ވަރުން ދަވަންގެ "ސާންކީ" އަކީ ތަމަޅަ ފިލްމެއްގެ ރިމޭކެއް
ވަރުން ދަވަންގެ "ސާންކީ" އަކީ ތަމަޅަ ފިލްމެއްގެ ރިމޭކެއް

ވަރުން ދަވަން ސޮއިކޮށްފައިވާ، ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާގެ ފިލްމު "ސާންކީ" އަކީ ތަމަޅަ ފިލްމެއްގެ ރިމޭކެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އެއީ 2016 ގައި ރިލީޒްކުރި ކްރައިމް ތުރިލާ "ދުރުވަންގަލް ޕަތިނާރު" އަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ. މީގައި ކިޔައިދެނީ ފުލުހުން މައްސަލައެއްގެ ތަހުގީގެއްގެ ތެރޭގައި އެއް ފައި ގެއްލޭ ފުލުހަކަށް ދިމާވާ ހާދިސާތަކެކެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ތަމަޅަ ފިލްމަކީ ކާތިކް ނަރެން ޑައިރެކްޓްކުރި ފިލްމެކެވެ. އޭގެ މައިގަނޑު ކެރެކްޓާ ކުޅުނީ ރަހްމާނެވެ. ބޮލީވުޑް ހަންގާމުން ބުނިގޮތުގައި "ދުރުވަންގަލް ޕަތިނާރު" ގެ ހިންދީ ރިމެކްގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު މި ވަގުތު އެންމެ ބާރަށް ކުރިއަށް ދަނީ ސްކްރީންޕްލޭ ޕޮލިޝްކުރުމުގެ މަސައްކަތެވެ. "ސާންކީ" ޑައިރެކްޓް ކުރާނެ ކަމަށް ބެލެވެނީ 2019 ގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "ކޭސަރީ" ގެ ޑައިރެކްޓަރު އަނޫރާގް ސިންގް އެވެ.

ފިލްމުގެ ބަތަލާގެ ރޯލުން ވަރުންއާ އެކު ފެންނާނެ ކަމަށް މީޑިއާތަކުން މިދިޔަ ހަފުތާގައި ރިޕޯޓްކޮށްފައި ވަނީ "ކޭސަރީ" ގައި ވެސް ބަތަލާގެ ރޯލު ކުޅުނު ޕަރިނީތީ ޗޯޕްޅާ އެވެ. "ސާންކީ" ވާނީ އޭނާ އާއި ވަރުންގެ ޖޯޑު ފިލްމެއްގެ ލީޑުން ފެންނަ ފުރަތަމަ ފަހަރަށެވެ.

ވަރުން މި ވަގުތު އަންނަނީ ޑައިރެކްޓަރު އަމަރް ކޯޝިކްގެ "ބޭޅިޔާ" ގެ މަސައްކަތްކުރަމުންނެވެ. އަދި ޑައިރެކްޓަރު ރާޖް މެހެތާގެ "ޖުގް ޖުގް ޖިއޯ" އަކީ ވެސް މަސައްކަތް ފަށާފައި އަދި އެއްކޮށް ޝޫޓިން ފުރިހަމަނުކުރެވި އޮތް ފިލްމަކަށްވާތީ "ސާންކީ" ކުޅެން ފެށުމުގެ ކުރިން އެ ދެ ފިލްމުގެ މަސައްކަތް ވަރުން ނިންމާނެ އެވެ.

އޭގެ ފަހުން އޭނާ ޝޫޓިން ފަށާނެ ފިލްމަކީ ސްރީރާމް ރަގްވަން ޑައިރެކްޓްކުރާ "އެއްކީސް" އެވެ.

ޕަރިނީތީ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް" ހިމެނެ އެވެ. އެ ފިލްމުގެ ބަތަލަކީ ރަންބީރް ކަޕޫރެވެ.