މާލޭ ސަރަހައްދުގައި ކޮވިޑްގެ ބަލި މީހުން މަދު ދުވަހެއް
މާލޭ ސަރަހައްދުގައި ކޮވިޑްގެ ބަލި މީހުން މަދު ދުވަހެއް

މާލޭ ސަރަހައްދުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މަދުވެއްޖެ އެވެ.

މިދިޔަ ފަސް ދުވަހުގައި ވެސް މާލޭ ސަރަހައްދުން ކޮންމެ ދުވަހަކު ވެސް މަދުވެގެން 90 މީހަކަށް ކޮވިޑް ޖެހެ އެވެ. އެކަމަކު، އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އަށް ބަލިވި މީހުންގެ އަދަދު އުޅެނީ 59ގަ އެވެ. އެ މުއްދަތުގައި މުޅި ރާއްޖެ އިން އަލަށް ކޮވިޑު ޖެހުނު މީހުންގެ އަދަދަކީ 146 އެވެ.

އެހެން ދުވަސް ދުވަހާ އަޅާބަލާއިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓު ކުރި މީހުންގެ އަދަދު ވެސް މަދެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޓެސްޓު ކުރީ 2،948 ސާމްޕަލެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވީ، މިފްކޯގެ މަސް ފެކްޓަރީ ހިންގާ ޅ. ފެލިވަރުންނެވެ. އެ ރަށުން 66 މީހަކަށް ބަލި ޖެހުނެވެ. މީހުން ދިރިއުޅޭ އެހެން ރަށްރަށުން 11 މީހަކަށް ބަލި ޖެހުނު އިރު ރިސޯޓުތަކުން 10 މީހަކު ޕޮޒިޓިވްވި އެވެ.

މިދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަަކަށް ބަލާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ 100 މީހަކަށެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިހާރު 2،635 މީހުން ތިބި އިރު، ކޮވިޑު ބަލީގައި ރާއްޖެ އިން މިހާތަނަށް 66 މީހަކު ވަނީ މަރުވެފަ އެވެ.

މާލެ ސަރަހައްދުގައި އާދަޔާ ޚިލާފަށް ގިނައިން ކޮވިޑު ފެތުރޭތީ އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތައް އަނެއްކާ ވެސް ވަނީ ވަރަށް ބޮޑަށް ލުއިކޮށްފަ އެވެ.