ދިވެހި ޕްރިމިއާ ލީގު މާދަމާ ފަށަނީ
ދިވެހި ޕްރިމިއާ ލީގު މާދަމާ ފަށަނީ

މިދިޔަ މަހު ތިން ވަނަ ދުވަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމަށް މެދުކަނޑާލި ދިރާގު ދިވެހި ޕްރިމިއާ ލީގު މާދަމާ ފަށަން އެ އިދާރާ އިން މިއަދު ހުއްދަ ދީފި އެވެ.

އެ ހުއްދައާއެކު، މާދަމާގެ މެޗުގައި ކުޅޭނީ ސުޕާ ޔުނައިޓެޑް ސްޕޯޓްސް އާއި އީގަލްސް އެވެ. އެޗްޕީއޭއާ މަޝްވަރާކޮށް ޔޫތު މިނިސްޓްރީ އިން ލީގު ފަށަން އެފްއޭއެމަށް ހުއްދަދީފައި މި ވަނީ ފުޓްބޯޅަ ހަރަކާތްތައް ފަށަން ހުއްދަ ނުދޭ މައްސަލަައިގައި ކްލަބްތަކުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނިކޮށެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެދުކަނޑާލާފައިވާ ދިވެހި ލީގު މާދަމާ ފަށަން ތާވަލް ކޮށްފައިވާ ކަމަށާއި އެ ނިންމުމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފަށާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.

އެފްއޭއެމުން ވަނީ ލީގުގެ ޝެޑިއުލް މިއަދުގެ ވަގުތެއްގައި ކްލަބްތަކަށް ހިއްސާކުރާނެ ކަމަށް ބުނެފަ އެވެ.

ދިވެހި ލީގުގެ ކުޅުން އަލުން ފެށޭތޯ ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭމުން ކުރި މަސައްކަތުން މި މަހުގެ 23 ގައި އެޗްޕީއޭ އިން ފުރަތަމަ ހުއްދަ ދިނީ އަންނަ މަހުގެ ހަތެއްގައި ކުޅެން އޮތް އީގަލްސް އާއި ބޫޓާންގެ ތިމްޕޫ ބައްދަލުކުރާ އޭއެފްސީ ކަޕް މެޗަށް އެކަންޏެވެ. އެކަމަކު މިހާރު އޮތީ ލީގު ފަށަން ވެސް ހުއްދަދީފަ އެވެ.

މާދަމާ ދިވެހި ލީގުގެ ކުޅުން ފެށުމަކީ ކްލަބްތަކަށް ދިމާވެފައިވާ ކަންބޮޑުވުމާއި ދަތިތަކަށް ލިބޭނެ ލުޔެކެވެ. އަދި އޭއެފްސީ ކަޕްގައި ވާދަކުރާ ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ އާއި އީގަލްސް އަށް ލިބޭނެ ހިތްހަމަޖެހުމެކެވެ. އެއީ އޭއެފްސީ ކަޕްގެ މެޗުތަކުގެ ކުރިން ލީގުގައި ރަނގަޅު މެޗުތަކެއް ކުޅެލަން ލިބި ރަނގަޅު ފޯމެއްގައި މުބާރާތަށް ދެވޭނެތީ އެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގުރޫޕްގެ މެޗުތައް އަންނަ މޭ މަހު އޮންނާނީ ރާއްޖޭގަ އެވެ. ރާއްޖެ އިން އެ ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ. މިވަގުތު ގުރޫޕް ސްޓޭޖުގައި ރާއްޖޭގެ ކްލަބަކަށް އޮތީ މާޒިޔާ އެވެ. ދެން އޮތީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. އީގަލްސް ވެސް ގުރޫޕް ސްޓޭޖުގައި ވާދަކުރުމަކީ އުންމީދެކެވެ.

މިދިޔަ މަހު ދިވެހި ލީގު މެދުކަނޑާލިއިރު، ފުރަތަމަ ބުރުގެ ކުޅުން ނިމި، ދެވަނަ ބުރުގެ ބައެއް މެޗުތައް ވަނީ ކުޅެފަ އެވެ. އެއްވަނައިހައި އޮތީ މާޒިޔާ އެވެ. އެއީ ނުވަ މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށް ވަނީ ނުވަ މެޗުން 15 ޕޮއިންޓް ލިބިފަ އެވެ.