ގައިޑްލައިންތަކަށް ހުރިހާ މުއައްސަސާއަކުން ވެސް އަމަލު ކުރުމަށް މައުމޫން ގޮވާލައްވައިފި
ގައިޑްލައިންތަކަށް ހުރިހާ މުއައްސަސާއަކުން ވެސް އަމަލު ކުރުމަށް މައުމޫން ގޮވާލައްވައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކުން ވަކި މީހަކު، އަދި ވަކި މުއައްސަސާއެއް ވެސް އިސްތިސްނާ ނުވާނެ ކަމަށާއި އެއަށް އަމަލުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ގޮވާލެއްވި އިރު، އެޗްޕީއޭގެ ގައިޑްލައިންތަކާ ގުޅޭ ގޮތުން ރައްޔިތުން މަޖިލީހުގެ ގިނަ މެންބަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނުރައްކާތެރި ބަލިތަކުން މުޅި ގައުމު ސަލާމަތް ކުރެވޭނީ ހުރިހާ އިދާރާތަކުން އެޗްޕީއޭގެ ގަވާއިދުތަކަށް އަމަލު ކޮށްގެން ކަމަށެވެ. އަދި އެކަމުގައި ވަކި މީހަކު ނުވަތަ ވަކި އިދާރާއެއް އިސްތިސްނާއެއް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ހަމަހަމަ ފުރުސަތު ނުލިބޭ ކަމަށާއި ގައިޑްލައިންތަކާ ގުޅިގެން ކެމްޕެއިން ނުކުރެވޭ ކަމުގެ ޝަކުވާތައް ގިނަވެފައިވާ އިރު ރައީސް މުހަންމަދު ނަޝީދު ވަނީ އަތޮޅުތަކަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް ހުއްދަ ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ކެފޭ/ ރެސްޓޯރަންޓްތައް ހުޅުވާފައި ހުންނަ ވަގުތު އިތުރު ކުރުމުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ދައުރު ބޮޑެވެ.

މީގެ އިތުރުން މަނާ ގަޑިތަކުގައި ވެސް ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ބޭރުގައި އުޅެވޭނެ ފަދަ ގޮތަކަށް ގައިޑްލައިން ބަދަލު ކުރުމަށް ވެސް މެންބަރުން ވަނީ ހުށަހަޅައިފަ އެވެ.

އެޗްޕީއޭ އިން ރޭ ވަނީ މާލެ ސަރަހައްދުގައި އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އޮތް ހުރަސް ވެސް ނައްތާލައިފަ އެވެ.