ޕްރީ ސްކޫލުން ފެށިގެން މައްޗަށް އަންނަ ބުރާސްފަތި ދުވަހު ސްކޫލު ހުޅުވާލަނީ
ޕްރީ ސްކޫލުން ފެށިގެން މައްޗަށް އަންނަ ބުރާސްފަތި ދުވަހު ސްކޫލު ހުޅުވާލަނީ

މާލެ ސަރަހައްދުގެ ޕްރީ ސްކޫލުން ފެށިގެން މަތީގެ ދަރިވަރުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނިންމައިފި އެވެ.

ކޮވިޑު-19 އިން ރައްކާތެރިވުމަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގްރޭޑު 6 ން ފެށިގެން ދަށުގެ ކުދިންނަށް މިދިޔަ މަހުގެ 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް ކިޔަވައިދެނީ އޮންލައިންކޮށެވެ. އެ މުއްދަތުގެ ތެރޭގައި ގްރޭޑު 7 އަދި 8 ގެ ދަރިވަރުންނަށް ވެސް ދެ ހަފުތާއަށް އޮންލައިންކޮށް ކިޔަވައިދިނެވެ.

މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މާލެ ސަރަހައްދުގެ ސްކޫލުތަކުގެ އެލްކޭޖީ އިން ފެށިގެން މަތީ ގްރޭޑުތަކުގެ ކިޔެވުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންދާނީ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ކަމަށެވެ.

މިދިޔަ އަހަރުގެ މާޗު 12 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް ގްރޭޑް 6 އިން ދަށުގެ ދަރިވަރުންނަށް މިދިޔަ އަހަރު ކިޔަވައިދީފައެއް ނުވެ އެވެ. އެހެންވެ، މިދިޔަ ޖެނުއަރީ 10 ގައި އަލުން ސްކޫލުތައް ހުޅުވުމަކީ، ދަށް ގްރޭޑުތަކުގެ ދަރިވަރުންނާއި ޓީޗަރުން ގާތްގަނޑަކަށް އަހަރެއް ފަހުން ބައްދަލުވި ފުރަތަމަ ދުވަހެވެ.

ސްކޫލުތައް ހުޅުވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިންއިރު، އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ވަނީ ފަށައިފަ އެވެ. އެގޮތުން، ހަވީރު 6:00 ން ހެނދުނު 6:00 ވެހިކަލް ދުއްވުން މަނާކަމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނައުމާއި ދިވެހި ޕްރިމިއާ ލީގު މާދަމާ ފެށުމުގެ ހުއްދަ ދީފައި ވެ އެވެ.