކީ ރާޖް ކަޕޫރުގެ އަނބިމީހާ ކަމަށެވެ.
މި މައްސަލައިގައި ނަރްގިސްގެ ހިތަށް ވަރަށް ފުން އަސަރުތަކެއް ކުރި އެވެ. އަދި ބޭބެ ދެއްކި ވާހަކަތަކަކީ ހަގީގަތެއްކަން ގަބޫލު ކުރެވެން ފެށި އެވެ. އަމިއްލަ ކުރިމަގާ މެދު ނަރްގިސް ކަންބޮޑުވާން ފެށީ މި ހިސާބުންނެވެ. އަދި އޭނާ އާއި ރާޖް ކަޕޫރުގެ ގުޅުމަށް ނަމެއް ދޭން އޭނާ ބޭނުންވި އެވެ.
ނަރްގިސް އޭނާގެ އެކުވެރިއެއް ކައިރީ އެ ދުވަސްވަރު ބުނެފައިވާ ގޮތުގައި ރާޖް ކަޕޫރުގެ ދަރިން އަމިއްލަ ދަރިންގެ ގޮތުގައި ދެކިގެން އުޅެއުޅެ އޭނާ ވަނީ ވަރުބަލިވެފަ އެވެ. ކައިވެނިކޮށްގެން އަމިއްލަ ދަރިން ހޯދައިގެން ދިރިއުޅުމެއް އާރާސްތުކުރަން އޭނާ އޭރު ހުރީ ވަރަށް ބޭނުންވެފަ އެވެ. މިކަމާ ވިސްނަވިސްނާ ހަދާނެގޮތް ހުސްވެގެން ނަރްގިސް ލަފާ ހޯދަން ދެން ދިޔައީ އޭރު އިންޑިއާގެ ޚާރިޖީ ވަޒީރަކަށް ހުންނެވި މޮރާޖީ ދެސާއީގެ އަރިހަށެވެ. އޭރު މޮރާޖީ ދެސާއީ ދިޔައީ ހިންދޫންގެ ކައިވެންޏާ ބެހޭ ގާނޫނެއް އެކުލަވާލަމުންނެވެ.
ކުރިން ކައިވެނިކޮށްގެން އުޅޭ މީހަކު ދެ ވަނަ ފަހަރަށް ކައިވެނި ކުރެވޭނެ އެއްވެސް ގޮތެއް އޮތްތޯ މޮރާޖީ ދެސާއީ ކުރަން ނަރްގިސް ސުވާލު ކުރި އެވެ. މީހެއްގެ ފިރިއަކާ ރައްޓެހިވެގެން އެއްވެސް މުސްތަގްބަލެއް ނެތް ގުޅުމެއް ބާއްވާތީ މޮރާޖީ ދެސާއީ އެ ދުވަހު ނަރްގިސް އަށް ވަރަށް އެއްޗެހި ކީ ކަމަށް ވެއެވެ. އެންމެފަހުން ނަރްގިސް ބުނީ އޭނާގެ ހިތަށް އެއްވެސް ގާނޫނެއްގެ ބާރު ނުފޯރާ ކަމަށެވެ. ނަމަވެސް މި ބައްދަލުވުމަށްފަހު ނަރްގިސްގެ މާޔޫސްކަން އިތުރުވި އެވެ.
ރާޖް ކަޕޫރާއި ނަރްގިސްގެ ލޯބީގެ ގުޅުން ނުވަ ވަރަކަށް އަހަރަށް ދެމިގެން ދިޔަ އެވެ. އެ މުއްދަތުގައި ނަރްގިސްގެ އުންމީދަކީ ރާޖް އާ ކައިވެނިކޮށްގެން ދިރިއުޅުމެއް ހޯދުމެވެ. އަދި ރާޖް ވެސް ނަރްގިސް އާ ކައިވެނިކުރާނެ ކަމުގެ ޔަގީންކަން ދެމުން ދިޔަ އެވެ.
ނަމަވެސް ހަގީގަތަކީ ރާޖް ކަޕޫރުގެ ހިތުގައި އޭނާގެ އަނބިމީހާ ކްރިޝްނާ ވަރިކުރުމުގެ ޚިޔާލެއް އެއްގޮތަކަށް ވެސް ނެތް ކަމެވެ. ދުވަހެއްގެ ކޮޅުން ވެސް ކްރިޝްނާ ވަރިކުރާކަށް ރާޖް ކަޕޫރު ހިތަކު ނެތެވެ. ނަމަވެސް އޭނާ ވެސް ނަރްގިސް ދެކެ އިންތިހާ އަށް ލޯބިވެ އެވެ. ނަމަވެސް އެ ދެ މީހުންގެ ގުޅުމަށް ނަމެއް ދޭނެ ގޮތެއް ރާޖް ކަޕޫރަށް ވިސްނާ ވިސްނާ ވެސް ނޭނގުނެވެ.
ނަރްގިސް މާޔޫސްވަމުން ދިޔަ ވަރަކަށް ރާޖް ކަޕޫރާއި އޭނާގެ ލޯބީގެ ގުޅުމަށް ބުރޫ އަރަމުން ދިޔަ އެވެ.
އޭގެ ފަހުން 1955 ގައި ނުކުތް "ޝްރީ 420"އަށް ފަހު ރާޖް ކަޕޫރާއި ނަރްގިސްގެ ގުޅުން ގޯސްވަމުންދާކަން އެންމެންނަށް ވެސް ފާހަގަ ކުރެވެން ފެށި އެވެ.
ނަމަވެސް "ޝްރީ 420" އަކީ ރާޖް ކަޕޫރާއި ނަރްގިސްގެ އެންމެ ކާމިޔާބު ފިލްމަށް ވެގެން ދިޔަ އެވެ. ޚާއްސަކޮށް އެ ދެ މީހުން އެކުގައި ކުޅުނު "ޕިޔާރް ހުވާ އިގްރާރް ހުވާ" އެ ލަވަ އެވެ. ނަމަވެސް އެ ފިލްމުގައި އޭނާ އަށް ކުޅެން ޖެހުނު ބަޔާ މެދު ނަރްގިސް އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހުނެވެ. އަދި އެހެން ޕްރޮޑިއުސަރުންގެ ފިލްމުތަކުގައި މަސައްކަތް ނުކުރަން ނިންމި ނިންމުން ރަނގަޅު ނޫންކަން ނަރްގިސް އަށް އިހްސާސް ވާން ފެށި އެވެ.
އޭރު ދެން ރާޖް ކަޕޫރާ އެކު ވެސް އެއްވެސް މުސްތަގްބަލެއް ނެތް ކަން ނަރްގިސް އަށް ޔަގީންވެ ކޮންމެވެސް އެއްގޮތަކަށް އެ ދެ މީހުންގެ މައްސަލަ ނިންމާ ވަގުތު އަތުވެއްޖެ ކަމަށް ނަރްގިސް ގަބޫލުކުރި އެވެ. އަދި ވަރަށް ހިތްވަރާ އެކު ރާޖް އާ ކުރިމަތިލައި އޭނާއަކީ ރާޖް ބޭނުންހާ ގޮތެއް ހެދޭނެ މީހެއް ނޫން ކަމަށް ބުނެ އޭނާއާ އޮތް ގުޅުން އަބަދަށްޓަކައި ކަނޑާލި އެވެ. އަދި ވަގުތުން ބޭބެ އަޚްތަރު ހުސެއިންގެ ކައިރިއަށް ދިޔަ އެވެ. އަދި އޭނާ އަށް އަލުން ކުޅޭނެ ފިލްމުތައް ހޯދައިދިނުމަށް އެދުނެވެ.
ބޭބެގެ މަސައްކަތުން ނަރްގިސް އަށް އަނެއްކާ ވެސް ފިލްމުތަކެއް ލިބުނެވެ. މި ފިލްމުތަކުގައި ސޮއިކުރުމުގެ ކުރިން އޭނާ ރާޖް ކަޕޫރު ކައިރީގައި އަހައި ވެސް ނުލަ އެވެ. ނަމަވެސް އޭގެ ކުރިން އޭނާ ކޮންމެ ފިލްމެއް ވެސް ގަބޫލުކުރަނީ ރާޖް ކައިރީ އަހައިފަ އެވެ. ރާޖް އަށް މިކަން އެނގުމުން ވަރަށް ހިތްހަމަނުޖެހުނެވެ. އަދި ނަރްގިސް އޭނާގެ ލޯބި އެގޮތަށް ފައިސާއާ އަޅާ ކިރާނެކަމަށް ހީ ވެސް ނުކުރާ ކަމަށް ރާޖް ބުންޏެވެ.
ނަމަވެސް ރާޖްގެ ވާހަކަތަކަށް އަލުން ހެއްލޭކަށް ނަރްގިސް ބޭނުމެއް ނުވި އެވެ. އޭނާ ބޭނުންވީ ރާޖް މަތިން މުޅިން ހަނދާން ނައްތާލައި މުޅިން އާ ފެށުމަކުން ދިރިއުޅުން ފަށާށެވެ. ނަރްގިސްގެ ކެރިއަރުގެ އެންމެ މުހިއްމު ރޯލު އޭނާ އަށް ލިބުނީ މި ދުވަސްވަރު އެވެ. އެއީ "މަދާ އިންޑިއާ" އެވެ. މި ފިލްމުގެ ޝޫޓިންގެ ތެރޭގައި ނަރްގިސްގެ ދުނިޔެ އަދި ފިލްމީ ކެރިއަރު މުޅިން ބަދަލުވެގެން ދިޔަ އެވެ.
ނަރްގިސް އޭނާ ދޫކޮށްލާފައި މުޅިން އާ ދިރިއުޅުމެއް ފަށައިފިކަން ގަބޫލުކުރަން ރާޖް ކަޕޫރު ތައްޔާރެއް ނޫނެވެ. އޭގެ ފަހުން ނަރްގިސް އާއެކު ފިލްމެއް އުފައްދައި އަލުން އޭނާގެ ހަޔާތަށް ނަރްގިސް ގެނެވޭތޯ ރާޖް ކަޕޫރު މަސައްކަތް ކުރި އެވެ. ނަމަވެސް ނަރްގިސް ސާފުބަހުން އެކަމަށް އިންކާރު ކުރި އެވެ.
ރާޖް ކަޕޫރު އޭގެ ފަހުން ދީފައިވާ ވަރަށް ގިނަ އިންޓަވިއުތަކުގައި ނަރްގިސް އޭނާ އަށް މަކަރުހަދައި އޮޅުވާލި ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކާފައި ވެއެވެ. އަދި އޭގެ ފަހުން ނަރްގިސް ކައިރީގައި ފިލްމު ޑައިރެކްޓަރަކު ކައިވެންޏަށް އަހައި ފޮނުވި ސިޓީއެއް އޭނާ އަށް ނުދައްކައި ވީދާލި ވާހަކަ އާއި އެ ވާހަކަ ވެސް ނަރްގިސް އޭނާ ކައިރީ ބުނެފައި ނުވާ ކަމަށް ރާޖް ކަޕޫރު ބުނެފައި ވެއެވެ.
ނަރްގިސްގެ ލޯބީގައި ދީވާނާވެގެން ރާޖް ކަޕޫރު އުޅެމުން ދިޔައިރު ނަރްގިސް އުޅެނީ "މަދާ އިންޑިއާ" ގެ ޝޫޓިންގައި ވަރަށް އަވަދިނެތި އެވެ. އަދި އެ ޝޫޓިންގެ ތެރެއިން އޭނާ އަށް ސުނިލް ދަތާ ބައްދަލުވި އެވެ.
އެ ފިލްމުގައި ސުނިލް ކުޅެފައިވަނީ ނަރްގިސްގެ ދަރިއެއްގެ ރޯލެވެ. އެ ފިލްމުގެ އަލިފާން ރޯވެފައިވާ ތަނެއްގެ މަންޒަރުތައް ނަގަމުން ދަނިކޮށް ނަރްގިސް އަލިފާންގަނޑުގެ ތެރޭގައި ތާށިވި އެވެ. ސުނިލް ދަތު އަލިފާންގަނޑުގެ ތެރެއަށް ފުންމާލައިގެން ނަރްގިސްގެ ފުރާނަ ސަލާމަތްކުރި އެވެ. މި ހާދިސާގައި ސުނިލް ދަތާއި ނަރްގިސް ވަރަށް ބޮޑަށް ފިހުނެވެ.
ސުނިލް ދަތު އެފަހަރު ނަރްގިސްގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ އިތުރުން އެ ހާދިސާގެ ސަބަބުން ނަރްގިސްގެ ހިތް ވެސް ސުނިލް އަށް ހަދިޔާކުރި އެވެ.
ނަރްގިސް އާއި ސުނިލް ރައްޓެހިވިއިރު ނަރްގިސްގެ އުމުރުން 28 އަހަރެވެ. ރާޖް ކަޕޫރާއި ނަރްގިސްގެ އިސްކޮޅުން ދާދި އެއްވަރެވެ. އެހެންވެ ރާޖް ކަޕޫރާ ރައްޓެހިވެގެން އުޅުނު ދުވަސްވަރު ނަރްގިސް އެއްގޮތަކަށް ވެސް ފުންނާބު އުސް ފައިވާނަކަށް ނާރަ އެވެ. ނަމަވެސް ސުނިލް އަކީ ނަރްގިސް އަށް ވުރެ ވެސް މާ ދިގު މީހެކެވެ. އެހެންވެ އޭނާއާ ރައްޓެހިވުމަށް ފަހު ފުންނާބު އުސް ފައިވާނަކަށް އަރާނެ ފުރުސަތު ވެސް ނަރްގިސް އަށް ލިބުނެވެ.
މިއީ ވެސް ރާޖް ކަޕޫރު ވަރަށް ފާހަގަކުރި ކަމެކެވެ. ސިމީ ގަރެވާލް ޝޯގައި ވާހަކަ ދައްކަމުން ރާޖް ކަޕޫރު ބުނެފައިވާ ގޮތުގައި އެއް ދުވަހަކު ނަރްގިސް އޭނާއާ ބައްދަލުކުރަން އައެވެ. ފުންނާބު އުސް ފައިވާނަކަށް އަރައިގެންނެވެ. އެވަގުތު ނަރްގިސްގެ ހަޔާތަށް އިސްކޮޅުން ދިގު މީހަކު އައިސްފައިވާކަން އޭނާއަށް ޔަގީން ކުރެވުނެވެ.
ސުނިލް ދަތު މަޑުމަޑުން ގޮސް ނަރްގިސްގެ ހިތް މުޅިން ފަތަހަ ކުރި އެވެ. އަދި ރާޖް ކަޕޫރުގެ ހަނދާންތައް އެ ހިތުން ފޮހެލި އެވެ. ނަމަވެސް ރާޖް ކަޕޫރު ހުރީ އޭރު ވެސް ނަރްގިސްގެ ލޯބީގައި ދީވާނާ ވެފަ އެވެ.
ރާޖް ކަޕޫރާ އެކު އޮތް ގުޅުމުގެ ސަބަބުން ސުނިލް ދަތާއި އޭނާގެ ގުޅުމަށް ބުރޫ އަރާފާނެކަމުގެ ބިރު ނަރްގިސްގެ ހިތުގައި އަބަދުވެސް އޮތެވެ. އަދި އެ ދެ މީހުންގެ މެދުގައި ކޮންމެވެސް ވަރަކަށް މިކަމާ ހެދި މައްސަލަތައް ވެސް ޖެހުނެވެ. އެންމެ ފަހުން ނަރްގިސް އާ ކައިވެނިކުރަން ސުނިލް ދަތު ނިންމި އެވެ. އޭރު ވެސް ނަރްގިސް އާ ބައްދަލުވޭތޯ ރާޖް ކަޕޫރު ވަރަށް މަސައްކަތް ކުރަމުން ދިޔަ އެވެ.
ސުނިލް އާއި ނަރްގިސް ކައިވެނި ކޮށްގެން އުފާވެރި ހަޔާތެއް އުޅެން ފެށި އެވެ. ރާޖް ކަޕޫރު އުމުރުގެ ބާކީ އޮތް ބައި ހޭދަކޮށްލީ ނަރްގިސްގެ ހަނދާނުގައި އޭނާ އަދިވެސް އަތުވެދާނެކަމުގެ އިންތިޒާރުގަ އެވެ.