25 މާޗް 2021 - 19:04

ފައިޒާ/ބަޔޯއެންޓެކް ވެކްސިންގެ 5000 އަށް ވުރެ ގިނަ ވެކްސިން ޑޯޒް ރާއްޖެއަށް މިއަދު ގެނެސްފި އެވެ.
ކޮވިޑް-19 ވެކްސިން ގްލޯބަލް އެކްސެސް (ކޮވެކްސް) އިން ހަދިޔާ ކުރި ވެކްސިންތަކުގެ ތެރެއިން މިއަދު ހަވީރު 3:25 ގައި ރާއްޖެއަށް ލިބިފައި ވަނީ ފައިޒާގެ 5850 ޑޯޒް އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ފައިޒާ ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ވެސް ދީފަ އެވެ.
ކޮވެކްސްއަކީ ހުރިހާ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގާއިމް ކުރުމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އާއި ބައިނަލްއަގުވާމީ އެހެން ޖަމިއްޔާތަކުން ގުޅިގެން ފެށި ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގެ ދަށުން ދާދި ފަހުން ވަނީ ކޮވިޝީލްޑްގެ 12،000 ވެކްސިން ވެސް ލިބިފަ އެވެ. އަދި އެ ފަރާތްތަކުގެ އެހީގައި ވެކްސިން ޖަހަން ބޭނުންކުރާ 100,000 ސިރިންޖާއި އެހެނިހެން އާލާތްތައް ވަނީ ހަދިޔާކޮށްފަ އެވެ.
ރާއްޖޭގައި މިހާތަނަށް 224،000 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން ފުރަތަމަ ދޭން ފެށީ އެސްޓްރާޒެނަކާގެ ކޮވިޝީލްޑް ވެކްސިން އެވެ. އަދި މިހާރު ޗައިނާގެ ސިނޯފާމް ވެކްސިން ދޭން ވަނީ ފަށައިފަ އެވެ.