އިރާގުގެ ސުންނީންގެ ގެތައް ކުރުދީ ހަނގުރާމަވެރިން ހަލާކު ކުރަނީ
އިރާގުގެ ސުންނީންގެ ގެތައް ކުރުދީ ހަނގުރާމަވެރިން ހަލާކު ކުރަނީ

ބަޣުދާދު (ނޮވެމްބަރު 14) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފުމަށް ހަނގުރާމަ ކުރަމުންދާ އިރާގުގެ ލަޝްކަރުގައި ހިމެނޭ ކުރުދީ ހަނގުރާމަ ވެރިން ދަނީ ސުންނީ އަރަބިންގެ އަވަށްތަކަށް ބޮޑެތި ގެއްލުންތައް ދެމުން ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ތުހުމަތުކޮށްފި އެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނީ ސުންނީ އަރަބިންގެ 20 އަވަށެއް ކުރުދީން ވަނީ ސުންނާފަތިކޮށްލާފައި ކަމަށެވެ. އަދި ކުރުދީން ހަލާކު ކުރަން ބޭނުންވާ ގެތައް މާކް ކުރުމަށް ފަހު ބުލްޑޯޒަރުތައް ބޭނުންކޮށްގެން ބިމާ ހަމަކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފައިވެ އެވެ.

ކުރުދީ ސަރަހައްދީ ސަރުކާރުގެ ވަޒީރެއްގެ ނައިބު ދިންދާރު ޒެބާރީ ވިދާޅުވީ ސުންނީ އަރަބިންގެ ގެދޮރު ހަލާކު ކުރުމަށް ކުރުދީންނަށް އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށެވެ. ހަލާކުކޮށްފައިވާ އަވަށްތަކަކީ އައިއެސްގެ މެންބަރުން ދިރިއުޅުނު ތަންތަން ކަމަށެވެ. އަދި އެ ގެތައް ހަލާކުވެފައި ވަނީ ވައިގެ ހަމަލާތަކުގެ ސަބަބުން ނޫނީ އައިއެސް އިން އެ ތަންތަން ދޫކޮށް ދިޔަ އިރު ހަރުކޮށްފައިވާ ބޮންތަކުގެ ސަބަބުން ކަމަށެވެ.

ނިއު ޔޯކުގައި ހިންގާ ހިއުމަން ރައިޓްސް ވޮޗުން ބުނީ ސުންނީގެ ގެތައް ކުރުދީން ހަލާކު ކުރަމުންދާ ކަމުގެ ރިޕޯޓް ތައްޔާރުކޮށްފައި ވަނީ އެ ސަރަހައްދަށް ޒިޔާރަތްކޮށްގެންނާއި މަންޒަރު ދުށް 120 މީހުންގެ ހެކި ބަހުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.

ކިރްކުކުން ސުންނީ އަރަބިން ނެރެ އެ މީހުންގެ ގެތައް ކުރުދީން ހަލާކު ކުރަމުންދާ ކަމަށް ލަންޑަނުގައި ހިންގާ އެމްނެސްޓީ އިންޓަނޭޝަނަލް އިން މިދިޔަ މަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.