އަނެއްކާވެސް ރެކޯޑެއް: އިއްޔެ 5،200 އަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ
އަނެއްކާވެސް ރެކޯޑެއް: އިއްޔެ 5،200 އަށް ވުރެ ގިނަ ޓޫރިސްޓުން އަތުވެއްޖެ

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހަކީ އިއްޔެ ކަމަށާއި ކޮވިޑްގެ ހާލަތުގައި އެއީ އަނެއްކާވެސް އާ ރެކޯޑެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އިއްޔެ ރާއްޖެއަށް ޖުމްލަ 5،275 ޓޫރިސްޓުން އަ އެވެ. މިއީ މި އަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި އައި އެންމެ ގިނަ އަދަދެވެ.

މި މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ހަފުތާގައި އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އާއްމުކޮށް ހުކުރު، ހޮނިހިރު އަދި އާދީއްތަ ދުވަހެވެ. އެގޮތުން މި ތިން ދުވަހު އެވްރެޖުކޮށް ދުވާލަކު 4،000 ޓޫރިސްޓުން އާދެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 272،652 އަށް އަރައިފަ އެވެ.

މި އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކުރެ އެވެ. އެގޮތުން ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރާ މީހުންނަށް ލުއިތަކެއްދީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރަން އެ މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮވިޑް-19ގެ ހާލަތުގެ ކުރިން ރާއްޖެއަށް އެންމެ ގިން ޓޫރިސްޓުން އައީ ޗައިނާއިންނެވެ. ނަމަވެސް އެ ގައުމުން ދަތުރުފަތުރުކުރުން އަދި ހުޅުވާނުލުމުން ޗައިނާ ޓޫރިސްޓުން އަންނާކަށް ނުފަށަ އެވެ.

މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އަވަށްޓެރި އިންޑިއާއިންނެވެ.