އިޒްރޭލުގެ އިންތިޚާބުގައި އިސްލާމިކް ޕާޓީ އަށް ބޮޑު ކާމިޔާބެއް!
އިޒްރޭލުގެ އިންތިޚާބުގައި އިސްލާމިކް ޕާޓީ އަށް ބޮޑު ކާމިޔާބެއް!

ތެލް އަވީވް (މާޗް 24) - އިޒްރޭލުގައި ބޭއްވި އާއްމު އިންތިޚާބުގައި ކޮންޒަވެޓިވް އިސްލާމިކް ޕާޓީ ހައިރާން ކުރުވަނިވި ކާމިޔާބެއް ހޯދައި، އެ ޕާޓީއާ ނުލައި އެހެން ބަޔަކަށް ސަރުކާރެއް ގާއިމް ކުރަން ދަތިވެއްޖެ އެވެ.

އިޒްރޭލުގެ އިންތިޚާބުގައި އިސްލާމިކް ޕާޓީ އަށް ބޮޑު ކާމިޔާބެއް!
އިޒްރޭލުގެ އިންތިޚާބުގައި އިސްލާމިކް ޕާޓީ އަށް ބޮޑު ކާމިޔާބެއް!

އަރަބި އެހެން ސިޔާސީ ގްރޫޕްތަކާ ތަފާތުކޮށް، ރާމް ޕާޓީގެ ލީޑަރު މަންސޫރު އައްބާސް ވަނީ، އިޒްރޭލް ސަރުކާރުގައި ބައިވެރިވެދާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތް ކުރަން އައްބާސް އަށް ދަތިވާނެ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވެސް ނުވަތަ އޭނާގެ ވާދަވެރި ޕާޓީއާ ވެސް ބައިވެރިވާން ތައްޔާރަށް،" އިޒްރޭލުގެ ރޭޑިއޯގައި ވާހަކަ ދައްކަވަމުން މަންސޫރު ވިދާޅުވި އެވެ. "އަޅުގަނޑެއް އެއްވެސް މީހެއްގެ ޖީބަށް ވަދެ ނޯންނާނަން."

އިޒްރޭލުގެ އާބާދީގައި އަރަބިންގެ ނިސްބަތަކީ 20 ޕަސެންޓެވެ.

ވޯޓުގެ 90 ޕަސެންޓް ބުދަ ދުވަހުގެ ނިޔަލަށް ގުނާ ނިމުނިއިރު ރާމް ޕާޓީ އަށް އިޒްރޭލުގެ ޕާލަމެންޓުން މަދުވެގެން ފަސް ގޮނޑި ލިބޭނެކަމަށް ވަނީ ބެލެވިފަ އެވެ. އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ނަތަންޔާހޫ އަށް އަދި އޭނާގެ ވާދަވެރިޔާ އަށް ވެސް ސަރުކާރެއް އުފައްދާވަރަށް އަޣުލަބިއްޔަތެއް ނުލިބޭނެ އެވެ. އެހެންވެ ކޯލިޝަން އުފެއްދުމުގެ މަޝްވަރާތައް ވަނީ ފަށައިފަ އެވެ.

ނުވަދިހަ ޕަސެންޓް ވޯޓު ގުނާ ނިމުނުއިރު ނަތަންޔާހޫ އާއި އޭނާ އަށް ތާއީދު ކުރާ ފަރާތްތަކަށް 52 ގޮނޑި ލިބިފައިވާ އިރު ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެންނަން މަސައްކަތް ކުރާ ފަރާތްތަކުން ވަނީ 56 ގޮނޑި ހޯދައިފަ އެވެ. ސަރުކާރެއް އުފެއްދޭނީ 120 ގޮނޑީގެ ޕާލަމެންޓުގެ 61 ގޮނޑި ހޯދާ ބަޔަކަށެވެ. އެހެންވެ ނަތަންޔާހޫއާ ދެކޮޅު ފަރާތްތަކާ ރާމް ޕާޓީ ގުޅިއްޖެ ނަމަ އިޒްރޭލުގައި މިފަހަރު "ކިންގްމޭކާއަކަށް" ވާނީ އިސްލާމިކް ޕާޓީ އެވެ.