28 މާޗް 2021 - 07:54

އުފަލަކަށް ވަނީ ކިހާ ބޮޑު އުފަލެއް ލިބުނީމައި ހެއްޔެވެ؟ ހިތާމައަކަށް ވަނީ ކިހާ ބޮޑު ހިތާމައެއް ލިބުނީމައި ހެއްޔެވެ؟ އަހަންނަށް ޖަވާބު ނުލިބުނު ސުވާލަކީ އެއީއެވެ. އަހަރެންގެ ނަމަކީ ނާހިދެވެ. ޒުވާން އުމުރުގައި އަހަރެން މާލެއައީ ކިޔަވާށެވެ. މަތީ ތައުލީމު ހާސިލުކުރާށެވެ. އެ ކަން ކާމިޔާބުވިއެވެ. އަހަންނަށް އިނގެރޭސި ދަސްވިއެވެ. ދެން ދަސްކުރަން ބޭނުންވީ އަރަތްބެއެވެ. އެ ކަން ވެސް ވަރަށް ފުރިހަމައަށް ކާމިޔާބުވިއެވެ. ފެން ފަދައިން އަރަބި ލިޔެކިޔަން ދަސްވިއެވެ. ކިޔަވައި ނިމިގެން އަހަރެން ބޭނުންވި ސަރުކާރު ވަޒީފާ ވެސް ލިބުނެވެ. ދެން އަހަރެން ބޭނުންވީ މީހަކާ އިންނާށެވެ. ލުބާނާއަކީ އަހަންނަށް ފެނުނު އެންމެ ގަޔާވާ އަންހެންކުއްޖާއެވެ. އޭނަޔާ އިނދެވުނެވެ. ފުރަތަމަ ބޭނުންވީ ފިރިހެން ދަރިއެކެވެ. ފިރިހެން ދަރިޔަކު ވެސް ލިބުނެވެ. އުފަލުގެ މައްޗަށް އުފަލެވެ. ކާމިޔާބުގެ މައްޗަށް ކާމިޔާބެވެ. އެހެންނަމަވެސް ދުނިޔެއަކީ ސުވަރުގެއެއް ނޫނެވެ. ދުނިޔޭގައި ހުރިހައި ކަމެއް ފުރާ ފުރިހަމައެއް ނުވާނެއެވެ. އަހަންނަށް ވެސް ޖެހުނީ އެ ހަގީގަތް ގަބޫލުކުރާށެވެ. އަހަންނަށް ނުލިބުނީ އަނބިމީހާގެ ލޯތްބެވެ.
އަހަރެން ކުރިން އުޅުނީ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އެކަނިމާއެކަންޏެވެ. އެއް ތަނުން އަނެއް ތަނަށް ބަދަލުވާކަށް އަހަންނަކަށް އުނދަގުލެއް ނޫނެވެ. އެކަމަކު އަނބިމީހާ ލުބާނާއާއި، ދަރިފުޅު ޔޫސުފު ގޮވައިގެން ތަންތަނަށް ބަދަލުވާން ޖެހުމުން އެއީ ފަސޭހަ ކަމަކަށް ނުވިއެވެ. އެއަށް ވުރެ ވެސް އުނދަގޫވި ކަމަކީ، އަނބިމީހާގެ ކުރީގެ ލޯބިވެރިޔާ ތިލަވުމެވެ. އާމުދަނީ ހޯދުމުގެ ޒިންމާ އެޅިފައިވަނީ އަހަރެންގެ ކޮނޑުގައެވެ. އޮފީސް ނިންމައިފައި، ގޭގައި ޓިއުޝަން ދީފައި، ކިޔަވައިދޭން ޓިއުޝަން ކިލާހަކަށް ގޮސްފައި ދެން ލުބާނާއާއި ޔޫސުފަށް ދޭނެ ވަގުތެއް އަހަންނަކަށް ނޯވެއެވެ. ގެއަށް ލިބޭ މަދު ވަގުތުކޮޅުން ބައެއް ވެސް އަހަރެން ހޭދަކުރަން ޖެހެނީ ޓިއުޝަން ކިލާހަށް ފިލާވަޅު ތައްޔާރުކުރުމުގައެވެ. ކަމެއް ޖެހިގެން ލުބާނާ ގުޅާލާ ގިނަ ފަހަރަކު އަހަންނަކަށް ނާދެވެއެވެ. އެ ކަމާ އަހަރެން އެއްބަހެވެ. އެކަމަކު އަހަރެން ފައިސާ ހޯދަނީ އާއިލާއަށް ހަރަދުކުރާށެވެ. ދަރިފުޅަށް ޓަކައެވެ. ލުބާނާއަށް ޓަކައެވެ. އެ ވަރަކުން ލުބާނާއަކަށް ނުފުދެއެވެ. ހުރިހާ ވެސް މައްސަލައެއްގެ އަސްލަކީ އެއީއެވެ.
ލުބާނާ އެކަނިވަނީއެވެ. އަހަރެން އަޅާނުލަނީއެވެ. ރައްޓެހިންނާ އެކުގައި އަހަރެން މަޖާކުރަނީއެވެ. ދަރިފުޅުގެ ޒިންމާއެއް އަހަރެން ނުނަގައެވެ. އެ ކަހަލަ އެތައް ތުހުމަތެއް އޮންނަނީ އަހަރެންގެ ބޮލުގައި އެޅިފައެވެ. ފައިސާ ހުއްޓަސް ގެއަށް ބޭނުންވާ އެއްޗެހި ގަންނަން ދާންޖެހެނީ ލުބާނާއެވެ. ދަރިފުޅު އިސްކޫލަށާއި، އެހެން ހަރަކާތްތަކަށާއި، ޓިއުޝަން ކިލާހަށް ގެންދަން ޖެހެނީ ވެސް ލުބާނާއަށެވެ. ހާލަކުން ފަހަރަކު ވެސް އަހަންނަށް އޮންނަނީ ނާދެވިފައެވެ. އެހެންވުމުން، އެ ފަދަ ކަންތައްތައް ކޮށްދޭން ލުބާނާ ގުޅަނީ އޭނަގެ ކުރީގެ ލޯބިވެރިޔާ ފަހުދަށެވެ. އެ ނޫން ގޮތެއް އޭނަޔަށް ނެތީއެވެ. ލުބާނާގެ ބަހަނާއަކީ އެއީއެވެ. ފަހުދަށް ނުގުޅަން އަހަރެން ތަކުރާރުކޮށް ބުނުމުން ލުބާނާ އެއްބަސްވިއެވެ. އެކަމަކު ދެން ކަންކަން ހިނގަން ފެށީ އަހަންނަށް ސިއްރުންނެވެ. އޭގެ ސަބަބުން އަހަރުމެން ދެމަފިރިންގެ ހައްސާސް ގުޅުންތަކަށް ބުރޫއަރަން ފެށިއެވެ. ލޯބީގައި ދަމިލަޖަހައި ދަބަރުހިލެން ފެށިއެވެ. އަހަރުމެން ވެފައިވަނީ އެއް ފުރާޅެއް ދަށުގައި އުޅޭ ދެ ބީރައްޓެހިންނަށެވެ. ބައެއް ފަހަރު ދެ އެކުވެރިންނަށެވެ. އެކަކު އެނދުގައި އޮންނަންޏާ އަނެކަކު އޮންނަނީ ތަޅުންގަނޑު މަތީގައެވެ.
މެދު އިންތިހާނު ނިމި ޗުއްޓީ ލިބުނު ދުވަސްވަރު ދިމާވީ ވަރަށް ވިއްސާރަ ދުވަސްވަރަކާއެވެ. މުޅި ރާއްޖެއަށް ވިއްސާރަކުރިއެވެ. އެ ވިއްސާރައިގެ އަސަރު އަހަރުމެންނަށް ވެސް ކުރިއެވެ. އަލުން ކިޔެވުން ފެށުނު އިރު، އިތުރު މެހުމާނަކަށް މަރުހަބާކިޔަން ލުބާނާ ތައްޔާރުވެއްޖެއެވެ. ދެވަނަ ދަރިޔަކު ހޯދުމަކީ އަހަރުމެން ތާވަލުކުރި ކަމެއް ނޫނެވެ. އުޅޭ ތަނާއި، ހަރަދުބަރަދާއި، ހާލަތަށް ބެލިޔަސް އެ ދުވަސްވަރަކީ ދަރިޔަކު ހޯދަން އަހަރުމެންނަށް މުނާސަބު ދަނޑިވަޅެއް ނޫނެވެ. އެކަމަކު ހަގީގަތާ ޖެހުނީ ކުރިމަތިލާށެވެ.
އާދައިގެމަތިން ލުބާނާޔާ ކުޑަ އަރާރުމެއް ވެފައި އަހަރެން ޓިއުޝަން ކިލާހަށް ދިޔަ ރެޔެކެވެ. ކިލާހުގައި ތިބެނީ ދެ ޖިންސުގެ ޒުވާން ކުދިންނެވެ. ދެތިން އާ މޫނެއް ވެސް އަހަންނަށް ފާހަގަވިއެވެ. އަހަންނަކީ ކިޔަވައިދޭ އެއްޗަކަށް ފޯކަސްކޮށްގެން ކިޔަވައިދޭ މީހެކެވެ. ތިން މީހުން ތިއްބަސް، ތިން ސަތޭކަ މީހުން ތިއްބަސް އަހަރެން ކިޔަވައިދޭ ފެންވަރަކަށް ބަދަލެއް ނާންނާނެއެވެ. އެހެންނަމަވެސް، ދަރިވަރަކު ކަޅިޖަހައި ނުލައި އަހަންނަށް ބަލަހައްޓައިގެން އިންނަކަން ފާހަގަކުރެވެން ފެށުމުން، އަހަރެންގެ ސަމާލުކަން އެ ދިމާއަށް ދީލޭން ފެށިއެވެ. އަހަރެން އަރަބި ކިޔަވައިދޭ ކިލާހުގައި އަލަށް ބައިވެރިވި މީޒާ އަހަރެންގެ ސަމާލުކަން އަތުލި ގޮތަކީ އެއީއެވެ.
މީޒާ ހަމަ އެކަނި ބަލަހައްޓައިގެން އިން ނަމަވެސް އަހަންނަށް ފިލާވަޅަށް ފޯކަސް ކުރެވުނީހެވެ. ބެލުމުގެ އިތުރަށް އޭނަ އިރުއިރުކޮޅާ މޫނަށް ވައްތަރުތަކެއް ޖައްސަނީ ކީއްވެގެންބާއޭ އަހަރެން ހިތަށްއެރިއެވެ. އަހަރެންގެ ލޮލުގައި މީޒާ އަޅައިގަތީ އެހެންވެއެވެ. މީޒާ ދޭތެރެއަކުން ލޯ ކުޑަކޮށްލައިފައި ބޮޑުކޮށްލައެވެ. ތުންފަތަށް ގޮތެއް ހަދައިލައެވެ. ދެ ބުމަ ގޮށްޖަހައިލައެވެ. ހިނިތުންވެލައެވެ. ތުންފަތުގައި ދަތްއަޅައިލައެވެ. އެ މަންޒަރު ފެންނަނީ އަހަންނަށް އެކަންޏެވެ. ސާބިތުކަމާ އެކުގައި އަހަރެން ކިޔަވައިދެމުން ގެންދިޔަ އިރު ވެސް، މީޒާ ވައްތަރުޖައްސަނީ ކީއްވެގެންބާއޭ ހިތަށްނާރާ އިރުކޮޅެއް ނުދެއެވެ.
މީޒާ ކުރި ހަރަކާތް ނުވަތަ އިޝާރާތްތަކަކީ، ދަރިވަރެއްގެ ފަރާތުން ދުވަހަކު ވެސް އަހަންނަށް ފެނުނު މަންޒަރުތަކެއް ނޫނެވެ. އަމުދުން ޒުވާން އަންހެންކުއްޖަކު އެ ކަހަލަ ހަރަކާތްތަކެއް ކުރާތީ، ހިތުގައި ސުވާލު ނުއުފައްދައެެއް އަހަންނަކަށް ނުހުރެވުނެވެ. އަހަރެން ކިޔަވައިދޭ ގޮތުން މީޒާއަށް ރަނގަޅަށް އޮޅުން ނުފިލަނީބާއޭ ވެސް ހިތަށްއެރިއެވެ. ނުވަތަ އަހަރެންގެ ސަމާލުކަން ހޯދަން މީޒާ ބޭނުންވަނީބާއެވެ؟ އުމުރުގެ ގޮތުން އަހަންނަށް ވުރެ މާ ހަގު އަންހެންކުއްޖަކު އަހަރެންގެ ސަމާލުކަން ހޯދުމުގެ ބޭނުމެއް އަހަންނަކަށް ނުވިސްނެއެވެ. އެކަކީ މުދައްރިސެވެ. އަނެކަކީ ދަރިވަރެވެ. އެ ދިމާއިން ވިސްނިޔަސް މީޒާ ކުރީ ކޮށްގެން ވާނެ ކަހަލަ އިޝާރާތްތަކެއް ނޫންކަން އަހަންނަށް ގަބޫލުކުރެވުނެވެ. އެހެނަސް ސުވާލެއް ނުކުރަމެވެ.
ލުބާނާ އާންމުކޮށް ބާޒާރުކުރަނީ ގެޔާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ ފިހާރަޔަކުންނެވެ. އާންމުކޮށް އެ ފިހާރައިން ވިޔަފާރި ކުރާތީ ފިހާރައިގައި ތިބޭ އެންމެން ވެސް ލުބާނާއާ ވަރަށް ރައްޓެއްސެވެ. ހާއްސަކޮށް ކައުންޓަރުގައި އިންނަ ސައުދާއެވެ. ވިޔަފާރިކުރަން އަންނަ މީހަކަށް ބާއްވާ ގުޅުމަށް ވުރެ ސައުދާ ބާއްވާ ގާތްކަން އަބަދުވެސް ބޮޑުކަން ލުބާނާއަށް ފާހަގަކުރެވެއެވެ. ސަބަބެއް ނޭނގެއެވެ. ލުބާނާއަކީ އެ ފިހާރައިން މާ ބޮޑެތި ވިޔަފާރި ކުރާ ވެސް މީހެއް ނޫނެވެ.
އެއްދުވަހަކު އެ ފިހާރަޔަށް ލުބާނާ ވަން އިރު ކައުންޓަރު ކައިރީގައި އެހެން އަންހެންކުއްޖަކު ހުއްޓެވެ.
"އަހަނ! މިއޮއް އައީނު އޭނަ!" ސައުދާ ވަރަށް ގާތް ގޮތަކަށް ބުނެލިއެވެ. "މިއަދު ޖެހޭނެ އިންޓްރޮޑިއުސްވާން. މީ މަގޭ ކޮއްކޮ މީޒާ! މީ ނާހިދުސަރގެ ވައިފް ލުބާނާ!"
މީޒާއާއި ލުބާނާ ސަލާންކުރިއެވެ. ލުބާނާއަށް މީޒާ އަލެވެ. އެކަމަކު މީޒާގެ މޫނުމަތިން ލުބާނާ އަކަށް އެހެނެއް ހިޔެއްނުވިއެވެ. މީޒާގެ މޫނުމަތިން ފެނުނީ ލަދުރަކިކަމެވެ. ނުތަނަވަސްކަމެވެ. އެއީ ކީއްވެ ހެއްޔެވެ؟ ހިތާހިތުން ލުބާނާ ސުވާލުކުރިއެވެ. އަހަރެންގެ ދަރިވަރެއް ލުބާނާއަށް އެ ނަޒަރުން ބެލީ ކީއްވެގެން ހެއްޔެވެ؟
ރޭގަނޑު ލިބުނު ވަގުތެއްގައި ލުބާނާ އެ ވާހަކަ ފެންމަތިކުރިއެވެ. ވަރަށް ގަޔާނުވާ ކަހަލަ ގޮތަކަށެވެ.
"މިއަދު އަންހެންކުއްޖަކަށް އަހަރެން އިންޓްރޮޑިއުސް ކޮށްދީފި!" ތަށިތައް ދޮންނަމުން ނުގޮތަކަށް ލުބާނާ ބުނެލިއެވެ. "އަހަންނަކީ ސަރގެ ވައިފޭ ބުނީ."
އެ ހިސާބަކުން އަހަރެން ކަންބޮޑެއް ނުވެއެވެ. އަހަރެންގެ ދަރިވަރުން ގިނަކަމުންނެވެ.
"ތި ވާނީ އަހަރެންގެ ދަރިވަރަކަށް،" އަހަރެން ބުނެލީމެވެ. "ކާކު ބާ؟"
"ވަރަށް ލޯބިކޮށް ހުރި މަންޖެއެއް،" ލުބާނާ ބުންޏެވެ. "މީޒާއެކޯ!"
ލުބާނާ އެހެން ބުނީ، އަހަރެންގެ މޫނުމައްޗަށް އަންނަ ބަދަލު ބަލަން ހުރެގެންނެވެ. އަހަންނަށް ސިހުމެއް ލިބުނެވެ.
"އާނ! އެއީ ޓިއުޝަން ކްލާހުގެ ދަރިވަރެއް!" ހަމަޖެހިލަން މަސައްކަތްކުރަމުން އަހަރެން ބުނީމެވެ.
"ދަރިވަރަކަށް ވުރެ ބޮޑު ގުޅުމެއް އެބަ އޮތް،" ޔަގީންކަމާ އެކުގައި ލުބާނާ ބުންޏެވެ. "އެއީ ހަމަ ޔަގީންކަމެއް."
ވަގުންގެ ފޮށި ބާރަށް ބަންނާނެއެވެ. ލުބާނާއަށް ވީ އެ ކަހަލަ ގޮތެކެވެ.
"ހެޔޮނުވާނެ ތިހެން ބުނަން ލުބާނާ،" އަހަރެން ހިތްހަމަނުޖެހިފައި ބުނީމެވެ. "އެއީ އަހަންނަށް ވުރެ މާ ކުޑަކުޑަ ކުއްޖެއް. މިހިރީ އަހަރެން ހުރި ގޮތް. އެހެރީ އޭނަ ހުރި ގޮތް. އެއްޗެއް ބުނާ އިރު ތަންކޮޅެއް ވިސްނާލާފަ ބުނެބަލަ!"
"ވިސްނާފައޭ މި ބުނީ!" ޖެއްސުމުގެ ރާގަކަށް ލުބާނާ ބުންޏެވެ. "ވަރަށް ވިސްނާފަ މި ބުނީ."
އެ ވާހަކައަށް ރައްދު ދޭނެ ގޮތެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެންގެ ނަޒަރުގައި މީޒާއަކީ ދަރިވަރެކެވެ. އެ ނިމުނީއެވެ. އެއްވެސް އެހެން ގުޅުމެއް އަހަރެން ނުބާއްވަމެވެ. އަހަރެންގެ ހިތަކު ވެސް، އޭރަކު އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. މީޒާގެ ހިތުގައި އެއްޗެއް އޮތް ކަމެއް ނުވަތަ އޮތީ ކީކޭ ކަމެއް ވެސް އަހަންނަކަށް ނޭނގެއެވެ.
ބަހުސު އެ ހިސާބުން ނިމުނީއެވެ. ދެން ވެސް އަހަރެން ކޮންމެހެން އެ ކަމުގެ ތެރެއަކަށް ނުވަންނަމެވެ. ވަންނާކަށް ބޭނުމެއް ވެސް ނޫނެވެ. މީޒާއަކީ ހުތުރު ކުއްޖެއް ނޫނެވެ. އެކަމަކު އޭނައަކީ އަހަރެންގެ ދަރިވަރެކެވެ. އަހަންނާ ދިމާއަށް މީޒާ ވައްތަރުޖައްސާ ހަގީގީ ސަބަބެއް އަހަންނަކަށް ނޭނގެއެވެ.
ކަންކަމަށް ނުވިސްނަން އުޅުމަކީ އިތުރަށް ވިސްނޭކަމެކެވެ. ބޭރުފުށުން އަހަރެން އެއްވެސް ކަމެއް ނުކޮށް ހުއްޓަސް، އަހަރެންގެ ސިކުނޑީގައި ތަފާތު ސުވާލުތައް އެނބުރެން ފެށިއެވެ. މީޒާގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ ފިހާރަ ތެރެއިން ލުބާނާއަށް މީޒާ ތައާރަފުވީ ކީއްވެގެން ހެއްޔެވެ؟ ދުރާލައި މީޒާއަށް ނަސޭހަތެއް ނުވަތަ އިންޒާރެއް ދޭންވީ ހެއްޔެވެ؟ އެކަމަކު ކޮން ކަމަކަށް ހެއްޔެވެ؟ މީޒާ ކުށެއް ނުކުރެއެވެ. އެ ފަދަ ހާލަތެއްގައި އަހަރެން އަޅާ ފިޔަވަޅެއްގެ ސަބަބުން އަހަރެން ބަދުނާމު ވެސް ވެދާނެއެވެ. އަހަންނަށް ވިސްނުނު އެންމެ މޮޅު ގޮތަކީ ކަމަކަށް ނެހެދުމެވެ. ދެން ވީ ހީ ވެސް ނުކުރާ ގޮތެކެވެ.
ނުނިމޭ