"ޕަންގާ" ގެ ޑައިރެކްޓަރު އަޝްވިނީ އަށް ވެބް ސީރީޒްއެއް
"ޕަންގާ" ގެ ޑައިރެކްޓަރު އަޝްވިނީ އަށް ވެބް ސީރީޒްއެއް

މިހާރު އިންޑިއާގެ އެންމެ ހުނަރުވެރި އަންހެން ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ އަޝްތިވީ އައްޔަރު ތިވާރީ "ފާޅޫ" ކިޔާ ވެބް ސީރީޒެއް ހަދަން ނިންމައިފި އެވެ.

މި ސީރީޒަކީ ސޮނީ ޓީވީގެ ޑިޖިޓަލް ޕްލެޓްފޯމް ސޮނީ ލިވް އެޕަށް ހަދާ އެއްޗެކެވެ. "ފާޅޫ" އާ ބެހޭ ގޮތުން އަޝްވިނީ ބުނީ މިއީ މިޒާޖާއި ވިސްނުމުގެ ގޮތުން ވަރަށް ތަފާތު ދެ މީހެއްގެ ލޯބީގެ ވާހަކަ ވަރަށް ތަފާތުކޮށް ކިޔައިދޭނެ އެއްޗެއް ކަމަށެވެ.

"ބޭނުންވީ ވަރަށް ޗެލެންޖިން އެއްޗަށް މަސައްކަތްކުރަން. އެގޮތުން ފާޅޫ އަކީ އަހަރެން މިހާތަނަށް ހަދާ މަސައްކަތްކުރާ އެންމެ އުނދަގޫ ޕްރޮޖެކްޓަށް ވާނެ،" ޑައިރެކްޓްކުރާ އެއްޗެހީގެ ސްކްރީންޕްލޭގައި ވެސް ހިއްސާވާ އަޝްވިނީ ބުންޏެވެ.

އޭނާ ބުނީ "ފާޅޫ" އަކީ ބެލުންތެރިން ހައިރާންކޮށްލާ ކަހަލަ އެއްޗަކަށްވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށާއި ވަރަށް ޝައުގުވެރި އެއްޗަކަށް އަލަތު ވެބް ސީރީޒް ވާނެ ކަމަށެވެ. އެކަމަކު ބެލުންތެރިންނަށް އެ ގެނެސްދޭނެ އިރަކާއި ކާސްޓާ ބެހޭ ތަފުސީލެއް ވެސް އަދި ނުދެ އެވެ.

މި އަހަރު އެންމެ މޮޅު ހިންދީ ފިލްމުގެ ނެޝަނަލް އެވޯޑް ކަށަވަރުކުރި "ޗިޗޯރޭ" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ އަންހެނުން އަޝްވިނީ އަކީ މި އަހަރު ބަތަލާ ކަންގަނާ ރަނާވަތަށް ހަތަރު ވަނަ ނެޝަނަލް އެވޯޑް ކަށަވަރުވި އެއް ފިލްމު ކަމަށްވާ "ޕަންގާ" ގެ ޑައިރެކްޓަރެވެ.

އޭނާ ކުރިން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ބެރީލީ ކީ ބަރްފީ" އާއި "ގަރް ކީ މުރުގީ" އަދި "ނީލް ބައްޓޭ ސައްނާޓާ" ހިމެނެ އެވެ.

އަޝްވިނީ އަށް 2017 ގައި "ނީލް ބައްޓޭ ސައްނާޓާ" އިން އެންމެ މޮޅު އާ ޑައިރެކްޓަރުގެ ފިލްމުފެއާ އެވޯޑް ވެސް ލިބިފައިވެ އެވެ. އަދި "ބެރީލީ ކީ ބަރްފީ" އާއި އެންމެ މޮޅު ޑައިރެކްޓަރުގެ ފިލްމުފެއާ އެވޯޑާއި ޒީ ސިނެ އެވޯޑް ވެސް ލިބިފައިވެ އެވެ.