ބޯޓަކަށް ގެއްލުމެއް ނުލިބޭ، ފަޅުވެރިންގެ ހާލު ރަނގަޅު
ބޯޓަކަށް ގެއްލުމެއް ނުލިބޭ، ފަޅުވެރިންގެ ހާލު ރަނގަޅު

ގާހިރާ (މާޗް 27) - މިސްރުގެ ސުއޭޒް ކެނަލްގައި ހުރަސްވެ، އެ ކެނަލްގައި ބީހިފައިވާ މެގަ ކޮންޓެއިނާ ބޯޓަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ފަޅުވެރިންގެ ހާލު ވެސް ރަނގަޅު ކަމަށް އެ ބޯޓުގެ ޖަޕާނުގެ ވެރިމީހާ ބުނެފި އެވެ.

ބޯޓަކަށް ގެއްލުމެއް ނުލިބޭ، ފަޅުވެރިންގެ ހާލު ރަނގަޅު
ބޯޓަކަށް ގެއްލުމެއް ނުލިބޭ، ފަޅުވެރިންގެ ހާލު ރަނގަޅު

ޗައިނާ އިން ނެދަލޭންޑްސް އަށް ދަތުރުކުރި ދެ ލައްކަ ޓަނުގެ ބޯޓު މިދިޔަ އަންގާރަ ދުވަހު ސުއޭޒް ކެނަލް ހުރަސްކުރަނިކޮށް ކެނަލްގައި ތާށިވީ ބާރު ވަޔާއެކު އައި ވެލީގެ ތޫފާނެއްގައި ކެޕްޓަނަށް ދުރު ނުފެނުމުގެ ސަބަބުން ބޯޓުގެ މިސްރާބު ގެއްލިގެންނެވެ.

އެމްވީ އެވަ ގިވަންގެ ވެރިފަރާތް ކަމަށްވާ ޝޮއެއީ ކިސެން ކުންފުނީގެ ރައީސް ޔުކިޓޯ ހިގަކީ އިއްޔެ ވިދާޅުވީ ބޯޓުގެ ހަލްއަށް ނުވަތަ ބުރަފައްޗަށް ވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ހުރިހާ ފަޅުވެރިން ވެސް ތިބީ ހެޔޮ ހާލުގައި ކަމަށް ވިދާޅުވި އެވެ. ހަތަރު ފުޓުބޯޅަ ދަނޑުގެ ދިގު މިނުގެ ބޯޓުގައި ތިބި 25 ފަޅުވެރިންނަކީ މުޅިން ވެސް އިންޑިއާ މީހުންނެވެ.

ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 400 މީޓަރު (13،00 ފޫޓު) ގެ ބޯޓު އޮޕަރޭޓް ކުރަނީ ޓައިވާނުގެ އެވަގްރީން ކުންފުނިންނެވެ.

ޔުކިޓޯ ވިދާޅުވީ މިހާރު މަސައްކަތް ކުރާ ގޮތަށް ކުރާ ނަމަ މިއަދުގެ ވަގުތެއްގައި ބޯޓު ފުންކުރެވިދާނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

ބޯޓު ފުންކުރުމަށްޓަކައި ޓަގު ޖަހައިގެން ދެމުމުގެ އިތުރުން ބޯޓު ވަށައިގެން ފުން ކުރުމަށް 15،000-20،000 އާ ދެމެދުގެ ކޮޑި މީޓަރުގެ ވެލި ނަގަން ޖެހޭ ކަމަށް ސުއޭޒް ކެނަލް އޮތޯރިޓީން ވަނީ ބުނެފަ އެވެ. ބޯޓު ފަށައިގެން ކޮނުމުގެ މަސައްކަތް ކުރަނީ ނެދަލޭންޑްސްގެ މަޝްހޫރު ބޮސްކާލިސް ކުންފުނިންނެވެ. ބޯޓު ފުންކުރުމުގައި އެހީވުމަށް އެމެރިކާ އާއި ތުރުކީން ވެސް ވަނީ ހުށަހަޅައިފަ އެވެ.

އެވަ ގިވަން ސުއޭޒް ކެނަލްގައި ތާށިވުމުން ވަނީ ދުވާލަކު 9.6 ބިލިއަން ޑޮލަރުގެ ވިޔަފާރި މުދާ ހިފެހެއްޓިފަ އެވެ. އެތައް ބައިވަރު ބޯޓެއް ވަނީ ކެނަލް ހުރަސް ކުރުމަށް ކިޔޫގަ އެވެ.