ޗެލްސީގެ ޖާގައަކަށް ވުރެ އޮލިމްޕިކްސް މެޑަލް މުހިއްމު: މިކޭލް
ޗެލްސީގެ ޖާގައަކަށް ވުރެ އޮލިމްޕިކްސް މެޑަލް މުހިއްމު: މިކޭލް

ލަންޑަން (ނޮވެމްބަރު 15) - ޗެލްސީގެ ޖާގަ އަކަށް ވުރެ އޮލިމްޕިކްސްގެ މެޑެއްޔެއް މާ މުހިއްމު ކަމަށް ބުނެ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް އެ ޓީމުގެ މިޑްފީލްޑަރު ޖޯން އޮބީ މިކޭލް ފާޑުކިޔައިފި އެވެ.

މި ސީޒަނުގައި ކޮންޓޭ ޗެލްސީއާ ހަވާލުވި ފަހުން އެ ޓީމު ކުޅުނު މެޗަކުން މިކޭލް އަށް ފުރުސަތު ދީފައިނުވެ އެވެ. ކޮންޓޭ ޕްރީ ސީޒަންގައި ގިނަ މެޗުތަކެއް ކުޅުނުއިރު، މިކޭލް ހުރީ ނައިޖީރިއާ ގައުމީ ޓީމާ އެކު އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓަށް ގޮހެވެ. ނައިޖީރިއާ އިން ވަނީ މުބާރާތުން ލޯ މެޑަލް ހޯދައިފަ އެވެ.

މިކޭލް ބުނީ ޗެލްސީން ޖާގަ ނުލިބެނީ ޕްރީ ސީޒަންގައި ބައިވެރިނުވުމުން ކަމަށެވެ.

"މެނޭޖަރު (ކޮންޓޭ) އަހަރެން ދެކެ ހިތްހަމަ ނުޖެހުނީ އަހަރެން ޕްރީ ސީޒަންގައި ބައިވެރިނުވެ އޮލިމްޕިކްސް އަށް ދިއުމުން. ކޮންމެ ކުޅުންތެރިޔަކަށް ވެސް އެންމެ މުހިއްމު ވާނީ ގައުމީ ޓީމު. އޮލިމްޕިކްސް މެޑެއްޔަކަށް ވުރެން އަހަންނަށް ޗެލްސީން ޖާގައެއް މުހިއްމެއް ނޫން. އޮލިމްޕިކްސް އަށް ދާން ނިންމުމަކީ އަހެރެން ނިންމި ގޯސް ނިންމުމެއް ކަމަށް ނުދެކެން،" މިކޭލް ބުންޏެވެ.

ޗެލްސީ އަށް އަލުން ކުޅުމުގެ ފުރުސަތު ލިބިއްޖެނަމަ ބޭނުން ހިފާނެ ކަމަށާއި ޓީމުން ޖާގަ ނުލިބޭނަމަ ކްލަބް ބަދަލުކުރުމުގެ ވިސްނުން އެބަހުރި ކަމަށް މިކޭލް ބުންޏެވެ.

"ޕްރެކްޓިހުގައި އަހަރެން މި އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުން. ޓީމުން ފުރުސަތު ނުލިބޭނަމަ އެހެން ކްލަބަކަށް ބަދަލުވާނަން. އެއީ މި އުމުރުގައި އަހަރެން ބެންޗުގައި އިންނަން ބޭނުމެއް ނޫން،" މިކޭލް ބުންޏެވެ.

އުމުރުން 29 އަހަރުގެ މިކޭލް ޗެލްސީ އަށް ބަދަލުވީ ނޯވޭ ލީން ދުކޮށްލުމަށް ފަހު 2006 ވަނަ އަހަރު އެވެ. ފާއިތުވި ނުވަ އަހަރު މިކޭލް ވަނީ ޗެލްސީ އަށް 280 އަށް ވުރެން ގިނަ މެޗު ކުޅެފަ އެވެ.