ކޮންމެ އިންސާނަކާމެދު ވެސް އަދުލުވެރިކަމުގެ ގުޅުން ބޭއްވުން
ކޮންމެ އިންސާނަކާމެދު ވެސް އަދުލުވެރިކަމުގެ ގުޅުން ބޭއްވުން

އިންސާނާއާ އެހެން އިންސާނުންނާ އަދި ކައުނުގައިވާ ހުރިހާ އެއްޗަކާ އެކު އޮންނަން ޖެހޭ ގުޅުން އިސްލާމްދީން ބަޔާންކޮށްދެ އެވެ. މިގޮތުން އިންސާނާ އާއި އެހެން އިންސާނުންނާ ދެމެދު ބާއްވަން ޖެހޭ ގުޅުމަކީ އަދުލުވެރިކަމާއި އިހުސާންތެރިކަމުގެ ގުޅުމެކެވެ. އަދުލުވެރި ވުމަށާއި އިހުސާންތެރި ވުމަށް ﷲ އަމުރު ކުރައްވާކަން ކީރިތި ޤުރުއާނުގެ އައްނަޙްލު ސޫރަތުގެ 90 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެ އެވެ. މި ގުޅުމަކީ ހަގީގަތުގައި އިންސާނާ އާއި ﷲ އާ ދެމެދު އޮންނަން ޖެހޭ ގުޅުން ކަމުގައިވާ އަޅުވެތިވުން އަމަލީ ގޮތުން ދައްކައިދޭ ގުޅުމެކެވެ. އެހެނީ ﷲ އަށް އަޅުވެތިވުން ފެންނަން ޖެހޭ ހައިސިއްޔަތުތަކުގެ ތެރޭގައި އިޖުތިމާއީ ހައިސިއްޔަތު ހިމެނޭތީ އެވެ. އެހެންކަމުން މި ގުޅުން ދަމަހައްޓާނެ ގޮތް އިންސާނާ ދެނެގަންނަން ޖެހެ އެވެ. މިގޮތުން މި ލިޔުމުގައި މި ބަލައިލަނީ އެ ގުޅުމުގެ ތެރޭ ހިމެނޭ އެއް ކަންތައް ކަމުގައިވާ އަދުލުވެރި ކަމުގެ ގުޅުމަށެވެ.

އަދުލުވެރިކަމުގެ މާނަ އަކީ ދެފަރާތުން ކުރެ އެއްވެސް ފަރާތަކަށް އަނިޔާވެރި ނުވެ ދެފަރާތަށް ވެސް ލިބެންވާ ހައްގުތައް އިންސާފުން ބެހިގެން ދިއުމެވެ. އަދުލުވެރި ކަމަކީ އިންސާނާ އާއި އެހެން އިންސާނުންނާ ދެމެދު އޮންނަން ޖެހޭ ގުޅުމުގެ އެންމެ ދަށް މިންވަރެވެ. ފުރިހަމަ ނުވަތަ އެންމެ ފުރިހަމަ މިންވަރެއް ނޫނެވެ. އެހެންނަމަވެސް އެ މިންވަރަށް އަދި ނުދެވުނަސް މި ދަށް މިންވަރުގައި އެކަނި ހުރުމުގެ ހުއްދަ އިސްލާމް ދީނުގައި އިންސާނާ އަށް ދެ އެވެ. އެކަމަކު މިއަށްވުރެ ދަށަށް ދިއުމަށް އިސްލާމް ދީން މަނާ ކުރެ އެވެ. ސަބަބަކީ އިންސާނުންގެ މެދުގައި ދެބަސްވުންތަކާއި ދެކޮޅުވެރިކަން އުފެދޭ ހާލަތްތައް މެދުވެރިވާތީ އެވެ. އަދި އެފަދަ ހާލަތްތަކުގައި އަނިޔާވެރިވުމާއި އަދާވާތްތެރިވުމާއި ވަކިއަތަކަށް ޖެހުމުގެ ސިފަ އިންސާނާގެ ތަބީއަތުގައި ވާތީ އެވެ. ހަމަ އެފަދައިން ޝަހުވަތްތަކާއި ހަވާނަފްސުގެ އެދުންތަކުގެ ކުރިމަތީ ނަފްސު ކޮންޓްރޯލު ނުކުރެވި އެކަންކަމަށް ލެނބުމުގެ ސިފަ ވެސް އިންސާނާގެ ތަބީއަތުގައި ވާތީ އެވެ.

އަދުލުވެރިކަމުގެ ގުޅުމުގެ ދާއިރާތައް ވަރަށް ވެސް ގިނަ އެވެ. އޭގެ ތެރެއިން އެއް ދާއިރާ އަކީ އިންސާނާ އޭނާގެ އަމިއްލަ ނަފްސާ މެދު އަދުލުވެރި ވުމެވެ. އައްނިސާއު ސޫރަތުގެ 135 ވަނަ އާޔަތުގައި އަދުލު އިންސާފު ގާއިމުކުރުން މަތީ ދެމިތިބޭ ބަޔަކު ކަމުގައި ވުމަށް އީމާންވީ މީހުންނަށް އޮތް އަމުރުގައި އެންމެ ފުރަތަމަ ބަޔާން ކުރައްވާފައި ވަނީ އަމިއްލަ ނަފްސުތަކުގެ މައްޗަށް އަދުލު އިންސާފު ގާއިމު ކުރުމެވެ. އަމިއްލަ ނަފްސަށް އަދުލުވެރި ވުމަކީ ނަފްސަށް އަނިޔާ ނުކުރުމެވެ. މިގޮތުން އަމިއްލައަށް ފުރާނަ ދުއްވާލުމާއި މުދަލުން އިސްރާފު ކުރުމާއި ހައްގުގެ މަގު ދޫކޮށް ކުފުރު ވުން ފަދަ ކަންކަމަކީ އަމިއްލަ ނަފްސަށް އަނިޔާވެރިވުމެވެ. މި އަނިޔާތަކުން ނަފްސު ސަލާމަތް ކުރުމަކީ އަމިއްލަ ނަފްސަށް އަދުލުވެރި ވުމެވެ.

ދެވަނަ ދާއިރާ އަކީ މައިންބަފައިންނާއި އަނބި/ފިރިންނާއި ދަރިންނާ މެދު އަދުލުވެރި ވުމެވެ. ކުރިން އިޝާރާތް ކުރި އައްނިސާއު ސޫރަތުގެ 135 ވަނަ އާޔަތުގައި ދެވަނަ އަށް ފާހަގަ ކުރައްވާފައި ވަނީ މައިންބަފައިންނެވެ. ހަމަ އެ ސޫރަތުގެ 3 ވަނަ އާޔަތުގައި، އެކަކަށް ވުރެ ގިނަ އަނބިންނާ ކައިވެނި ކުރަން ހުއްދަ ދޭއިރު އަނބިންނާ މެދު އަދުލުވެރި ނުވެވޭނެ ކަމުގެ ބިރު ހީވާނަމަ ހަމައެކަނި އެކަކާ ކައިވެނި ކޮށްގެން ހުރުމަށް އަންގަވަ އެވެ.

ތިންވަނަ ދާއިރާ އަކީ ގާތްތިމާގެ މީހުންނާ މެދު އަދުލުވެރި ވުމެވެ. ކުރިން އިޝާރާތް ކުރި އައްނިސާއު ސޫރަތުގެ 135 ވަނަ އާޔަތުގައި ތިންވަނަ އަށް ފާހަގަ ކުރައްވާފައި ވަނީ ގާތްތިމާގެ މީހުންނެވެ. މީގެ އިތުރުން ބަސްބުނުމުގައި އަދުލުވެރި ވުމަށް އަލްއަންޢާމް ސޫރަތުގެ 152 ވަނަ އާޔަތުގައި އަންގަވާފައި ވާއިރުވެސް ތިމާ އެބަހެއް ބުނަނީ ގާތްތިމާގެ މީހަކާ މެދު ކަމުގައި ވިއަސް އަދުލުވެރިކަމުން އެއް ކިބާވެގެން ނުވާނެ ކަމަށް އިޝާރާތް ކުރައްވާފައި ވެއެވެ.

ހަތަރުވަނަ ދާއިރާ އަކީ އެ މީހަކު ނިސްބަތްވާ ޖަމާއަތް ނުވަތަ އުންމަތާ މެދު އަދުލުވެރި ވުމެވެ. މިގޮތުން އުންމަތުގެ ދެ ޖަމާއަތެއްގެ މެދުގައި ތަޅާފޮޅުމެއް ނުވަތަ ހަނގުރާމަ އެއް ހިނގިޔަސް އެ ދެމެދު އިސްލާހު ކުރުމުގައި ވެސް އަދުލުވެރި ވުމަށް އަލް ޙުޖުރާތު ސޫރަތުގެ 9 ވަނަ އާޔަތުގައި ﷲ އަންގަވަ އެވެ. އަދި އަދުލުވެރިން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގަންނަވާކަން ހާމަ ކުރައްވަ އެވެ.

ފަސްވަނަ ދާއިރާ އަކީ މުޅި އިންސާނިއްޔަތެވެ. އެބަހީ އާއިލާގެ ނުވަތަ ގާތްތިމާގެ ނުވަތަ ނިސްބަތްވާ ޖަމާއަތުގެ މީހަކަށް ބެލުމެއް ނެތި އިންސާނެއް ވިއްޔާ އެމީހަކާ މެދު އަދުލުވެރި ވުމެވެ. މިގޮތުން މީސްތަކުންގެ މެދުގައި ހުކުމެއް ކުރާނަމަ އަދުލުވެރި ކަމާ އެކު ހުކުމް ކުރުމަށް އައްނިސާއު ސޫރަތުގެ 57 ވަނަ އާޔަތުގައި އަންގަވާފައި ވެ އެވެ. މިތަނުގައި ހުކުމް ކުރުމުގެ މާނަ އަކީ ހަމައެކަނި ގާޒީން މައްސަލައަކާ މެދު ހުކުމެއް ކުރުން އެކަންޏެއް ނޫނެވެ. މަސްއޫލިއްޔަތެއް އަދާ ކުރާ ކޮންމެ މީހަކު އޭނާގެ މަސްއޫލިއްޔަތުގެ ދަށުގައިވާ މީހުންނާ މެދު ނިންމާ ކޮންމެ ނިންމުމެއްވެސް ހިމެނޭނީ މީސްތަކުންގެ މެދުގައި ހުކުމް ކުރުމުގެ ތެރެއިންނެވެ.

މި ބަޔާން ކުރެވުނު ހުރިހާ ދާއިރާ އެއްގެ ތެރޭގައި އަދުލުވެރި ވުމުގައި ވެސް އިސްތިސްނާވާ އެއްވެސް ހާލަތެއް ނޯވެ އެވެ. އެބަހީ އަދުލުވެރިވާން ޖެހޭ މީހާ އަކީ ތިމާއާ އެކުވެރިއެއްތޯ ނުވަތަ އަދާވާތްތެރިއެއްތޯ ނުވަތަ އޭނާ އަކީ މުސްލިމެއްތޯ ނުވަތަ ކާފިރެއްތޯ ނުވަތަ ދެމެދުގައި ހަމަނުޖެހުމެއް އޮތްތޯ ނުވަތަ ނޫންތޯ ފަދަ ކަންކަމަށް ބަލާކަށް ނުޖެހެ އެވެ. އަލްމާއިދަތު ސޫރަތުގެ 8 ވަނަ އާޔަތުގައި ﷲ އަންގަވަނީ ބަޔަކު މީހުންނާ މެދު އުފެދިފައިވާ ރުޅިވެރިކަމެއް އެއީ އަދުލުވެރި ނުވުމަށް ބާރުއަޅާ ކަމެއް ކަމުގައި ނުހެދުމަށެވެ. އަދި އައްޝޫރާ ސޫރަތުގެ 15 ވަނަ އާޔަތުން ދޭހަވާ ގޮތުގައި ގޯސްކޮށް މުއާމަލާތު ކުރުމުގައި ތިމާ މާޔޫސްވާ ދަރަޖަ އަށް އަނެކުން ކަން ކުޅަޔަސް އެމީހުންނާ މެދު އަދުލުވެރިވާން ޖެހެ އެވެ. އެހެނީ އެފަދަ މީހުން ތަބާވާ ކަންކަމަށް ތަބާވެ ވަޑައިނުގެން ސީދާ މަގުގައި ހުންނެވުމަށާއި، ﷲ ބާވާލެއްވި ފޮތަށް އީމާންވާ ކަމަށާއި އަދުލުވެރިވުމަށް އަމުރުފުޅު އައިސްފައިވާ ކަމަށް ވިދާޅުވުމަށް ކީރިތި ރަސޫލާ ﷺ އަށް ﷲ އަންގަވާފައި ވެއެވެ.

އިންސާނާ އާއި އެހެން އިންސާނުންނާ ދެމެދު އަދުލުވެރިކަމުގެ ގުޅުން އާންމުވެ ދެމި އޮންނަ ނަމަ އޭގެ މާނަ އަކީ އިންސާނާ ފުރާފުރިހަމަވެ ސީދާ ވެގެންވާ ކަމެވެ. އެއާ ޚިލާފަށް އަނިޔާވެރިކަން ފެތުރިފައިވާ ނަމަ އޭގެ މާނަ އަކީ ނާތަހުޒީބާއި އުނިކަން ލިބިގެންވާކަމެވެ. އަދުލުވެރިކަން ދެމެހެއްޓޭ ޖަމާއަތަކީ ހޭލުންތެރި އަދި ހެޔޮކަންކަން އުފައްދާ ޖަމާއަތެކެވެ. އަދުލުވެރިކަން ނެތް ޖަމާއަތަކީ ނުކުޅެދުންތެރި ޖާހިލު މުޖުތަމައެކެވެ.

ކީރިތި ޤުރުއާނުގެ އައްނަޙްލު ސޫރަތުގެ 76 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައިވާ މިސާލަކަށް ބަލައިލާ އިރު އެއިން ލިބޭ އެއް ފިލާވަޅަކީ މުޖުތަމައެއްގައި ވެސް އިލްމުވެރިކަން ފެތުރި އެތަނަށް ތަރައްގީ އާ ކުރިއެރުން ލިބުމަށްޓަކައި ސީދާކަން މަތީ ތިބުމާ އެކު އެތަނުގައި އަދުލުވެރިކަން ފެތުރިފައި އޮތުން ވަރަށް މުހިންމުވާނެ ކަމެވެ. އަދި އަދުލުވެރިކަން ނެތިއްޖެ ނަމަ އެއްވެސް ކަމަކަށް ކުޅަދާނަކަން ލިބިގެން ނުވާ ޖާހިލުކަން ފެތުރިފައިވާ މުޖުތަމައަކަށް ބަދަލުވާނެ ކަމެވެ. ވީމާ އިންސާނުންގެ މެދުގައި އަމަންއަމާން ކަމާއި ސަލާމަތްކަން ފެތުރިފައި އޮތުމަށާއި ވަކި ފަރާތަކަށް ނުޖެހި ކަންކަން ކުރިއަށް ގެންދިއުމަށް އޮތް އެންމެ މުހިންމު އެއް ސަބަބު ކަމުގައި އަދުލުވެރިކަން އޮތުން ވެގެންދެ އެވެ. އެހެނީ އަދުލުވެރިކަން އޮވެއްޖެ ނަމަ ހުރިހާ ބާވަތެއްގެ ތައައްސުބުވުންތައް ނެތިގެންދާނެތީ އެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ހަމަނުޖެހުންތަކާއި ޖަރީމާތަކުން މުޖުތަމައު ސަލާމަތް ކުރެވޭނެ އެވެ.

ވީމާ އިންސާނާ އާއި އެހެން އިންސާނުންނާ ދެމެދު އޮންނަން ޖެހޭ ގުޅުމުގެ ތެރެއިން އަދުލުވެރި ކަމުގެ ގުޅުން އެންމެ ކުޑަމިނުން ދެމެހެއްޓުމަށް ހަމަ ކޮންމެ އިންސާނަކު ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. މުސްލިމުންނަކީ މިކަމުގައި އެންމެ އިސްނަގަން ޖެހޭ މީހުންނެވެ. މިގޮތުން މުސްލިމު މުޖުތަމައު ތަކުގެ ހުރިހާ ނިޒާމު ތަކެއްގައި ވެސް އަދުލުވެރިކަން ދެމެހެއްޓުމަށް އެ ނިޒާމުތަކުގެ މަސްއޫލުވެރިން ސަމާލުކަން ދޭން ޖެހޭނެ އެވެ.