27 މާޗް 2021 - 15:32

ޅ. ހިންނަވަރުން ވެސް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެ، އެ ރަށަށް އަރައިފޭބުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، އެ މީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ހުމުގެ އަލާމާތްތަކެއް ހުރުމުން ޓެސްޓު ކުރުމުން ކަމަށެވެ. އެ އިދާރާ އިން ބުނީ، ހިންނަވަރު ކައިރީގައި އޮންނަ ފެލިވަރާއި ނައިފަރުން ވެސް ކޮވިޑް ފެނިފައިވާއިރު، ހިންނަވަރުން އެ ބައްޔަށް ޕޮޒިޓިވްވި މީހާއާ އެއިން އެއްވެސް ކޭހަކާ ގުޅުމެއް އޮތް ކަމަކަށް ނުބެލެވޭ ކަމަށެވެ.
ހިންނަވަރަށް އަރައިފޭބުން މިވަގުތަށް މަނާކުރީ ކޮންޓެކްޓް ޓްރޭސިންއަށާއި އިތުރަށް ކަންކަން ބެލުމަށް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ޅ. އަތޮޅުގައި މިހާރު ކޮވިޑް ފެތުރެމުންދާއިރު، އެންމެ ބޮޑު ކްލަސްޓާއެއް އޮތީ މަސް ބަންދުކުރާ ކާރުޚާނާ ފެލިވަރުގަ އެވެ. އެތައް ސަތޭކަ ބަޔަކު މަސައްކަތް ކުރާ އެ ރަށުން މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
މާލޭގެ އިތުރުން ރަށްރަށުގައި ވެސް މިހާރު ކޮވިޑްގެ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. މިވަގުތު ކޮވިޑް-19ގެ 1،803 އެކްޓިވް ކޭސް ހުރި އިރު، 269 ކޭހަކީ ރަށްރަށުން ފެނިފައިވާ ކޭސް ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑު ވެބްސައިޓުން ފެނެ އެވެ.