24 މާޗް 2021 - 22:23

މާލެ ސަރަހައްދުން 89 މީހަކާ އެކު ކޮވިޑް-19 އަށް އިތުރު 139 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި އަދަދުތަކުން އެނގޭގޮތުގައި އިއްޔެ ހަވީރު 6:00 އާއި މިއަދު ހަވީރު 6:00އާ ދެމެދު ރަށްރަށުން 13 މީހަކާއި ރިސޯޓުތަކުން 19 މީހަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.
އެ 24 ގަޑިއިރު ތެރޭ 6،600 އަށް ވުރެ ގިނަ ސާމްޕަލް ޓެސްޓުކުރި އެވެ.
މިހާރު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،497 އެވެ.
މާލެ ސަރަހައްދުގައި މި ބަލި ކޮންޓްރޯލުން ނައްޓާފައި އޮތް އިރު ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.
މިދިޔަ ހަފުތާގައި ރ. އުނގޫފާރުން ކޮވިޑް ކޭސްއެއް ފެނި އިތުރު އެތައް ރަށަކުން ވެސް ގިނަ ބަޔަކު ޕޮޒިޓިވް ވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ. އެ އަތޮޅު މަޑުއްވަރިން ވެސް މިހާރު ވަނީ ބަލި ފެނިފަ އެވެ. އަދި ބޭސްފަރުވާ އަށް ޅ. ނައިފަރުން އުނގޫފާރަށް ދިޔަ މީހަކު ޕޮޒިޓިވްވެފައި ވާއިރު، ކ. ދިއްފުށިން އެ ރަށަށް ދިޔަ ދެ މީހަކަށް ވެސް ވަނީ ބަލިޖެހިފަ އެވެ. މި އެންމެންނަކީ ވެސް، މި މަހު 2ގެ ފަހުން އުނގޫފާރަށް ދިޔަ މީހުންނެވެ.
ރާއްޖެ އިން މިހާތަނަށް 22،900 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު އެ ބަލީގައި 66 މީހަކު ވަނީ މަރުވެފަ އެވެ.