27 މާޗް 2021 - 10:06

އިނގިރޭސިވިލާތުގެ ކޮމްޕިއިޓަ ސައިންސްގެ މާހިރު އަދި ކޯޑްބްރޭކާ އެލަން ޓިއުރިންގެ ތަސްވީރާ އެކު ނެރެން ނިންމާފައިވާ 50 ޕައުންޑްގެ އާ ޕޮލިމާ ނޫޓް ދައްކާލައިފި އެވެ.
މިއީ އިނގިރޭސިވިލާތުގައި ބޭނުންކުރާ ފައިސާ ޕޮލިމާ އަށް ބަދަލުކުރަން ފެށި މަސައްކަތުގެ ދަށުން އެންމެ ފަހުން ނެރޭ ނޫޓެވެ. އެއް ފުށުގައި އެލަން ޓިއުރިންގެ ތަސްވީރު އަދި އަނެއް ފުށުގައި ރާނީ އެލިޒަބަތުގެ ތަސްވީރު ހިމެނޭ 50 ޕައުންޑްގެ ނޫޓް ބޭނުންކުރަން ފަށާނީ އެލަންގެ އުފަން ދުވަސް ކަމަށް ވާ ޖޫން 23 ގައި ކަމަށް އިނގިރޭސި މަރުކަޒީ ބޭންކް، ބޭންކް އޮފް އިންގްލެންޑް އިން ބުންޏެވެ. އުމުރުން އެންމެ 41 އަހަރުގައި އޭނާ މަރުވީ ޖޫން 7، 1954 ގަ އެވެ.
ބޭންކް އޮފް އިންގްލެންޑްގެ ގަވަރުނަރު އެންޑްރީ ބެއިލީ ވިދާޅުވީ ފައިސާގެ ނޫޓްގައި ހިސާބުގެ އިލްމަށް އަރާހުރި އެލަން ހިމަނަން ނިންމީ އޭނާ އަކީ ގައުމަށް ވަރަށް މުހިއްމު ދާއިރާތަކަކުން ހިދުމަތްކޮށްފައިވާ އިލްމުވެރިޔަކަށް ވާތީ ކަމަށެވެ.
"ނޫޓްގައި އޭނާ ހިމެނުމަކީ އެލަންގެ ކާމިޔާބީ އާއި ހިދުމަތްތަކުގެ އަގުވަޒަންކުރެވޭނެ ގޮތެއް،" ބެއިލީ ވިދާޅުވި އެވެ
މަރުކަޒީީ ބޭންކުން ބުނީ ޖޫން 23 ގައި 50ގެ އާ ނޫޓް ބޭނުންކުރަން ފެށި ނަމަވެސް ކުރީގެ ނޫޓް ނަގައި ހުސްވަންދެން އެ ނޫޓް އިގުތިސާދުގެ ތެރޭގައި ދައުރުވާނެ ކަމަށެވެ.
ޕޮލިމާ އަށް މި ފަހުން ބަދަލުކުރި އިނގިރޭސި ނޫޓްތަކުގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު ވިސްޓަން ޗާޗިލްގެ ތަސްވީރު ހިމެނޭ ފަސް ޕައުންޑްގެ ނޫޓާއި ކުރީގެ ހުނަރުވެރި ކުރެހުންތެރިޔާ ވިލިއަމް ޓާނާގެ ތަސްވީރު ހިމެނޭ 20 ޕައުންޑްގެ ނޫޓާއި އިނގިރޭސި އަންހެން ވާހަކަ ލިޔުންތެރިޔާ ޖޭން އޮސްޓެންގެ ތަސްވީރު ހިމެނޭ 10 ޕައުންޑްގެ ނޫޓް ހިމެނެ އެވެ.