މިއީ ކުޑަކުދިންނާއި އަންހެނުންނަށް އަޅާލުން ކުޑަ ބަޖެޓެއް: ރޮޒެއިނާ
މިއީ ކުޑަކުދިންނާއި އަންހެނުންނަށް އަޅާލުން ކުޑަ ބަޖެޓެއް: ރޮޒެއިނާ

ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް، އެމީހުންނަށް އަޅާލުން ބޭނުންވާ ވަރަށް ބަޖެޓުގައި ފައިސާ ހިމަނާފައި ނެތް ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމް މިއަދު، ރަައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަހުސް ކުރައްވަމުން ރޮޒެއިނާ ވިދާޅުވީ ބަޖެޓުގައި ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުތަކަށް ކަނޑައަޅާފައި އޮތީ 22.6 މިލިއަން ރުފިޔާ ކަމަށެވެ. އެއީ ރައީސްގެ ގެކޮޅަށް ހަރަދުކުރާ ވަރަށް ވުރެ ވެސް ކުޑަ އަދަދެއް ކަމަށް ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅަށް ވެސް 25 މިލިއަން ރުފިޔާ އެބަ ހަރަދު ކުރޭ،" ރޮޒެއިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީގެ ގްރޫޕްގެ ނައިބު ލީޑަރު ކަން ވެސް ކުރައްވާ ރޮޒެއިނާ ވިދާޅުވީ ބަޖެޓުގައި ކުޑަކުދިންގެ ހިޔާއަށް 18.6 މިލިއަން ރުފިޔާ އޮތްއިރު، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އަށް އޮތީ 5.1 މިލިއަން ރުފިޔާ ކަމަށެވެ. އެކަމަކު އެއީ އެ ތަންތަނަށް އެންމެ އެކަށީގެންވާ މިންވަރު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން ގާނޫނުތައް މަޖިލީހުން ފާސްކޮށްގެން އުޅޭއިރު، އެންމެ އަހަރެއްގެ ބަޖެޓުގައި ވެސް މިކަން ތަންފީޒުކުރަން ސަރުކާރުން ބޭނުންވާކަން އަންގާލަދޭނެ ވަރުގެ ބަޖެޓެއް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް އެއްވެސް އަހަރުކު ނުދޭ،" ރޮޒެއިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ކެޕިޓަލް ހަރަދުގެ ގޮތުގައި އޮތީ އެންމެ ބައި ލައްކަ ރުފިޔާ އެވެ. އަދި ފަސް މިލިއަން ރުފިޔާގެ ތެރެއިން ބައި ލައްކަ ރުފިޔާ ފިޔަވައި ހުރީ ހިންގުމުގެ ހަރަދުގެ ގޮތުގައި ހުރި ފައިސާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މި ތަންތަނަށް ހުރި ބަޖެޓަށް ވުރެ ރައީސުލްޖުމްހޫރިއްޔާގެ ގަނޑުވަރަށް އޮތް ބަޖެޓު 5-6 ގުނަ ބޮޑު ތަން،" ރޮޒެއިނާ ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީ އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުތަކުގެ އިސް ވެރިން މަޖިލީހަށް ވަޑައިގެން ބަޖެޓު ބޮޑުކޮށް ދޭން އެދިވަޑައިގަތުމަށް އޭނާ ގޮވާލެއްވި އެވެ.

"އަޅުގަނޑަށް އެނގޭ ދެއްކިޔަސް މި މަޖިލީހުގައި ތިއްބެވި މެމްބަރުންނަކީ ރައީސް (އަބްދުﷲ ޔާމީން) ނޭދޭ ގޮތަކަށް މި ބަޖެޓުގައި ބައި ރުފިޔާއެއް ވެސް އެއް ތަނުން އަނެއް ތަނަށް ޓްރާންސްފާ ކުރާނެ ބައެއް ނޫންކަން. އެކަމަކު ޒިންމާދާރު މަގާމުތަކުގައި ތިބި މީހުންގެ ޒިންމާއެއް މިތަނަށް ވަޑައިގެން މިހެން އޮތް ވާހަކަ ރައްޔިތުންނަށް ހާމަކޮށް ދިނުމަކީ،" ރޮޒެއިނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަންހެނުންގެ ކޮމެޓީތަކަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ބަޖެޓުގައި ހިމަނާފައި ނެތުމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރެއްވި އެވެ. އަދި ގެވެށި އަނިޔާއާ ބެހޭ ގާނޫނުގައި ސޭފް ހައުސްތަކެއް އަޅަން ބުނެފައި އޮތް އިރު، އެއިން ކަމަކަށް ބަޖެޓްކޮށްފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.