"ރެހެނާ ހޭ ތޭރޭ ދިލް މޭ" ގެ ރިމޭކަށް ޑައިރެކްޓަރެއް
"ރެހެނާ ހޭ ތޭރޭ ދިލް މޭ" ގެ ރިމޭކަށް ޑައިރެކްޓަރެއް

މީގެ 20 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ފިލްމު "ރެހެނާ ހޭ ތޭރޭ ދިލް މޭ" ގެ ސީކްއެލްއެއް ހަދަން އުޅޭ ކަމަށް އަޑު އަރާފައި ވަނިކޮށް އޭގެ ރިމޭކެއް ހަދަން ނިންމައި އެއަށް ޑައިރެކްޓަރަކު ހަމަޖައްސައިފި އެވެ.

މީޑިއާތަކުން ބުނީ ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓުން 2001 ގައި ގެނެސްދިން ތިނެސްކަން ލޯބީގެ ފިލްމުގެ ރިމޭކްގެ ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ ރަވީ އުދޭވަރު ކަމަށެވެ. އޭނާ އަކީ ކުރީގެ ބަތަލާ ސްރީދޭވީގެ އެންމެ ފަހުގެ ފިލްމު 2017 ގެ "މޮމް" ގެ ޑައިރެކްޓަރެވެ.

މީޑިއާތަކުން ބުނިގޮތުގައި ރަވީއާ ހަވާލުކޮށްގެން ފިލްމު ގެނެސްދޭން ނިންމާފައިވާ އިރު އޭނާ މިހާރު އަންނަނީ އޭގެ ސްކްރީންޕްލޭގެ މަސައްކަތްކުރަމުންނެވެ. އަދި ވަރަށް ރީތި، ޝައުގުވެރި ފިލްމެއްގެ ގޮތުގައި "ރެހެނާ ހޭ ތޭރޭ ދިލް މޭ" އަލުން ގެނެސްދޭނެ އެވެ.

ކުރީގެ ފިލްމު ލީޑް ތަރިންނަކީ މި ވަގުތު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބަތަލާ ދިއާ މިރްޒާ އާއި އާރް މާދްވަންގެ އިތުރުން ސައިފް އަލީ ޚާނެވެ. ގޯތަމް މެނަން ޑައިރެކްޓްކުރި "ރެހެނާ ހޭ ތޭރޭ ދިްލް މޭ" އަކީ ދިއާގެ ފުރަތަމަ ފިލްމެވެ. މިއީ ވަރަށް ރީތި ލަވަތަކެއް ވެސް ހިމެނުނު ފިލްމެކެވެ. އެގޮތުން ފިލްމުގެ ލަވަތަކުގެ ތެރެއިން "ޒަރާ ޒަރާ" އަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރުވި ލަވައެކެވެ. އަދި އޭގެ ދިވެހި ލަވަ "ކަލާ ކަލާ" އަކީ ކުރީގެ ޑައިރެކްޓަރު އަބްދުލް ފައްތާހް 2003 ގައި ގެނެސްދިން ފިލްމު "ވެހޭ ވާރޭ ތެރެއިން" ގައި ހިމެނުނު ލަވައެކެވެ.

މީޑިއާތަކުން ބުނީ "ރެހެނާ ހޭ ތޭރޭ ދިލް މޭ" އަލުން ހަދާ އިރު، ފިލްމުގެ އޮރިޖިނަލް ލީޑް ކާސްޓް އާ ފިލްމުގެ ހާއްސަ ފެނިލުންތަކުން ގެނެސްދޭނެ ކަމަށެވެ. ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް ވާހަކައެއް ޕޫޖާ އިން އަދި ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ.

އެކަމަކު ރިމޭކް ހެދުމުގައި އިސްކޮށް ހުރި ވާޝޫގެ ދަރިފުޅު ޖެކީ ބަގްނާނީ ވަނީ އަލުން ފިލްމު ގެނެސްދިނުމުގެ ޕްލޭންތަކެއް އޮތްކަން ޔަގީންކޮށް ދީފަ އެވެ.

ޕޫޖާ އިން އެންމެ ފަހުން ރިމޭކެއްގެ ގޮތުގައި ގެނެސްދިނީ އެ ސްޓޫޑިއޯ އިން 1995 ގައި ގެނެސްދިން ގޯވިންދާ އާއި ކަރިޝްމާ ކަޕޫރްގެ "ކޫލީ ނަމްބަރު 1" އެވެ. އާ ފިލްމު މިދިޔަ އަހަރު ގެނެސްދިނީ ވަރުން ދަވަނާއި ސާރާ އަލީ ޚާނާ އެކީގަ އެވެ.

ޕޫޖާގެ ކުރިއަށް އޮތް ފިލްމަކީ މެއި 28 ގައި ރިލީޒްކުރާ އަކްޝޭ ކުމާރުގެ "ބެލް ބޮޓަމް" އެވެ. އެ ސްޓޫޑިއޯ އިން އިއުލާންކޮށްފައި އޮތް އެއް ފިލްމަކީ "ސޫރިޔަޕުތުރާ މަހާވީރް ކަރްނާ" އެވެ. އެ ފިލްމު ރަންވީރު ސިންގް އަށް ހުށަހަޅާފައިވާ ކަމަށްވެ އެވެ.