ސަލްމާނާ އެކު "ކަބީ އީދު ކަބީ ދިވާލީ" ގައި ޅިޔަނާއި ޒަހީރް
ސަލްމާނާ އެކު "ކަބީ އީދު ކަބީ ދިވާލީ" ގައި ޅިޔަނާއި ޒަހީރް

ސަލްމާން ޚާނާ އެކު ޅިޔަނު އާޔޫޝް ޝަރުމާ މިހާތަނަށް ވަނީ "އަންތިމް" ކިޔާ ފިލްމެއްގެ މަސައްކަތް ނިންމާލައިފަ އެވެ. މިހާރު އަނެއްކާ ދެ މީހުން އެކުގައި ދެވަނަ ފިލްމަކުން ފެނުމުގެ ފުރުސަތު ވެސް ބޮޑުވެއްޖެ އެވެ.

މީޑިއާތަކުން ބުނަނީ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އާޔޫޝް އާއި ސަލްމާން އެކީގައި ފެންނާނެ ދެވަނަ ފިލްމަކީ ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ފަރުހާދު ސަމްޖީ ޑައިރެކްޓްކުރާ "ކަބީ އީދު ކަބީ ދިވާލީ" ކަމަށެވެ. މި ފިލްމުގައި އާޔޫޝް ފެންނަނީ ސަލްމާންގެ ދެބޭންގެ ތެރެއިން އެކެއްގެ ރޯލުންނެވެ. އޭނާގެ އަނެއް ކޮއްކޮގެ ރޯލުން ފެންނާނީ ޒަހީރު އިގްބާލެވެ.

ޒަހީރަކީ ދާދި ފަހުން ބަތަލާ ޝްރަދާ ކަޕޫރްގެ އާއިލާ އިން ރާއްޖޭގައި ބޭއްވި ކައިވެނި ހަފުލާގައި ބައިވެރިވި މީހުންގެ ތެރެއިން އެކެކެވެ. އޭނާ ބޮލީވުޑަށް ތައާރަފުކުރީ ސަލްމާން 2019 ގައި ޕްރޮޑިއުސްކޮށް ގެނެސްދިން "ނޯޓްބުކް" އިންނެވެ. ޒަހީރުގެ ބައްޕަ އިބްގާލް ރަތުނާސީ އަކީ ސަލްމާންގެ ވަރަށް ޒަމާންވީ ގާތް އެކުވެރިއެކެވެ.

ޅިޔަނު އާޔޫޝް އަކީ ވެސް ސަލްމާން ޕްރޮޑިއުސްކުރި ފިލްމަކުން ނެރުނު އެކްޓަރެކެވެ. އެއީ 2018ގެ "ލަވްޔާތުރީ" އެވެ. ސަލްމާނާއި އާޔޫޝް އެކުގައި ކުޅުނު "އަންތިމް" މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް އިރު މި އަހަރު ފިލްމު ރިލީޒްކުރާނެ ކަމަށް ކުރިން ބުނެފައިވެ އެވެ.

"ކަބީ އީދު ކަބީ ދިވާލީ"ގައި އާޔޫޝް އާއި ޒަހީރު ފެންނާނެ ގޮތުގެ ލުކް ޓެސްޓްތަކެއް މިހާރު ހަދަމުން އަންނަ ކަމަށް ފިލްމީ ހަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެ އެވެ.

މި ފިލްމުން ޒަހީރަށް ފުރުސަތު ލިބުމުގެ ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ކަބީ އީދު ކަބީ ދިވާލީ" ގައި ސަލްމާންގެ ކޮއްކޮއިންގެ ރޯލުން ފެންނާނީ "ބިގް ބޮސް 13" ގެ ދެވަނަ އާސިމް ރިއާޒާއި އާޔޫޝް އެވެ. ނަމަވެސް އާސިމްގެ ބަދަލުގައި ޒަހީރަށް ފުރުސަތު ދިނީ ކަމަށް މީޑިއާތަކުން ބުނެ އެވެ. "ނޯޓްބުކް" ގެ ފަހުން އޭނާ އަށް އަދި އެއްވެސް ފިލްމަކުން ފުރުސަތެއް ނުލިބެ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ފިލްމުގެ ޝޫޓިން މެއި މަހުގެ ފަހުކޮޅު ނުވަތަ ޖޫން މަހުގެ ކުރީކޮޅު ފަށާނެ އެވެ. ސަލްމާން މި ވަގުތު އަންނަނީ "ޓައިގާ 3" ގެ މަސައްކަތްކުރަމުންނެވެ.

"ކަބީ އީދު ކަބީ ދިވާލީ" ގައި ސަލްމާންގެ ބަތަލާ އަކީ ޕޫޖާ ހެގްޅޭ އެވެ.

މި ފިލްމު 2019 ގައި އިއުލާންކުރީ މި އަހަރުގެ ފިތުރު އީދުގައި ގެނެސްދޭ ގޮތަށެވެ. ނަމަވެސް ކޮވިޑް-19އާ އެކު މި އަހަރުގެ ފިތުރު އީދުގައި ގެނެސްދޭނީ ސަލްމާންގެ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" އެވެ.

އެހެންވެ "ކަބީ އީދު ކަބީ ދިވާލީ" ރިލީޒްކުރާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ.