އުތުރުގެ ބޮޑު ދެ ރީޖަނަލް ހޮސްޕިޓަލް "ބަންދު"!
އުތުރުގެ ބޮޑު ދެ ރީޖަނަލް ހޮސްޕިޓަލް "ބަންދު"!

ކޮވިޑް-19 ފެނިގެން، ހދ. ކުޅުދުއްފުއްޓާއި ރ. އުނގޫފާރަށް އަރާ ފޭބުން މަނާ ކުރުމާ ގުޅިގެން، އެ ދެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލް އެހެން ރަށްރަށުގެ މީހުންނަށް ބަންދުވެއްޖެ އެވެ. މިއީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން، މާލެއަށް މިހާރު ނުދެވޭތީ، އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދުމަށް ދާ ދެ ހޮސްޕިޓަލެވެ. މިއީ އުތުރުގައި ހުރި ހަމައެކަނި ރީޖަނަލް ދެ ހޮސްޕިޓަލް ވެސް މެ އެވެ.

އުތުރުގެ ބޮޑު ދެ ރީޖަނަލް ހޮސްޕިޓަލް "ބަންދު"!
އުތުރުގެ ބޮޑު ދެ ރީޖަނަލް ހޮސްޕިޓަލް "ބަންދު"!

އުނގޫފާރުން ކޮވިޑް ފެނުނީ މިދިޔަ ހަފުތާގައި، އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކަން ދިޔަ މީހެއްގެ ގައިންނެވެ. ފަހުން، އޭނާއާ ގުޅުން ހުރި ފަސް މީހަކަށް ވަނީ ޖެހިފަ އެވެ. އެހެންވެ، އެ ރަށް މިހާރު އޮތީ މޮނިޓަރިން އަށް ލައިފަ އެވެ.

އުނގޫފާރަކީ، މިހާރު އެންމެ ގިނަ މީހުން ސިއްހީ ހިދުމަތް ހޯދަންދާ އެއް ރަށެވެ. ނ. އަތޮޅުން ފެށިގެން، އއ. އަތޮޅާ ދެމެދުގެ ގިނަ ރަށްތަކަކުން، ކޮންމެ ދުވަހަކުހެން އެ ރަށަށް ދެ އެވެ.

އުނގޫފާރު ކައުންސިލްގެ މެމްބަރު ހުސެން އާސިފް ވިދާޅުވި ގޮތުގައި ސިއްހީ ފަރުވާ ހޯދުމަށް މިހާރު ކޮންމެ ދުވަހަކު ވެސް އެރަށަށް 400-500 މީހުން ދެ އެވެ. އަދި ރަށަށް އަރާ ފޭބުން މަނާ ކުރުމަކީ، އެ މީހުންނަށް ވަރަށް ބޮޑެތި ތަކްލީފުތަކެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ވެސް، ކޮންމެވެސް ފަރުވާއެއް ހޯދަން އެހާ ގިނަ ބަޔަކު އަންނައިރު، ރަށް ބަންދުކުރީމަ އެ މީހުންނަށް ވާނެ އުނދަގޫ އަންދާޒާ ވެސް ކޮށްލަން ނޭނގޭ،" އާސިފް ވިދާޅުވި އެވެ.

ރަށަށް އަރާ ފޭބުން މަނާކުރި ނަމަވެސް، ބޮޑު އަނިޔާއެއް ވެގެން، ނުވަތަ އިމަޖެންސީ ފަރުވާ އާއި ޑަޔަލިސިސް ހަދަން ބޭނުންވާ މީހުންނަށް ހޮސްޕިޓަލްތަކުން ފަރުވާ ހޯދަން ދެވޭނެ އެވެ. އެކަމަކު ގިނަ ހިދުމަތްތައް ދެ ހޮސްޕިޓަލުން ވެސް ދެނީ ޓެލެކޮންސަލްޓޭޝަން މެދުވެރިކޮށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އުތުރުގެ ހަތަރު އަތޮޅުންނާއި މިހާރު ދުރު އަތޮޅުތަކުން ވެސް، ފަރުވާ ހޯދަން އަންނަ ތަނެކެވެ. އެ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވި ގޮތުގައި ޖެނެރަލް އޯޕީޑީ އަށް ކޮންމެ ދުވަހަކު ވެސް 400އެއްހާ މީހުން ދައްކަ އެވެ. އޭގެ ތެރޭގައި ރަށުން ބޭރު މީހުން ގިނަ އެވެ.

އެކަމަކު ކޮވިޑް ފެނި، ރަށަށް އަރާ ފޭބުން މަނާކުރުމަކީ ގިނަ ބަޔަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ދައްޗެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހުންނަށް ވަރަށް ދަތިވާނެ. ދުރު ހިސާބުތަކުން ވިހަން ވެސް މިތަނަށް އެބަ އާދޭ،" ދާއޫދު ވިދާޅުވި އެވެ.

ކުޅުފުއްފުށިން އިއްޔެ ކޮވިޑް ފެނުނީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ޅ. ނައިފަރު މީހަކާއި އޭނާއާ ގުޅުން ހުރި މީހެއްގެ ގައިންނެވެ. އުނގޫފާރަށް ދަތުރުކުރި ނައިފަރު މީހަކު ޕޮޒިިޓިވްވުމާ ގުޅިގެން އެ ރަށް ވެސް އޮތީ މޮނިޓަރިންއަށް ލައިފަ އެވެ. އެނގިފައިވާ ގޮތުގައި މުޅިން ވެސް އެއީ ގުޅުން ހުރި މީހުންނެވެ.

އެ މީހުންނާ ގުޅުން ހުރި އިތުރު ދެ މީހަކު ކުޅުދުއްފުށިން ޕޮޒިޓިވްވެ، ޖުމްލަ ކޭސްތަކުގެ އަދަދު މިހާރު ވަނީ ހަތަރަކަށް އަރައިފަ އެވެ.

ދާއޫދު ވިދާޅުވީ އެ ރަށުން މިހާތަނަށް 70 ސާމްޕަލް ނަގައި، ބައެއް ސާމްޕަލް މިހާރު ޓެސްޓު ކުރަން ފޮނުވާފައިވާ ކަމަށެވެ. އަދި ރަށުގެ މޮނިޓަރިން ހާލަތު އުވާލެވޭނީ ނަތީޖާއަށް ބެލުމަށް ފަހުގައި ކަމަށް ވިދާޅުވި އެވެ.

އުނގޫފާރުން ކޮވިޑް ފެނުމާ ގުޅިގެން މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އެ ރަށަށް ދިޔަ މީހުން ކަރަންޓީނުވާން ވަނީ އަންގާފަ އެވެ. އަދި އެ ރަށަށް ދިޔަ ފަސް މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ޅ. ނައިފަރު މީހަކާއި ކ. ދިއްފުށީ ދެ މީހުންނާއި ރ. މަޑުއްވަރި އާއި އެއަތޮޅު ހުޅުދުއްފާރު މީހެކެވެ. އެ ހުރިހާ ރަށްތަކެއް ވެސް މިހާރު ވަނީ މޮނިޓަރިންއަށް ލައިފަ އެވެ.