14 ނޮވެމްބަރ 2016 - 12:30

ގުދުސް (ނޮވެމްބަރު 14) - ބަންޑީގެ އަޑު މަޑު ކުރަން އިޒްރޭލުން ފާސްކުރަން އުޅޭ ބިލަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ތާއީދު ކުރައްވައިފި އެވެ.

އިޒްރޭލުގެ ހަރުކަށި ބޮޑު ވަޒީރު ވިދާޅުވީ ބަންގީގެ އަޑު ގަދަވުމުން ވަރަށް ގިނަ ޝަކުވާ އޭނާ އަށް ލިބެމުންދާ ކަމަށެވެ.
ބަންގީގެ އަޑު މަޑުކުރުމާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ބިލާ ބެހޭ ގޮތުން ސަރުކާރުގެ ކޮމިޓީއެއްގައި އިއްޔެ ހަވީރު ވަނީ މަޝްވަރާކޮށްފަ އެވެ. އިޒްރޭލުގެ މީޑިއާތަކުން ބުނި ގޮތުގައި ބިލް ފާސްކޮށްފި ނަމަ މިސްކިތްތަކުގައި އަޑު ގަދަކުރާ ބޭނުންކޮށްގެން ފަސް ވަގުތު ބަންގި ގޮވުން ހުއްޓުމަކަށް އަންނާނެ އެވެ. ހުރިހާ ދީންތަކެއްގެ މީހުންނަށް ވެސް މި ގާނޫނު ހިންގި ނަމަވެސް އެކަމުގެ އެންމެ ބޮޑު ގެއްލުމެއް ފޯރާނީ މުސްލިމުންނަށެވެ.
ކެބިނެޓުގެ ބައްދަލުވުމުގައި ނަތަންޔާހޫ ވިދާޅުވީ އަޅުކަން ކުރާ ގެތަކުން ޕީއޭ ސިސްޓަމް ބޭނުންކޮށްގެން ނަމާދަށް ގޮވާލާ އަޑު ގަދަވުމުން ހުރިހާ ދިމާއަކުން ވެސް ޝަކުވާ ހުށަހަޅާ ކަމަށެވެ.
"އަޑު ގަދަވުމުންވާ އުނދަގުލުން އިޒްރޭލުގެ ކޮންމެ މީހަކު ވެސް ސަލާމަތްކޮށްދޭނަން،" ނަތަންޔާހޫ ވިދާޅުވި އެވެ.
އިޒްރޭލުގައި ދިރިއުޅޭ 17.5 ޕަސެންޓް މީހުންނަކީ އަރަބިންނެވެ. މީގެ ތެރޭން ގިނަ މީހުންނަކީ މުސްލިމުންނެވެ. އަރަބިން ތުހުމަތު ކުރި ގޮތުގައި އިޒްރޭލުގައި އަޣުލަބިއްޔަތު އޮންނަ ޔަހޫދީން ދަނީ މުސްލިމުންނާ ވަރަށް ބޮޑަށް ތަފާތު ކުރަމުންނެވެ.
އިޒްރޭލުގެ ޑިމޮކްރެސީ އިންސްޓިޓިއުޓުގެ ނަސްރީން ހަދާދު ހާޖް ޔަހުޔާ ނޫހެއް މެދުވެރިކޮށް ޚިޔާލު ފާޅުކުރި ގޮތުގައި މި ބިލުގެ ބޭނުމަކީ އަޑު މަޑު ކުރުން ނޫން ކަމަށާއި އޭގެ ބަދަލުގައި މުޖްތަމައުގެ ތެރޭގައި އަޑު ގަދަ ކުރުން ކަމަށެވެ. އަދި އިޒްރޭލުގެ ކަނާތު ފިޔައިގެ ސިޔާސީ ފަރާތްތަކުން ދަނީ ބަންގީގެ އަޑު މަޑުކޮށްގެން ޔަހޫދީންގެ ކިބައިން ސިޔާސީ ފައިދާ ނަގަން މަސައްކަތް ކުރަމުން ކަމަށެވެ.
ފަލަސްތީނު މީހުން ގިނަ އަދަދަކަށް ދިރިއުޅޭ އިރުމަތީ ގުދުސްގެ މިސްކިތްތަކުން ފަސް ވަގުތު ބަންގި ދެނީ އަޑުގަދަ ކުރާ ބޭނުންކޮށްގެންނެވެ. ބަންގީގެ އަޑު އެ ސިޓީގެ ހުރިހާ ދިމާއަކުން ވެސް އިވެ އެވެ.