ލިވަޕޫލުން އާޑާ ޓުރާން އަށް ބިޑް ކުރަނީ
ލިވަޕޫލުން އާޑާ ޓުރާން އަށް ބިޑް ކުރަނީ

ލިވަޕޫލް (ނޮވެމްބަރު 15) - ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާގެ ތުރުކީގެ މިޑްފީލްޑަރު އާޑާ ޓުރާން އަށް ލިވަޕޫލުން ބިޑް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ބާސެލޯނާ އަށް ކުޅެން ފެށި ފަހުން ޓުރާން މިހާތަނަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ލީގުގައި ކުޅެފައިވަނީ 16 މެޗެވެ. ޓުރާން ވަނީ ކުޅުމުގެ ފުރުސަތު މަދުން ލިބޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މި ސީޒަން ފެށުމުގެ ކުރިން ވެސް ބައެއް ކްލަބްތަކުން ޓުރާން ގަންނަން ޝައުގުވެރިކަން ފާޅުކުރި އެވެ.

ލިވަޕޫލުން އަންނަނީ މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތްއިރު، އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ޖެނުއަރީ މަގުގެ ޓްރާންސްފާ މާކެޓްގައި ތަޖުރިބާކާރު ކުޅުންތެރިޔަކު ޓީމަށް ގެނައުމުގެ ވިސްނުން އެބަހުރި ކަމަށް ބުނެފަ އެވެ.

އުމުރުން 29 އަހަރުގެ ޓުރާން ވަނީ ލިވަޕޫލަކީ އޭނާ ގަޔާވާ ކްލަބެއް ކަމަށް މީގެ ކުރިން ބުނެފަ އެވެ.

"އަހަރެން ރަތް ޖާޒީގައި ކުޅޭ ގިނަ ޓީމުތަކަކަށް ކުޅެފިން ( ގަލަސަތަރާއީ، މަނިސަސްޕޯ، ތުރުކީ، އެތުލެޓިކޯ). ޖެރާޑަކީ އަހަރެންގެ ހީރޯއެއް. އަހަރެން ޝައުގުވެރިވާ ކްލަބެއް ލިވަޕޫލަކީ. ރަނގަޅު ތާރީހެއް އޮތް ކްލަބެއް ދެން އެންފީލްޑަކީ ކޮންމެ ކުޅުންތެރިޔަކު ވެސް ކުޅޭހިތްވާނެ ފަދަ ހިތްގައިމު ދަނޑެއް،" ފޯފޯޓޫ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ޓުރާން ބުންޏެވެ.

ލިވަޕޫލުން ޓުރާން އަށް ބިޑްކުރަން ތައްޔާރުވަމުން އަންނައިރު ބާސެލޯނާ އިން އަންނަނީ ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ އަށް ފާރަލަމުންނެވެ.