ސައްލެ ހުންނެވީ ގޮތުގައި، އެކަމަކު މާފަށް އެދިއްޖެ
ސައްލެ ހުންނެވީ ގޮތުގައި، އެކަމަކު މާފަށް އެދިއްޖެ

ސިިވިލް ސާވަންޓުންނަށް އަމާޒުކޮށް ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާ ގުޅިގެން އޭނާ އެކަމަށް މާފަށް އެދިވަޑައިގެންފި އެވެ.

ސިވިލް ސާވިސް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ބިލަށް ބަހުސް ކުރައްވަމުން ސައްލެ އިއްޔެ ވިދާޅުވީ ސިވިލް ސާވަންޓުންނަކީ ވަކި ޑިސިޕްލިންއެއް ހުންނަން ޖެހޭ ބައެއް ކަމަށާއި އެ ނޫން ނަމަ އިދާރާތަކުގެ އިތުބާރު ގެއްލިގެންދާ ކަމަށެވެ. އަދި ސިވިލް ސާވަންޓުންނަކީ "ކަށްވަޅަށް ދާންދެން އަނގަމަޑުންލައިގެން ތިބެން ޖެހޭ ބައެއް" ކަމަށް ވެސް ސައްލެ ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކޮށް ގިނަ ބަޔަކު ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުގެ އިތުރުން ސައްލެ ނިސްބަތްވާ ޕާޓީ އެމްޑީޕީން ވެސް ސައްލެ ދެއްކި ވާހަކަތަކާ ދެކޮޅު ކަމަށް ވަނީ ބުނެފަ އެވެ.

ފާޑު ކިޔުންތަކާއެކު ސައްލެ މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާ ދެއްކެވި ވާހަކަތައް ދިފާއުކުރައްވައިފަ އެވެ. ސައްލެ ވިދާޅުވީ ރާއްޖޭގައި ޕްރޮފެޝަނަލް ސިވިލް ސާވިސްއެއް އުފެދުމަކީ ބޮޑު އުންމީދެއް ކަމަށާއި މަޖިލީހުގައި ވާހަކަ ދެއްކެވީ އެގޮތަށް ކަމަށެވެ. އަދި ވާހަކައިގެ ތަންތަންކޮޅު ނަގައިގެން އޮޅުވާލިޔަސް ޖުމުލަކޮށް ދެއްކެވި ވާހަކައަކީ ޕްރޮފެޝަނަލް ސިވިލް ސާވިސްއެއްގައި ހުންނަން ޖެހޭނެ ކަމަށް އިލްމުވެރިން އެއްބަސްވާ އަސާސްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިވިލް ސާވަންޓުންނަށް އިހްތިރާމް ކުރަން. ގައުމު ބިނާ ކުރުމުގައި އެ މީހުންގެ ރޯލް ފާހަގަ ކުރިކަން މުޅި ސްޕީޗް އަޑު އެހި ނަމަ އެނގޭނެ،" ކުރިން އެންވަރަރަމަންޓް މިނިސްޓްރީގެ ޕީއެސްގެ މަގާމް ވެސް އަދާ ކުރެއްވި ސައްލެ ވިދާޅުވި އެވެ.

ސައްލެ ވިދާޅުވީ އޭނާ ދެއްކެވި ވާހަކަތަކާ ގުޅިގެން އެއްވެސް ބަޔަކު ހިތްހަމަނުޖެހުނު ނަމަ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ވާހަކަތައް ދެއްކެވީ އެފަދަ ކަމެއް ކުރުމުގެ ނިޔަތެއްގައި ނޫން ކަމަށް ސައްލެ ވިދާޅުވި އެވެ.