މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާގަޑި އުވާލައިފި
މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާގަޑި އުވާލައިފި

ކޮވިޑުން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވެހިކަލް ދުއްވުން މަނާގަޑި އެޗްޕީއޭ އިން ރޭ އުވާލައިފި އެވެ

މީގެ ތިން ހަފުތާއެއްހާ ދުވަސް ކުރިން އެ އިދާރާ އިން ވަނީ މާލެ ސަރަހައްދުގައި ހަވީރު 6 އިން ފަތިސް ވަންދެން ވެހިކަލް ދުއްވުން މަނާކޮށްފަ އެވެ.

ނަމަވެސް އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އިއުލާނެއްގައިވާ ގޮތުން، ހަވީރު 6 އިން ފަތިހު 6 އަށް މާލެެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމުގެ އަމުރު ރެއިން ފެށިގެން ވަނީ އުވާލައިފަ އެވެ. އެހެންވެ، އެއްވެސް ވަގުތަކު އެއްގަމު އުޅަނދު ދުއްވުން މިހާރު މަނައެއް ނުވާނެ އެވެ. އެކަމަކު، ރޭގަނޑު 11 ގެ ފަހުން އިއުލާންކޮށްފައި އޮންނަ ކާފިއުގެ ހާލަތު އަދިވެސް ދެމިއޮންނާނެ އެވެ. އެހެންވެ، މާލެ ސަރަހައްދުގައި ފަތިސް ވަންދެން ބޭރަށް ނުކުމެ އުޅުން މަނާވާތީ، ވެހިކަލް ދުއްވުން ވެސް އެ ގަޑީގައި މަނާވާނެ އެވެ.

މާލެ ސަރަހައްދުގައި ކާފިއު އިއުލާންކުރީ، ކޮވިޑް 19 އަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެންނެވެ. އޭރު ބެލެވުނީ، އެއީ ކޮވިޑްގެ ތިން ވަނަ ރާޅު ކަމަށެވެ. އޭގެ ފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު 200 އާ ވެސް ގާތްކޮށްފައި ވެ އެވެ. މިހާރު ވެސް، ޕޮޒިޓިވް ވާ މީހުންގެ އަދަދު ހުރީ 100 އިން މަތީގަ އެވެ.

މީގެ ތިން ދުވަސް ކުރިން ކެފޭތަކުގެ އެތެރޭގައި ކެއިން ބުއިމުގެ ހިދުމަތް ދޭ ވަގުތު ވެސް ވަނީ އިތުރުކޮށްފަ އެވެ. ކުރިން ރޭގަނޑު 8 އާ ހަމައަށް ކެފޭތަކުން ޑައިން އިން ގެ ހިދުމަތް ހުއްޓާލަން އޮތް ނަމަވެސް އެ ވަގުތު މިހާރު ވަނީ 10:30 އަށް ދަންމާލައިފަ އެވެ.