28 މާޗް 2021 - 09:32

ގާހިރާ (މާޗް 28) - ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހު އަންނަ ޖުލައި މަހު ޖަޕާންގައި ކުރިއަށްދާ އޮލިމްޕިކްސްގައި ކުޅޭނެ ކަމަށް މިސްރުގެ ކޯޗު ޝައުކީ ގާރިބް ބުނެފި އެވެ.
އޮލިމްޕިކްސްގައި ވާދަކުރަނީ 23 އަހަރުން ދަށުގެ ޓީމެވެ. އެކަމަކު އެ މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން 23 އަހަރުން ދޮށީ ތިން ކުޅުންތެރިންނަށް ކުޅެވެ އެވެ. ސަލާހުގެ ނަން މިސްރު ޓީމުގައި ހިމަނަނީ ދޮށީ ކުޅުންތެރިންނަށް ލިބޭ ޖާގައިގެ ތެރެެއިންނެވެ.
"ސަލާހު އޮލިމްޕިކްސްގައި ކުޅޭ ވާހަަކަ ތަކުރާރުކޮށް އަހަރެން ބުނެފިން މީޑިއާގައި ވެސް. އޮލިމްޕިކްސްގައި ނުކުޅޭނެކަމަށް ސަލާހު ނުބުނޭ. އޭގެ މާނަ އަކީ އޭނާ ވެސް ބޭނުންވަނީ އޮލިމްޕިކްސްގައި ކުޅޭށޭ،" މިސްރުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ގާރިބް ބުންޏެވެ.
ގާރިބް ބުނީ ސަލާހު އޮލިމްޕިކްސް ޓީމުގައި ހިމަނަން މިސްރުގެ ސްޕޯޓްސް މިނިސްޓްރީ އާއި ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އެއީ އޮލިމްޕިކްސް އިން މެޑަލެއް ގެނައުމުގެ ގޮތުން ކަމަށެވެ.
އޮލިމްޕިކްސްގައި ކުޅެފިނަމަަ ސަލާހަށް އިނގިރޭސި ޕްރިމިއާ ލީގުގެ އަންނަ ސީޒަނުގެ ފުރަތަމަ މެޗުތަކެއް ގެއްލޭނެ އެވެ. އެއީ ޕްރިމިއާ ލީގުގެ އަންނަ ސީޒަން ފަށަން ތާވަލުކޮށްފައިވަނީ އޮގަސްޓް 12 ވަނަ ދުވަހު ކަމަށްވާއިރު، އޮލިމްޕިކްސް ކުރިއަށްދާނީ ޖުލައި 23 އިން އޮގަސްޓް އަށް ވަނަ ދުވަހަށެވެ.
ކުޅުންތެރިންގެ ހައްގުގައި ފިފްޕްރޯ އިން ހަދާފައިވާ ގަވާއިދު ބުނާގޮތުން ސީޒަން ނިމުމުން ކުޅުންތެރިއަކު ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅެފިނަމަ އެ މުބާރާތުގައި އެ ކުޅުންތެރިއަކު ކުޅޭ ފަހު މެޗަށް ފަހު ތިން ހަފްތާގެ ރެސްޓެއް އޭނާ އަށް ލިބެން ޖެހެ އެވެ. އެއީ ކުޅުންތެރިންގެ ސިއްހަތަށް ވިސްނައި ފިފްޕްރޯ އިން ހަދާފައިވާ އުސޫލެކެވެ.
"މީގެ ގޮތެއް ނިންމުން އޮތީ ސަލާހު އަތުގައި. ލިވަޕޫލްގެ ކޯޗު (ކްލޮޕް) އާއި ސަލާހު އަދި އަހަރެން އެބަޖެހޭ ވާހަކަ ދައްކައިގެން ނަމަވެސް މީގެ އަވަހަށް ފައިނަލް ގޮތެއް ނިންމަން،" ގާރިބް ބުންޏެވެ.
މީގެ ތިން ސީޒަން ކުރިން ލިވަޕޫލާ ގުޅުމަށް ފަހު ސަލާހު އަންނަނީ އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ލިވަޕޫލުން މި ފަހުން ހޯދި ކާމިޔާބީތަކުގައި ސަލާހު އިސް ދައުރެއް އަދާކުރި އެވެ.