14 ނޮވެމްބަރ 2016 - 11:26

ރައީސް އަބްދުﷲ ޔާމީން މާދަމާ އައްޑުއަށް ކުރައްވަން އޮތް ދަތުރުފުޅު އެހެން ތާރީހަކަށް ފަސްކޮށްފި އެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ރަންވޭ އާއި ގަމުގެ ސީ ޕްލޭން ބޭސް ރަސްމީކޮށް ހުޅުވަން މާދަމަން ބާއްވަން އޮތް ރަސްމިއްޔާތު ވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ.

އެކަމަކު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު "މިހާރު" އަށް ވިދާޅުވީ އެ ރަސްމިއްޔާތު ފަސްކުރީ ބައެއް ތައްޔާރީތައް އަދި ނުނިމޭތީ ކަމަށެވެ.
އޭގެ ތެރޭގައި ކަސްޓަމްސް އާއި އިމިގްރޭޝަންގެ ބައެއް ކަންކަން ގަން އެއާޕޯޓްގައި ފުރިހަމަވެފައި ނުވާ ކަމަށް އިބްތިޝާމާ ވިދާޅުވި އެވެ.
"އެހެންވެ މިހާރު އި އިވެންޓް މާދަމާ ނުބާއްވަން މިހާރު ނިންމާފައި އޮތީ. ހުރިހާ ތައްޔާރީތަކެއްވެގެން އަންނަ މަހުގެ ތެރޭގައި ރަސްމިއްޔާތު ބޭއްވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ވަކި ތާރީހެއް ފާހަގަނުކުރައްވައި އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން އައްޑު އަށް ވަޑައިގަންނަވާ ކަމަށް އިއްޔެ ރާއްޖޭގެ މީޑިއާތަކުގައި ހަބަރު ފެތުރި އެވެ. އަދި ރައީސް އޮފީހުން އެ ހަބަރު ދޮގުކޮށްފައެއް ވެސް ނުވެ އެވެ.
ރައީސަށް މަރުހަބާ ދެންނެވުމުގެ ގޮތުން އައްޑޫގެ އަވަށްތައް ޒީނަތްތެރިކުރަން މަގުތަކުގައި ގައުމީ ދިދަތައް ވެސް ވަނީ ޖަހައިފަ އެވެ.
އެކަމަކު ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ "މިހާރު" އަށް ވިދާޅުވީ މާދަމާ ރައީސް އައްޑު އަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައި ނުވާނެ ކަމަށެވެ.
"ރައީސްގެ ދަތުރުފުޅެއް އޮތް ނަމަ އަޅުގަނޑުމެން ހާމަކުރަން ޖެހޭ މައުލޫމާތެއް، އެ މައުލޫމާތެއް ހާމަކުރަން ޖެހޭ ދަނޑިވަޅުގައި، އެ އޮންނަ އުސޫލުގެ ތެރެއިން އަބަދުވެސް ހާމަކުރަމުން ގެންދާނީ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމް ދެ ފަޅިވެ، އެ ޕާޓީ ހިންގެވުމުގެ ބާރުތައް ރައީސް ޔާމީނަށް ލިބިވަޑައިގެން ފަހުން ޖަލްސާތައް ބޭއްވުމާއި ރަށްރަށަށް ވަޑައިގަތުން ވަނީ ގިނަކުރައްވައިފަ އެވެ. އެގޮތުން މިދިއަ ހުކުރުދުވަހުގެ ރޭ ރައީސް ޔާމީން ވަނީ ރ. ދުވާފަރުގައި އޮތް ޕީޕީއެމްގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.