27 މާޗް 2021 - 10:56

ބެންކޮކް (މާޗް 27) - ތައިލެންޑުގެ މަޝްހޫރު ޓޫރިސްޓް މަންޒިލް ޕުކެޓަށް ދަތުރުކުރާ އިރު އެ ތަނުގައި ކަރަންޓީނު ނުވެ އުޅެވޭ މޮޑެލެއް ތައާރަފް ކުރަން ބެންކޮކުން ނިންމައިފި އެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން ތައިލެންޑުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި އެ ގައުމަށް ދަތުރުކުރާ މީހުން ކަރަންޓީން ވާން ޖެހެ އެވެ. އެކަމަކުގެ ސަބަބުން އެ ގައުމުގެ ޓޫރިޒަމް ވަނީ 1997 ވަނަ އަހަރުގެ މާލީ ބޮޑު ތަދުގެ ފަހުން އެންމެ ބޮޑަށް އަޑި އަޅާލައިފަ އެވެ.
ތައިލެންޑުގެ ޓޫރިޒަމް އެޑްވައިޒަރަކު ހުކުރު ދުވަހު ވިދާޅުވީ ދޮން ވެލީގެ ގޮނޑު ދޮށާއި ސާފު މޫދުގެ ގޮތުގައި މަޝްހޫރު ޕުކެޓަށް ދާ މީހުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ހަދަނީ އަޖުމަ ބެލުމުގެ ގޮތުން ކަމަށެވެ. ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ޓޫރިސްޓުން ނަމަ ހޮޓަލުގައި ކަރަންޓީން ނުވެ އުޅެވޭނެ އެވެ.
ޓޫރިޒަމް އޮތޯރިޓީ އޮފް ތައިލެންޑުގެ ގަވަރުނަރު ޔުތާސަކް ސުޕަސޯން ވިދާޅުވީ "ޕުކެޓް ސޭންޑްބޮކްސް މޮޑެލް" ފަށާނީ ޖުލައި މަސް ހިސާބުގައި ކަމަށެވެ.
ތައިލެންޑަށް މިދިޔަ އަހަރު ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރި 40 މިލިއަން ޓޫރިސްޓުންގެ ތެރޭން އެ ގައުމަށް ދަތުރުކުރީ 6.7 މިލިއަން މީހުންނެވެ. އާބާދީގައި 70 މިލިއަން މީހުން ހިމެނޭ ތައިލެންޑުން 28،500 މީހުން ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.