"އަވަ މޭން ފްރޮމް ޖާޒީ" ގައި ހެލީ ބެރީ އާއި މާކް ވޮލްބާގް
"އަވަ މޭން ފްރޮމް ޖާޒީ" ގައި ހެލީ ބެރީ އާއި މާކް ވޮލްބާގް

ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ހެލީ ބެރީ އާއި މާކް ވޮލްބާގް ނެޓްފްލިކްސްގެ ސްޕައި ފިލްމަކަށް ސޮއިކޮށްފި އެވެ.

ވެރައިޓީން ބުނީ މި ފިލްމަކީ ވޮލްބާގް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ "އަވަ މޭން ފްރޮމް ޖާޒީ" ކަމަށެވެ. މި ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމަކޮށްފައި ނުވާ އިރު ފިލްމު ސިފަކޮށްފައި ވަނީ "ބްލޫ ކޮލާ ޖޭމްސް ބޮންޑް" ސްޓައިލްގެ ފިލްމެއްގެ ގޮތުގަ އެވެ. އެހެންވެ ހެލީ އަށް މީގެ ކޮންސެޕްޓް އަލެއް ނުވާނެ އެވެ. ސަބަބަކީ އޭނާ އަކީ ބޮންޑް ގާލްގެ ރޯލު ކުޅެފައިވާ ބަތަލާއަކަށްވުމެވެ. އެއީ ޕިއާޒް ބްރޮޒްނަންއާ އެކު 2002 ގެ ބޮންޑް ފިލްމު "ޑައި އެނަދަ ޑޭ" އެވެ.

"އަވަ މޭން ފްރޮމް ޖާޒީ" އަކީ "ސޭފް ހައުސް" އާއި "ޑިޒައިނޭޓެޑް ސަވައިވާ" ގެ ލިޔުންތެރިޔާ ޑޭވިޑް ގަގެންހީމްގެ ސްކްރީންޕްލޭއަކަށް ހަދާ އެއްޗެކެވެ. މީގެ ޑައިރެކްޓަރަކީ ކާކުކަން އިއުލާންކޮށްފައި ނުވާ އިރު ވޮލްބާގާ އެކު ޕްރޮޑިއުސަރެއްގެ ގޮތުގައި ސްޓެފެން ލެވިންސަން ވެސް ހިއްސާވެ އެވެ.

މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން ވޮލްބާގްގެ އެކްޝަން ކޮމެޑީ "ސްޕެންސާ ކޮންފިޑެންޝަލް" އަކީ ވެސް އެ ދެ މީހުން ގުޅިގެން ގެނެސްދިން ފިލްމެކެވެ. އޭގެ ޑައިރެކްޓަރަކީ ޕީޓަ ބާގެވެ.

ބެރީގެ އަލަތު ޑައިރެކްޝަން "ބްރޫޒްޑް" އަކީ ވެސް ނެޓްފްލިކްސް އިން ގެނެސްދޭނެ ފިލްމެކެވެ.