03 ޖޫން 2016 - 09:19

ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިހާބެއް ބާއްވަން އެތެރެ އާއި ބޭރުން ސަރުކާރަށް ޕްރެޝަރު ކުރިމަތިކުރުވާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ޖަމީލް "މިހާރު" އަށް ވިދާޅުވީ އިދިކޮޅު އެންމެން އެއްގަލަކަށް އަރައި ކުރާނެ އެންމެ އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އެކަމުގައި ބައިނަލްއަގުވާމީ ފަރާތްތަކުގެ އެހީ ލިބޭނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިގުޅައިގަނެފައިވާ ހައްގުތައް ރައްޔިތުންނަށް ހޯދައިދިނުމަކީ ވެސް ކޯލިޝަނުން ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމެކެވެ.
"ރާއްޖޭގައި މިނިވަންކަމާ އެކު އިދިކޮޅު ފަރާތްތަކަށް ހަރަކާތްތެރިވުމުގެ ޖާގައެއް ނެތް. އެ ޖާގަ ކަށަވަރުކޮށްދިނުމަކީ ވެސް އަޅުގަނޑުމެން ކުރާނެ ކަމެއް،" ޖަމީލް ވިދާޅުވި އެވެ.
"އަސާސީ ހައްގުތައް، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމާއި ދުލާއި ގަލަމުގެ މިނިވަންކަން އަނބުރާ ހޯދައިދޭން މީގެ ކުރިން 2008 އާ ހަމައަށް އެހީތެރިވި ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތަކުން އެހީތެރިވާނެ."
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރު ތެރޭގައި ކަން ހިނގާ ގޮތް މިހާރު އެނގެނީ "ސަރުކާރުން ހާމަކުރާ މިންވަރަށް" ކަމަށެވެ. އޭގެ އިތުރަށް ކިތަންމެ ކަމެއް ހިނގިއަސް އެ ކަންކަން ބެލޭނެ ނުވަތަ ރައްޔިތުންނަށް އެނގޭނެ ނިޒާމެއް ގާއިމްވެފައި ނެތް ކަމަށް ވިދާޅުވި އެވެ.
"އޭގެ ނަތީޖާ ވަރަށް ހިތި. ސަބަބަކީ އަޅުގަނޑުމެން ގެނައި ނިޒާމް މިއޮތީ މުޅިން ފުނޑިފައި. އެއް ބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވުން މިހާރު ހިނގައްޖެ،" ޖަމީލް ވިދާޅުވި އެވެ.
އެ ހުރިހާ މައްސަލަތަކުގެ ހައްލު ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކުރިއަށް އޮތް ތަނުގައި ކުރާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދު އެކުލަވާލުމަށް ފަހު ވެފައިވާ އެއްބަސްވުމުގައި ކުރާނެ ކަންކަމުގެ ގޮތުގައި މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ މިނިވަންކުރުމާއި ހައްގުތައް ހޯދައިދިނުން ހިމެނެ އެވެ. އެ އެއްބަސްވުމުގައި އަމާޒު ހިފާފައި ވަނީ ރައީސް ޔާމީން ވެރިކަމުން ދުރުކުރުމަށެވެ.
އިދިކޮޅު އިއްތިހާދުން ރާއްޖެ އިން ބޭރުގައި ތިބެ ހަރަކާތްތަކެއް ހިންގުމަކީ ސަރުކާރަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ ވިދާޅުވެފަ އެވެ. އަދި ވެރިކަން ކުރާ ޕީޕީއެމުން ދެކޭ ގޮތުގައި އެ ކޯލިޝަންގެ ހަމައެކަނި މަގްސަދަކީ ގައުމުގެ މަސްހަތު ނަގާލައި، ޒާތީ މަންފާތަކެއް ހޯދުމެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ސިފަކުރެއްވި ގޮތުގައި ޔުނައިޓެޑް އޮފޮޒިޝަނަކީ ސައިބޯނި ބޮތްކެކެވެ.