26 މާޗް 2021 - 19:49

އުތުރުގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ، ދައުލަތުގެ މުއައްސަސާތަކުން ތަހުގީގު ކުރަމުންދާ ގޮތް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަމުންދާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.
އާއިލާ އިން ތުހުމަތުކުރާ ގޮތުގައި، ގްރޭޑް އަށެއްގައި ކިޔަވަމުންދާ ކުއްޖާ ރޭޕް ކުރީ، އެ ރަށު ސްކޫލުގެ ޓީޗަރެކެވެ. އެކަން ކުރީ ސްކޫލު ކައިރީގައި ހުންނަ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި އެ ވާހަކަ ބުނެފި ނަމަ މަރައިލާ ނެކަމުގެ އިންޒާރު ވެސް ދިން ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނާ ގޮތުން، މީހަކު ހައްޔަރު ކުރެވޭ ވަރަށް އެކަމާ ގުޅޭ ހެއްކެއް އަދިއެއް ނުލިބެ އެވެ.
އެޗްއާރުސީއެމުން މިއަދު ބުނީ މި މައްސަލައިގައި ދައުލަތުގެ މުއަައްސަސާތަކުން މަސައްކަތް ކުރަމުންދާ ގޮތް އެ ކޮމިޝަނުން ބެލުމަށްޓަކައި، އެކަމާ ގުޅުން ހުރި މައުލޫމާތު ހޯދައި، މޮނީޓާ ކުރަމުންދާ ކަމަށެވެ.
ކޮމިޝަނުން އެތަނުން ދެކޭ ގޮތުގައި، މި ފަދަ ހާދިސާތައް ހުއްޓުވުމަށް، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރަދަނާ ކުރަން ޖެހެ އެވެ. އެއާއެކު ދައުލަތުގެ މުއައްސަސާތަކުން، ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ވެސް ބުންޏެވެ.
އެޗްއާރުސީއެމުން ބުނީ އެކަމާ ގުޅޭގޮތުން ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެ ބަދަލުތައް އެންމެ އަވަހަށް ގެނައުމަށް، ދައުލަތުގެ މުއައްސަސާތަކަށް ލަފާދީ އެކަންކަން ތަންފީޒު ވަމުންދާ މިންވަރު ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ރޭޕްގެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާތީ، މަޑުއްވަރީގައި އިއްޔެ ވަނީ ބަޔަކު މުޒާހަރާ ކޮށްފަ އެވެ. އެ މުޒާހަރާގެ ތެރެއިން، ފުލުހުންނަށާއި އެ ރަށުގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ތަކެއްޗަށް ގެއްލުން ދިން ކަމަށް ބުނެ ދިހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.